ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް އެކަށީގެންވާ ގޮތެއްގައި ވެކްސިން ކެމްޕޭންތައް ހިންގަމުން ނުދާ ސަރަހައްދުތަކާ، ސިއްހީ ނިޒާމު އިނދަޖެހިފައި ވާ މަންޒިލްތަކުގައި، އިންޑިއާއިން ފެންމަތިވި ޑެލްޓާ ވޭރިއަންޓުގެ ބާރު ގަދަ ވަމުން އަންނަ މި ދަނޑިވަޅުގައި، ދުނިޔޭގެ އެކި ކަންކޮޅުތަކުން ކޮވިޑަށް ޕޮޒިޓިވް ވި ޖުމުލަ ކޭސްތަކުގެ އަދަދު 201 މިލިއަނަށް ވުރެ މައްޗަށް އަރައިފިއެވެ.
އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން، ދުނިޔޭގެ އެކި ކަންކޮޅުތަކުން 201005476 ކޭހެއް ވަނީ ރެކޯޑް ކޮށްފައެވެ. މި ދުވަސްވަރަކީ ބަލީގެ ކޭސްތައް އެންމެ ފުރަތަމަ ރިޕޯޓް ކުރަން ފެށި ޗައިނާގެ ވޫހާން ސިޓީގައި ބަލީގެ ކޭސްތައް އަލުން ފެންނަން ފަށާފައި ވާ ދުވަސްވަރެކެވެ.
މި ދުވަސްވަރަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ކޮވިޑް ކޭސްތައް ރިޕޯޓް ކުރާ މިންވަރު އިތުރު ވަމުން އަންނަ ދަނޑިވަޅަކަށް ވާއިރު، ވެކްސިން ޖެހުމުގައި ފަގީރު ގައުމުތަކާއި މުއްސަނދި ގައުމުތަކާ ދެމެދު އޮތް ފަރަގު ފާހަގަ ކުރަން ޖެހެއެވެ. ދުނިޔޭގެ ގައުމުތަކުގެ 3 ބައިކުޅަ 1 ގައުމުގައި ކޮވިޑް ކޭސްތައް އިތުރު ވަމުން އަންނައިރު، ބައެއް ގައުމުތަކުގެ އާބާދީތަކަށް އަދި ފުރަތަމަ ޑޯޒްވެސް ފޯރުކޮށްދެވިފައެއް ނުވެއެވެ.
ފާއިތުވީ 7 ދުވަހަށް ބަލާއިރި އެންމެ ގިނަ ކޭސް ރިޕޯޓް ކުރި ގައުމުތަކުގެ ތެރޭގައި އެމެރިކާ (675304)، އިންޑިއާ (284160) އަދި އިންޑޮނޭޝިއާ (244840) ފާހަގަ ކުރެވެއެވެ. ކޮވިޑް ޖެހިގެން، ފާއިތުވީ 7 ދުވަހުގެ ތެރޭގައި އެންމެ ގިނަ އަދަދެއްގެ ބަޔަކުޔ މަރުވެފައި ވަނީވެސް އިންޑޮނޭޝިއާއިންނެވެ. މިދިޔަ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އިންޑޮނޭޝިއާއިން ކޮވިޑްގައި 11977 މީހެއްގެ ފުރާނަ ގެއްލިފައި ވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.
ކޮވިޑްގެ ޝިކާރައަކަށް ވެ، ދުނިޔޭގެ އެކި ކަންކޮޅުތަކުން މިހާތަނަށް 4270233 މީހެއްގެ ފުރާނަ ގެއްލިފައިވެއެވެ. އަދި ބަލި ޖެހުނު މީހުންގެ ތެރެއިން 181006410 ކޭހަކަށް ޝިފާ ލިބި، ބަލިން ރަނގަޅުވެފައި ވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. މިވަގުތު އެކްޓިވް ކޭހުގެ ގޮތުގައި 15728833 ކޭސް ރެކޯޑް ކޮށްފައި ވާއިރު، 99.4 ޕަސެންޓް މީހުންގެ ހަށިގަނޑުން ބަލީގެ އަލާމާތްތައް ފެންނަނީ ވަރަށް ކުޑަކޮށް ކަމަށް މައުލުމާތު ލިބެއެވެ.