ސައުދީ އަރަބިއްޔާގައި ތަރައްގީ ކޮށްފައި ވާ އެ ގައުމުގެ ފުރަތަމަ ވިންޑްފާމް، ނުވަތަ ވައިން ހަކަތަ އުފައްދާ ނިޒާމް، ކަރަންޓުގެ މައި ގުރިޑާ ގުޅާ، ކާބަން ފްރީ ކަރަންޓް އުފައްދަން ފަށައިފިއެވެ.

ދުމާތު އަލް-ޖަންދަލްގެ ނަން ދީފައި ވާ މި ވިންޑްފާމަކީ، ސައުދީ އަރަބިއްޔާ ހިމެނޭ ސަރަހައްދުގައި ހިންގާ އެންމެ ބޮޑު ވިންޑްފާމެވެ. މި ވިންޑްފާމުގައި 99 ވިންޑް ޓާބައިން ނުވަތަ ހަކަތަ އުފައްދާ ފަންކާ ހުންނައިރު، މި ފާމުން 70000 ގެއަކަށް ކަރަންޓް ފޯރުކޮށްދެވެއެވެ.

މި ވިންޑްފާމް ތަރައްގީ ކޮށްފައި ވަނީ، ހަކަތައިގެ ދުނިޔޭގައި ނަން ހިނގާ 2 ކުންފުންނެއް ކަމަށް ވާ އީޑީއެފް ރިނީއުއަބަލްސްއާއި މަސްދަރު ގުޅިގެންނެވެ. މި މަޝްރޫއު ތަރައްގީ ކުރުމުގެ މަރުހަލާގައި އެކަނިވެސް 600 އެއްހާ ވަޒީފާގެ ފުރުސަތު އުފެއްދުނު ކަމަށް މައުލޫމާތު ލިބެއެވެ.

މި ވިންޑްފާމްގެ މަޝްރޫއަކީ، ސައުދީގެ އިގުތިސޯދު ތެލަށް ބަރޯސާ ވެފައި އޮތް އޮތުން ކުޑަކޮށް، 2030 ވަނަ އަހަރު އަންނައިރު މުޅިން އާ ސައުދީ އުފެއްދުމަށް އެ ގައުމުން ގެންގުޅޭ ތަސައްވުރުގެ ތެރެއިން ހިންގި މަޝްރޫއެކެވެ. މި ވިންޑްފާމް ތަރައްގީ ކުރުމުގެ މަސައްކަތް ފަށާފައި ވަނީ ސެޕްޓެމްބަރު 2019 ގައެވެ.

ވިންޑްފާމްގެ މަސައްކަތް މުޅިންހެން ނިމުމަކާ ގާތް ވެފައި ވާއިރު، މަސައްކަތް އެއްކޮށް ނިންމާލުމުން އަހަރެއްގެ މައްޗަށް، 988000 ޓަނުގެ ކާބަންޑައިއޮކްސައިޑް ސަލާމަތް ކުރެވޭނެ ކަމަށް ލަފާ ކުރެވެއެވެ. ކާބަންޑައިއޮކްސައިޑް ނުވަތަ ސީއޯޓޫއަކީ ޖައްވު ހޫނުކުރާ ވިހަ ގޭސްތަކުގެ ތެރެއިން، އިންސާނުން އެންމެ ގިނައިން ޖައްވަށް ބޭރު ކުރާ އެއް ގޭހެވެ.