އެމެރިކާގެ ކޮންމެ ރައްޔިތެއްގެ ފުރިހަމަ ވަނަވަރު އެކުލެވޭ ފައިލެއް ތައްޔާރު ކުރެވޭ ހާ މައުލޫމާތު، ޗައިނާއިން ވަގަށް ނަގާފައި ވާ ކަމަށް ވިދާޅުވެ، އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ ކުރީގެ އޮފިޝަލެއް ކަމަށް ވާ މެތިއު ޕޮޓިންގާ، އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ޖާސޫސީ ކޮމިޓީގައި ހެކިބަސް ދެއްވައިފިއެވެ.

ޕޮޓިންގާއަކީ އެމެރިކާގެ ކުރީގެ ރައީސް، ޑޮނާލްޑް ޓްރަމްޕްގެ ވެރިކަމުގައި، ގައުމީ ސަލާމަތާ ބެހޭ މުޝްތަޝާރުގެ ނައިބު ކަމުގެ މަގާމު އަދާ ކުރައްވާފައިވާ ފަރާތެކެވެ.

ސެނެޓް ކޮމިޓީގައި ވާހަކަދައްކަވަމުން ޕޮޓިންގާ ވިދާޅުވީ، މީސްމީހުންނާ ބެހޭ ވަނަވަރު ފައިލްތައް ތައްޔާރު ކުރުމަކީ ރަޝިއާގެ ހުދުމުހުތާރު ވެރިޔާ ލެނިންގެ ފިކުރުގެ ދައުލަތްތަކުން އާންމުކޮށް ކުރާ ކަމެއް ކަމަށާ، ނަމަވެސް 5-ޖީ ޓެކްނޮލޮޖީވެސް ހިމެނޭހެން، ޑިޖިޓަލް ނެޓްވޯކްގެ ދުނިޔެއަށް ވަދެ ޗައިނާއިން ކުރި ކަމަކީ އާ ހަރުފަތަކަށް އެކަން ގެންދިއުން ކަމަށެވެ.

މި މޭރުމުން ވާހަކަ ކުރިއަށް ގެންދަވަމުން ޕޮޓިންގާ ވިދާޅުވީ، ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް މިލިއަން ރައްޔިތުންނެއްގެ މައުލުމާތު އެއްކޮށް، ޗައިނާއިން ފައިލް ތައްޔާރު ކުރަމުން ދާ ކަމަށެވެ. މި މައުލޫމާތު އެއް ކުރަނީ ނުފޫޒު ފޯރުވުމަށާ، އަމާޒުފަތްގަނޑަކަށް ހެދުމުގެ އިތުރުން ލަދު ގެންނެވުމާއި ބައިބައިވުން އުފައްދާ، ތަންތަން ހިފުމުގެ ބޭނުމުގައި ކަމަށްވެސް ޕޮޓިންގާ ވަނީ ވިދާޅުވެފައެވެ.

ޕޮޓިންގާ ވިދާޅުވީ އެމެރިކާގެ ކުޑަކުދިންގެ ވަނަވަރުވެސް ޗައިނާއިން އެއް ކޮށްފައި ވާ ކަމަށާ، ޗައިނާއިން ކުޅޭ ސިޔާސީ ކުޅިގަނޑުގައި ކުޑަކުދިންގެ މައުލޫމާތު އެއް ކުރުމަކީވެސް އެ ގައުމަށް ހަމަ އެންމެ ރަނގަޅު ކަމެއް ކަމަށެވެ.

މި އަހަރުގެ ޖުލައި މަހުގެ ތެރޭގައި އެމެރިކާއިން ވަނީ، މައިކްރޮސޮފްޓް ކުންފުންޏަށް އަމާޒު ކޮށް ޗައިނާއިން ސައިބާ ހަމަލާ ދީފައި ވާ ކަމުގެ ތުހުމަތު، ޗައިނާއަށް އަމާޒު ކޮށްފައެވެ.