ނޫސްވެރިޔާ އަހްމަދު ރިލްވާން ގެއްލުނު މައްސަލާގައި ހެކިބަސް ދޭން ބައެއް މީހުން ޖެހިލުންވާ ކަމަށް މަރު ކޮމިޝަނުން ބުނެފިއެވެ

މަރު ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރިޟްވާން ގެއްލުވާލާފައިވާ މައްސަލައިގެ ހަގީގަތް ހޯދާ، އެ މައްސަލައިގައި އިންސާފު ހޯދާދިނުމަށްޓަކާ ގިނަ މަސައްކަތްތަކެއް ކޮމިޝަނުން ކުރަމުންދާ ކަމަށެވެ.

އެގޮތުން، ކޮމިޝަނުން ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް ކުރިއަށް ގެންދިއުމުގެގޮތުން، މޯލްޑިވްސް ޕޮލިސް ސާވިސް އާ، ރާއްޖެ އިން ބޭރުގެ އެފަދަ މައްސަލަތައް ތަހުގީގު ކުރުމުގެ ދާއިރާގައި މަސައްކަތް ކުރާ ތަޖުރިބާ ކާރުންގެ އެހީތެރިކަން ހޯދަމުންދާ ކަމަށް ކޮމިޝަނުން ބުނެއެވެ.

ކޮމިޝަނުން ބުނީ އެ ތަހުގީގު ކުރިޔަށް ގެންދިއުމުގައި ގިނަ ހުރަސްތަކެއް ކުރިމަތިވެފައި ވީނަމަވެސް، އެ ހުރަސްތަކުން އަރައިގަތުމަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން، އެ މައްސަލައިގެ މައުލޫމާތު އެނގިތިބި ފަރާތްތައް ހެކިބަސް ދިނުމަށް އެކި ސަބަބުތަކާހުރެ ޖެހިލުންވާތީ، އެކަމަށް ހައްލު ހޯދުމުގެ ގޮތުން، ދައުލަތުގެ ކަމާގުޅުން ހުރި މުއައްސަސާތަކާ މަޝްވަރާކޮށްގެން ގާނޫނީ އިމުގެ ތެރެއިން ހެކިންނަށް ރައްކާތެރި މާހައުލެއް ހަމަޖެއްސޭނެ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ކޮމިޝަނުން ވަނީ ބުނެފައެވެ.

ކޮމިޝަނުން އިތުރަށް ބުނީ ޖިނާއީ އަދުލުގެ ނިޒާމަށް ރައްޔިތުންކުރާ އިތުބާރު އިތުރުވެ މައްސަލަތަކުގައި ހެކިބަސް ދޭން ބޭނުންވާ ފަރާތްތަކުން، ހެކިބަސް ދިނުމަށް ޖެހިލުންވުން ކުޑަކުރެވިގެންދާނެ ކަމަށް ދެކޭ ކަމަށާއި، ބޭރުގެ ކަމާ ގުޅޭ ތަޖުރިބާކާރުންގެ އެހީތެރިކަމާއެކު، ހެކިބަސް ދޭ ފަރާތްތަކަށް ރާއްކާތެރިކަން ދިނުމާ ގުޅޭ ޕްރޮގްރާމެއް އެކުލަވާލުމުގެ މަސައްކަތް ދައުލަތުގެ ކަމާގުޅުންހުރި މުއައްސަސާތަކުގެ ބައިވެރިވުމާއެކު ކުރަމުންދާ ކަމަށެވެ.

އެ ޕްރޮގްރާމް ކުރިޔަށް ގެންދަނީ، ރާއްޖޭގެ އިޖުތިމާއީ، ދީނީ، ސިޔާސީ އަދި އާބާދީގެ މައްޗަށް ރިއާޔަތްކުރެވި، ރާއްޖެފަދަ ގައުމެއްގައި މި ނިޒާމު އެންމެ އެކަށީގެންވާ ގޮތެއްގައި ހިންގޭނެ ގޮތެއް ބަލާ، އެކަންކަމުގެ މައްޗަށް ރިއާޔަތްކޮށް، އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސްގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިންކަން ކޮމިޝަނުން ވަނީ ފާހަގަކޮށްފައެވެ.

ކޮމިޝަނުން ބުނީ މުޖުތަމައުގައި އުޅޭ ފަރާތްތަކުގެ ތެރެއިން މިފަދަ ކުށްތަކާ ގުޅޭ މައުލޫމާތު އެނގިތިބި ފަރާތްތަކަށް، ހެކިބަސް ދިނުމުގެ ބޭނުންތެރިކަމާ، އެކަމުގެ މުހިއްމުކަމާ އަދި އެ ދެވޭ ހެކިބަހުގެ ސަބަބުން ހެކިބަސްދޭ ފަރާތަށް ނުރައްކަލެއް ނެތްކަމުގެ އިހުސާސްކުރެވޭނެ މާހައުލެއް ގާއިމު ކުރަންޖެހޭ ކަމަށެވެ.

މަރު ކޮމިޝަނުގެ މެންބަރު މިސްބާހް އައްބާސް / ފޮޓޯ: ރައީސް އޮފީސް

ރިޟްވާން ގެއްލުވާލާފައިވާ މައްސަލައާ ގުޅިގެން އެއްވެސް މައުލޫމާތެއް ދޭން ބޭނުންވާނަމަ، އެފަރާތަކުން ކޮމިޝަނަށް ހާޒރުވެ ނުވަތަ ކޮމިޝަންގެ މޯބައިލް ނަންބަރު 7390841 ފޯނަށް ގުޅާ މައުލޫމާތު ހިއްސާކުރުމަށް ކޮމިޝަނުން ވަނީ އެދިފައެވެ.

ނޫސްވެރިޔާ ރިޟްވާން ގެއްލުވާލިތާ މިއަދަށް ހަތް އަހަރުވެފައިވާ އިރު އެ މައްސަލާގައި މިހާރު ކުރިއަށް ދަނީ 2014 ވަނަ އަހަރުގެ އޯގަސްޓު މަހުގެ ހަތް ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި، ހުޅުމާލޭގައި ރިޟްވާން ދިރިއުޅެމުން ދިޔަ 21 ނަންބަރު ފްލެޓް ކައިރިން ގަދަކަމުން މީހަކު ކާރަކަށް އަރުވަން އުޅުމުގެ ތެރޭގައި މަގުމައްޗަށް ވެއްޓިފައިވާ ވަޅީގެ ތަހުލީލުތައް ހެދުމެވެ.

އެގޮތުން، އެ ވަޅި ވަނީ ރާއްޖެއިން ބޭރަށް ފޮނުވާފައެވެ. އަދި އެ ވަޅިއާ ބެހޭ ސާބިތު ހިފޭ މައުލޫމާތު ގެނެސްދިން މީހަކަށް 5 ލައްކަ ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައެވެ.

ރިޟްވާންގެ މަރުގެ މައްސަލައިގެ ފުރިހަމަ ރިޕޯޓެއް މި އަހަރު ނިމުމުގެ ކުރިން ލިބޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ވިދާޅުވެފައެވެ.