ނޫސްވެރިޔާ، އަހްމަދު ރިޟްވާން ގެއްލުވާލި މައްސަލައި ހަ ފަހަރު މަރު ކޮމިޝަނަށް ހާޒިރުކޮށްފައިވާ ކަމަށް ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސައިން ވަހީދު ވިދާޅުވެއްޖެއެވެ.
މިދިޔަ އަންގާރަ ދުވަހު މަރު ކޮމިޝަނަށް ހުސައިން ވަހީދު ފަހުން ހާޒިރުކުރިއިރު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ހުސައިން ވަހީދު ވިދާޅުވީ މިއީ އޭނާ މަރު ކަމިޝަނަށް ގެންދިޔަ ހަ ވަނަ ދުވަސް ކަމަށެވެ. އެގޮތުން ޖުލައި މަހު ފަސް ފަހަރު ކޮމިޝަނަށް ހާޒިރުކޮށްފައިވާ ކަމަށާ ހައްޖު ދުވަހު އަރަފާތު ގަޑީގައި ވެސް އިނީ ކޮމިޝަނުގައި ކަމަށް ހުސައިން ވަހީދު ވިދާޅުވިއެވެ.
އޭގެ އިތުރުން އޯގަސްޓް މަހު 01 ފަހަރު ކޮމިޝަނަށް ހާޒިރުކޮށްފައިވާ ކަމަށާއި ކަމިޝަނުގެ އެއްބާރުލުން ކުޑަ ކަމާ އެ ބޭފުޅުންގެ ވެރިންގެ ފަރާތުން އައިސްފައިވާ އޯޑަރު ތަކުގެ ސަބަބުން ދެ ފަރާތުން ރަނގަޅަށް ވާހަކަ ދައްކާ ނުލެވުނު ކަމަށް ވެސް ހުސައިން ވަހީދު ވަނީ ވިދާޅުވެފައެވެ.
ހުސައިން ވަހީދު ވިދާޅުވީ އެބޭފުޅުން ވަރަށްބޮޑު މަޖުބޫރުކަމެއްގައި ތާށީވެފައިވާ ކަން ފާހަގަވި ކަމަށެވެ. އަދި ވަކި ތާރީހަކަށް ވަކި ގޮތަކަށް ރިޕޯޓެއް ނެރެން ޖެހިގެން އުޅުނުކަން ފާހަގަކުރެވިފައިވާ ކަމަށް ވެސް ހުސައިން ވަހީދު ވިދާޅުވިއެވެ.
ރިޟްވާންގެ މަރުގެ މައްސަލާގައި މިހާރު ކުރިއަށް ދަނީ 2014 ވަނަ އަހަރުގެ އޯގަސްޓު މަހުގެ ހަތް ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި، ހުޅުމާލޭގައި ރިޟްވާން ދިރިއުޅެމުން ދިޔަ 21 ނަންބަރު ފްލެޓް ކައިރިން ގަދަކަމުން މީހަކު ކާރަކަށް އަރުވަން އުޅުމުގެ ތެރޭގައި މަގުމައްޗަށް ވެއްޓިފައިވާ ވަޅީގެ ތަހުލީލުތައް ހެދުމެވެ. އެގޮތުން، އެ ވަޅި ވަނީ ރާއްޖެއިން ބޭރަށް ފޮނުވާފައެވެ. އަދި އެ ވަޅިއާ ބެހޭ ސާބިތު ހިފޭ މައުލޫމާތު ގެނެސްދިން މީހަކަށް 5 ލައްކަ ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައެވެ.
ރިޟްވާންގެ މަރުގެ މައްސަލައިގެ ފުރިހަމަ ރިޕޯޓެއް މި އަހަރު ނިމުމުގެ ކުރިން ލިބޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ވިދާޅުވެފައެވެ.