2037 ވަނަ އަހަރު އަންނައިރު އިންސާނުން މާސް ޕްލެނެޓަށް ފޮނުވުމަށް ސައެންސްވެރިން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، އެ މަޝްރޫއަށް ބޭނުންވާ އަންހެނުންނާއި ފިރިހެނުން ރެކްރޫޓު ކުރުމުގެ މަސައްކަތް، އެމެރިކާގެ ޖައްވީ އިދާރާ (ނާސާ) އިން ފަށައިފިއެވެ.

މި މަޝްރޫއަށް މީހުން ރެކްރޫޓު ކުރުމުގެ ގޮތުން ނާސާއިން ދަނީ، މާސްގެ ވެއްޓާ އެއްގޮތަށް ފަރުމާކޮށްފައި ވާ ސިމިއުލޭޓަޑް ވެއްޓެއްގައި 1 އަހަރު ދުވަސް ހޭދަ ކުރާނެ، ކެރޭ، އަޒުމު ހުރި ފަރުދުން ހޯދަމުންނެވެ. މި މީހުން ދިރިއުޅޭނީ 1700 އަކަފޫޓުގެ މާސް ޑިއުން އަލްފާ މޮޑިއުލްގައެވެ. މި މޮޑިއުލްއަކީ، އައިކަން އިން ތްރީޑީކޮށް ޕްރިންޓް ކޮށްފައި ވާ މޮޑިއުލްއެކެވެ.

މޮޑިއުލްތަކުގައި ކުރަމުންދާ ތަޖުރިބާއަކީ، އިންސާނުން މާސްއާއި ހަނދަށް ފޮނުވުމުގައި ކުރިމަތިވެދާނެ މައްސަލަތައް ދެނެގަނެ، އެކަންކަން ހައްލު ކުރުން ކަމަށް މައުލޫމާތު ލިބެއެވެ.

މި މަޝްރޫއުގައި ބައިވެރިވުމުގެ ފުރުސަތު މިމަހުގެ 6 ވަނަ ދުވަހު ހުޅުވާލާފައި ވާއިރު، ސެޕްޓެމްބަރު 12، 2021 ގެ ނިޔަލަށް އެޕްލިކޭޝަން ހުށަހެޅޭނެ ކަމަށް ނާސާއިން ބުނެއެވެ.

މަޝްރޫއުގައި ބައިވެރިވާން އެދި ހުށަހަޅާ ފަރާތްތަކަކީ އުމުރުން 30 އަހަރާއި 55 އަހަރާ ދެމެދުގެ މީހުންނަށް ވާން ޖެހޭނެ ކަމަށާ، އަދި އެމީހުންނަކީ ސްޓެމް ޑިސިޕްލިންގެ ކޮންމެވެސް ދާއިރާއަކުން މާސްޓާސް ޑިގްރީ ހާސިލު ކޮށްފައި ވާ މީހަކަށް ވުން ލާޒިމު ކަމަށްވެސް ނާސާއިން ބުނެއެވެ. މީގެ އިތުރުން ކަމާ ގުޅުން ހުރި ދާއިރާއަކުން 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައި ވުމަކީވެސް އެ އިދާރާއިން ބަލާނެ ކަމެއް ކަމަށް ނާސާއިން ބުނެއެވެ. ސްޓެމް ޑިސިޕްލިންގެ ދާއިރާތަކުގެ ތެރޭގައި އިންޖިނޭރިންގް، ބައިލޮޖިކަލް ސައެންސް، ފިޒިކަލް ސައެންސް، ކޮމްޕިއުޓާ ސައެންސް ނުވަތަ ހިސާބު ހިމެނެއެވެ.

މި މަޝްރޫއުގައި ބައިވެރިވާ މީހުންނަކީ އެމެރިކާގެ ރައްޔިތަކަށް ނުވަތަ އެމެރިކާގެ ދާއިމީ ރަށްވެހިކަން އޮތް މީހަކަށްވެސް ވާންޖެހެއެވެ. އަދި ނާސާގެ ޖައްވީ ފަޅުވެރިންނަށް ދޭ ފިޒިކަލް އިމްތިހާނުން ފާސްވާންވެސްޖެހެއެވެ.