ކޮވިޑް މެޑިކަލް ފެސިލިޓީއަކަށް ބަދަލުކުރި ހުޅުމާލެ ޑިސްޓްރިބިއުޝަން ސެންޓަރުގެ 41 ޕަސެންޓް މަސައްކަތް ނިމިއްޖެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.

އެޗްޑީސީން ބުނީ، ކޮވިޑް ބަލި ޖެހޭ މީހުންނަށް ފަރުވާ ދިނުމަށް ހުޅުމާލޭގައި ހަދާ ދެވަނަ ފެސިލިޓީގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށް ދާ ކަަމށެވެ. އެ ގޮތުން މިހާރު އެ ފެސިލީޓީ ތަރައްގީ ކުރުމަށް ކުރާ މަސައްކަތުގެ ތެރޭގައި ހިމެނެނީ ޕާޓިޝަން ޖެހުމާއި ސީލިން ކުރުމާއި ކުލަލުން ފަދަ އިންޓީރިއާ މަސައްކަތްތައް ކަމަށް އެޗްޑީސީން ބުނެއެވެ. މި ވަގުތު އެ މަސައްކަތުގެ 41 ޕަސެންޓް ނިމިފަިއވާ ކަމަށް އެޗްޑީސީން ބުނެއެވެ.

ހުޅުމާލޭގައި ގާއިމްކުރާ ދެވަނަ ކޮވިޑް ފެސިލިޓީގެ މަސައްކަތްތައް ކުރިއަށް ދަނީ / ފޮޓޯ: އެޗްޑީސީ

މީގެ ކުރިން ވަނީ ހުޅުމާލޭ ޓްރީ ޓޮޕް ހޮސްޕިޓަލްގެ ކުރިމައްޗަށްވާ ގޮތަށް ހުންނަ އިމާރާތް ހުޅުމާލެ މެޑިކަލް ފެސިލިޓީ ގެ ނަމުގައި ހުޅުވާފައެވެ. އެ ފެސިލިޓީގައި އައިސީޔޫއާއި ވެންޓިލޭޓަރު ފަދަ ވަސީލަތް ވަނީ ގާއިމު ކޮށްފައެވެ. 290 އެނދުގެ ޖާގައިގެ އެ ފެސިލިޓީ ނިންމާ ކޮވިޑް ބަލި މީހުންނަށް ފަރުވާ ދޭން ފެށީ މިދިޔަ އަހަރުގެ ޖޫން މަހުގެ ކުރީކޮޅެވެ.

ހުޅުމާލޭގައި ދެވަނަ ފެސިލީޓި ގާއިމް ކުރަން ސަރުކާރުން ނިންމީ މިދިޔަ މެއި މަހު އައި ކޮވިޑްގެ ބިޔަ ރާޅާ އެކު ހުޅުމާލޭގައި ހުރި ފެސިލީޓީ ފުރި ބާރުބޮޑުވުމުގެ ސަބަބުންނެވެ. ދެވަނަ ފެސިލިޓީ ހެދުމުން ފަރުވާ ދެވޭ މީހުން އިތުރުވެ ކޮވިޑް ބައްޔަށް ފަރުވާ ދިނުމުގައި ކުރިއެރުންތަކެއް ފެންނާނެ ކަމަށް އެޗްޑީސީން ބުނެއެވެ

ހުޅުމާލެ މެޑިކަލް ފެސިލިޓީއަށް ފަހު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަނީ ކޮވިޑް ބައްޔަށް ފަރުވާ ދޭ ފެސިލީޓީތައް ހަދާފައެވެ. އެގޮތުން ބ. އޭދަފުށި، ށ. ފޮނަދޫ، ގއ. ވިލިނގިލި، ގދ. ތިނަދޫ އަދި ލ. ގަން ފެސިލިޓީ ހިމެނެއެވެ.

އާ ފެސިލިޓީގެ މަސައްކަތް ހަލުވި ސްޕީޑެއްގައި ކުރިއަށް ދާއިރު އައިޖީއެމްއެޗް އިން ވަނީ، ވަގުތީގޮތުން މަސައްކަތް ކުރާނެ 36 ނަރުހަކު ހޯދަން އިއުލާނު ކޮށްފައެވެ. އައިޖީއެމްއެޗް އިން ހޯދަނީ ކޮވިޑަށް ޕޮޒިޓިވް ވާ ފަރާތްތަކަށް ހާއްސަކޮށްފައި ވާ ފެސިލިޓީ، ހުޅުމާލެ މެޑިކަލް ފެސިލިޓީއާއި ކޮވިޑް ބައްޔަށް ފަރުވާދޭ އެހެނިހެން ތަންތަނުގައި މަސައްކަތް ކުރާނެ މީހުންނެވެ.