ކަނޑައެޅިގެން ވަކި ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް، ޖޯންސަން އެންޑް ޖޯންސަން ކުންފުނިން ތަރައްގީ ކޮށްފައި ވާ ވެކްސިނަށް، އިންޑިއާގެ ކަމާ ބެހޭ ފަރާތްތަކުން ރުހުން ދީފައި ވާ ކަމަށް، އެ ގައުމުގެ ޔޫނިއަން ހެލްތު މިނިސްޓަރު، މަންސޫހު މަންދާވިޔާ ވިދާޅުވެއްޖެއެވެ.

ޖޯންސަން އެންޑް ޖޯންސަންގެ ކޮވިޑް ވެކްސިނަކީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އާންމު ގޮތެއްގައި ބޭނުން ކުރަމުން އަންނަ ކޮވިޑް ވެކްސިން ވެކްސިންތަކާ ހިލާފަށް، 1 ޑޯޒްގެ މައްޗަށް އެކުލެވޭ ވެކްސިނެކެވެ.

ޖޯންސަން އެންޑް ޖޯންސަންގެ ކޮވިޑް ވެކްސިނަށް އިންޑިއާއިން ދީފައިވާ، ކުއްލި ހާލަތްތަކުގައި ބޭނުން ކުރުމުގެ ހުއްދައަކަށް ވާއިރު، މި ލިސްޓުގައި ދެން ހިމެނޭ އިތުރު ވެކްސިންތަކުގެ ތެރެގައި ކޮވިޝީލްޑް، ކޮވެކްސިން، މޮޑާނާ އަދި ސްޕަޓްނިކް 5 ހިމެނެއެވެ.

ޖޯންސަން އެންޑް ޖޯންސަން އިންޑިއާގެ ތަރުޖަމާނަކު ވިދާޅުވީ، އެ ކުންފުނީގެ ވެކްސިނަށް ރުހުން ދީ، އޯގަސްޓް 7 ވަނަ ދުވަހު އިންޑިއާ ސަރުކާރުން ބަޔާން އާންމު ކުރުމާ މެދު އެ ކުންފުނިން އުފާ ކުރާ ކަމަށެވެ. އިންޑިއާއިން މި ވެކްސިން ޖަހަން ރުހުން ދީފައި ވަނީ، އުމުރުން 18 އަހަރުން މަތީގެ މީހުންނަށެވެ.

ބައޮލޮޖިކަލް އީ ލިމިޓަޑް ކުންފުންޏާ ގުޅިގެން އިންޑިއާއަށް ޖޯންސަން އެންޑް ޖޯންސަންގެ ކޮވިޑް ވެކްސިން ގެންނައިރު، މިއީ އިންޑިއާގެ އިތުރުން، ދުނިޔޭގެ އެހެން މަންޒިލްތަކަށްވެސް މި ވެކްސިން ފޯރުކޮށްދިނުމަށް ކޮށިގެން ދާ މަގެއް ކަމަށް ޖޯންސަން އެންޑް ޖޯންސަން ކުންފުނިން އާންމު ކުރި ބަޔާނެއްގައިވެއެވެ.

ޖޯންސަން އެންޑް ޖޯންސަންގެ ކޮވިޑް ވެކްސިނަށް އިންޑިއާއިން ރުހުން ދީފައި މިވަނީ، ކުލިނިކަލް ޓްރަޔަލްގެ 3 މަރުހަލާއަކުން ލިބުނު މައުލޫމާތުގެ މައްޗަށް ބިނާކޮށް، އެ ވެކްސިންގެ ރައްކާތެރި ކަމާ ކާމިޔާބީ ވަޒަން ކުރުމަށް ފަހުގައެވެ. ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، ޖޯންސަން އެންޑް ޖޯންސަންގެ ކޮވިޑް ވެކްސިނަކީ، ކޮވިޑް ޖެހި، ބަލި ސީރިއަސް ވުމުގެ ނުރައްކަލުން ދުރުކޮށްދިނުމުގެ ފުރުސަތު، 85 ޕަސެންޓަށް އޮންނަ ވެކްސިނެކެވެ.