ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް ތަރައްގީ ކޮށްފައި ވާ ހުރިހާ ވެކްސިނަކީ އެއްވެސް ތާކުން ތާކު ޖެހޭ އެއްޗެއް ނޫން ކަމަށާ، އެމެރިކާގެ ސިއްހީ ތަޖުރިބާކާރު ޑރ އެންތަނީ ފައުޗީއަކީ ކަންނެތް މީހެއް ކަމަށް ބުނެ، ވެކްސިނާ ދެކޮޅަށް އަޑު އުފުލަމުން ދިޔަ ވާތު ފިޔައިގެ ރޭޑިއޯ ހޮސްޓް ޑިކް ފަރޭލް، ކޮވިޑް ބަލީގައި މަރުވެއްޖެއެވެ.

ރޭޑިއޯގެ ދުނިޔެއަށް މަޝްހޫރު ޑިކް ފަރޭލް ވަނީ، ކޮވިޑް-19ގެ ބަލިމަޑުކަމަކީ ބަޔަކު އޮޅުވާލައިގެން ހިންގާ ކެމްޕޭނެއް ކަމަށް ސިފަކޮށް، ޑރ ފައޫޗީއަކީ ބާރުގެ ނާޖާއިޒު ފައިދާގައި ޖެހިފައި ވާ މީހެއް ކަމަށް ބުނެ، ފާޑުކިޔާފައެވެ.

ކޮވިޑް ވެކްސިނަށް ހަޖޫ ޖަހަމުން ދިޔަ ފަރޭލްއަށް އެންމެ ފަހުން އެ ބަލި ޖެހި، އެންމެ ފަހުގެ ދުވަސްތަކުގައި އޭނާގެ ހިޔާލު ބަދަލުވި ކަމަށް މައުލޫމާތު ލިބެއެވެ. މިދިޔަ ޖޫން މަހުވެސް، ކޮވިޑް ވެކްސިނާ ދެކޮޅަށް އަޑު ފެތުރި ފަރޭލް އެންމެ ފަހުން ވަނީ، އޭނާގެ ގާތް ރަހުމަތްތެރިންނަށް ގުޅާ، ވީ އެންމެ އަވަހަކަށް ވެކްސިން ޖެހުމަށް އެދިފައި ކަމަށް ހަބަރު ލިބެއެވެ.

ސޯޝަލް މީޑިއާއަށް ދޫކޮށްލި ޕޯސްޓެއްގައި ފަރޭލްގެ އެކުވެރިއަކު ބުނެފައި ވަނީ، އޭނާ ވެކްސިން ޖެހީ ފަރޭލްއާ ހެދި ކަމަށާ، ކޮވިޑަކީ ޖޯކެއް ނޫން ކަމަށް ހުދު، ފަރޭލްވެސް ފަހުން ބުނެފައި ވާ ކަމަށެވެ. އަދި އޭނާއަށްވެސް ވެކްސިން ޖެހުނު ނަމައޭ ފަރޭލް ބުނި ކަމަށްވެސް އެކުވެރިޔާގެ ޕޯސްޓްގައި ވެއެވެ.