ކަނޑައެޅިގެން ވަކި ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް ތައްގީ ކޮށްފައި ވާ ވެކްސިންގެ 2 ޑޯޒް ފުރިހަމަ ކޮށްފައި ވާ ފަރާތްތައް، މުއްސަނދި ގައުމުތަކުން 3 ވަނަ ޑޯޒްއެއް ދިނުމަށް އަމާޒު ހިފާ، އަމަލީ ކެމްޕޭން ފެށުމަށް ތައްޔާރު ވަމުން ދާއިރު، އެ މަޝްރޫއު މަޑުޖައްސާލަން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ގޮވާލައިފިއެވެ.

ޑަބްލިއުއެޗްއޯއިންވަނީ ކޮވިޑްގެ 3 ވަނަ ޑޯޒް ނުވަތަ ބޫސްޓާ ޑޯޒް ޖަހަން ފެށުން، އަންނަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ފަސްކޮށްދިނުމަށް އެދިފައެވެ.

ޑަބްލިއުއެޗްއޯގެ އިސްވެރިޔާ ޑރ ޓެޑްރޯޒް އެޑަނޮމް ގެބްރިޔޭސޫސް ވިދާޅުވީ، ބޫސްޓާ ޑޯޒް ކެމްޕޭން މަޑުޖައްސާލައިފިނަމަ، ދުނިޔޭގެ ކޮންމެ އާބާދީގެ 10 ޕަސެންޓް މީހުންނަށް ކޮވިޑް ވެކްސިން ޖެހުމުގެ ފުރުސަތު ތަނަވަސްވެގެން ދާނެ ކަމަށެވެ.

އިޒްރޭލާއި ޖަރުމަނުވިލާތް ވިލާތް ފަދަ މަންޒިލްތަކުން ވަނީ 3 ޑޯޒް ޖަހާ ޕްލޭންތައް އިއުލާން ކޮށްފައެވެ. އިޒްރޭލުން ބޫސްޓާ ޑޯޒް ޖަހަން ފެށި ކަމުގެ ހަބަރުވެސް ވަނީ ލިބިފައެވެ.

އިސްރާއީލުގެ ހުދުމުހުތާރު ބޮޑުވަޒީރުކަަން ކުރި ބެންޖަމީން ނަތަންޔާހޫ ކޮވިޑް-19ގެ ދެވަނަ ވެކްސިން ޑޯޒްއަށް ތައްޔާރުވެގެން / ފޮޓޯ: ސީއެންއެން

ނަމަވެސް ޑރ ޓޭޑްރޯޒް ވަނީ، ފަގީރު ގައުމުތަކުން މި ކެމްޕޭންގައި އިންތިހާ ފަހަތުގައި އޮތް ކަމުގެ އިންޒާރު ދެއްވާފައެވެ.

ޑަބްލިއުއެޗްއޯގެ ތަފާސް ހިސާބުތަކަށް ބަލާއިރު ދަށް ފަންތީގެ އާމްދަނީ ލިބޭ ގައުމުތަކުގައި އެކަށީގެންވާ މިންވަރަށް ވެކްސިން ސަޕްލައި ނެތުމުގެ ސަބަބުން، އެ ގައުމުތަކުގައި ވެކްސިން ޖެހިފައި ވަނީ ގާތްގަނޑަކަށް ކޮންމެ 100 މީހަކުން 1.5 މީހަކަށެވެ.

ޑރ ޓެޑްރޯޒް ވިދާޅުވީ ކަން ހިނގަމުން ދާ ގޮތް ބަދަލު ވާން ޖެހޭ ކަމަށާ، ވެކްސިންގެ ބޮޑު ބައެއް ދާން ޖެހޭނީ ދަށް ފަންތީގެ އާމްދަނީ ލިބޭ ގައުމުތަކަށް ކަމަށެވެ.

ޑެލްޓާ ވޭރިއަންޓްގެ ނުރައްކާ އިންތިހާއަށް ބޮޑުވެފައި ވާ އިރު، ކޮންމެ ގައުމަކުންވެސް އެގައުމެއްގެ ރައްޔިތުން ރައްކާތެރި ކުރަން ބޭނުންވާނެ ކަން ގަބޫލު ކުރައްވާ ކަމަށާ، ނަމަވެސް ދުނިޔޭގެ ވެކްސިން ސަޕްލައިގެ ބޮޑުބައެއް މިހާތަނަށް ބޭނުން ކޮށްފައި ވާ ގައުމުތަކުން، އަދިވެސް އިތުރަށް ވެކްސިން ސަޕްލައިގެ ބޭނުން ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑަން (ކޮވިޑް-19) ވެކްސިން ޖެއްސެވުމުގެ މަރުހަލާގެ ތެރޭގައި / ފޮޓޯ: ސީބީސީ

މުއްސަނދި އަދި ފަގީރު ގައުމުތަކުގައި އޮތް ވެކްސިން ފަރަގު ކުޑަރުކުމަށް ޑަބްލިއުއެޗްއޯއިން މަސައްކަތް ކުރަމުން ދާއިރު، އެ ޖަމިއްޔާއިން ވަނީ، ސެޕްޓެމްބަރު މަސް އަންނައިރު، ދުނިޔޭގެ ކޮންމެ ގައުމެއްގެ އާބާދީގެ 10 ޕަސެންޓް މީހުންނަށް ކޮވިޑް ވެކްސިން ޖެހުމަށް އަމާޒު ކަނޑައަޅާފައެވެ. ނަމަވެސް ހަގީގީ ދުނިޔޭގައި ކަން ހިނގަމުން ދާ ގޮތަށް ބަލާއިރު، މިއީ ހާސިލު ވާނެ އަމާޒެއް ކަމަކަށް ނުބެލެވެއެވެ.

ހައިޓީއާއި ޑިމޮކްރަޓިކް ރިބަޕްލިކް އޮފް ކޮންގޯ ފަދަ ގައުމުތަކުގެ އާބާދީގެ އއްވެސް އިންސައްތައަކަށް 2 ޑޯޒް ޖަހާފައި ނުވާ ކަން ފާހަގަ ކުރަންޖެހެއެވެ. ކޮވިޑް-19ގެ ކޭސްތައް ރެކޯޑް އަދަދުތަކުން ރިޕޯޓް ކުރަމުން ދާ އިންޑޮނޭޝިއާއަށް ބަލާއިރު، 2 ޑޯޒްއާއެކު ވެކްސިން ފުރިހަމަ ކޮށްފައި ވަނީ އެ ގައުމުގެ އާބާދީގެ އެންމެ 7.9 ޕަސެންޓް މީހުންނެވެ.

މިއީ މުއްސަނދި ގައުމުތަކުން، ފަގީރު ގައުމުތަކަށް ވެކްސިންގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ޑރ ޓެޑްރޯޒް ގޮވާލެއްވި ފުރަތަމަ ފަހަރެއް ނޫނެވެ. މިދިޔަ މެއި މަހުގެ ތެރޭގައިވެސް ޑރ ޓެޑްރޯޒް ވަނީ، ކުޑަ ކުދިންޏާއި ފުރާވަރު އުމުރުގެ ކުދިންނަށް ކޮވިޑް ވެކްސިން ޖެހުމުގެ ކެމްޕޭންތައް ހިންގުމުގެ ބަދަލުގައި، ފަގީރު ގައުމުތަކަށް އެ ވެކްސިންތައް ހަދިޔާ ކުރަން، މުއްސަނދި ގައުމުތަކަށް ގޮވާލައްވާފައެވެ.