ކާށިދޫ ދާއިރާގެ މެމްބަރު، އަދި ޑީއާރްޕީގެ ލީޑަރު އަބްދުﷲ ޖާބިރުގެ އަތުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ފައިސާ ނެންގެވި ކަމަށް ބުނާ މައްސަލައިގައި އަދިވެސް ފައިސާ ނުދެއްވާތީ ބަދަލު ހޯއްދެވުމަށް ކަމަށް ވިދާޅުވެ އެމަނިކުފާނުގެ ގެކޮޅަށް ޖާބިރު ގެއްލުން ދެއްވައިފިއެވެ.

ފުލުހުން ބުނީ، ކިނބިގަސްދޮށުގެއަށް ގެއްލުން ދިން މައްސަލައެއް ހުށަހަޅާފައިވާ ކަމަށާއި އެ މައްސަލަ ބަލަމުން ދާ ކަމަށެވެ. މި މައްސަލައާ ގުޅޭ ގޮތުން އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ. އަދި އެ ގެއަށް ގެއްލުން ދިނީ ކޮން ބައެއް ކަން ވެސް ފުލުހުން ހާމައެއް ނުކުރެއެވެ.

ފުލުހުން އެ މައުލުމާތު ހާމަ ނުކުރި ނަމަވެސް އެ ގެއަށް ގެއްލުން ދީފައި ވަނީ މެންބަރު ޖާބިރު ކަން ވަނީ އެނގިފައެވެ.

2018 ވަނަ އަހަރު ރިޔާސީ ކެމްޕޭނަށް ޖާބިރު އަތުން ރައީސް މައުމޫން 29 މިލިއަން ރުފިޔާ ނެންގެވި ކަމަށް ބުނާ މައްސަލަ އެއް ވަނީ ޖާބިރުގެ ފަރާތުން ހުށަހަޅާފައެވެ. އެ މައްސަލއާ ގުޅޭ ގޮތުން ޖާބިރު ވިދާޅުވެފައި ވަނީ އެ ފައިސާ ދިނީ ނުދެއްކިއްޖެ ނަމަ ޖާބިރަށް ކިނބިގަސްދޮށުގެ ދޭން ޖެހޭ ގޮތަށް އެއްބަސްވެފައިވާ ކަމަށެވެ. އަދި އެ މައްސަލަ ފުލުހަށާއި ކޯޓަށް ހުށަހެޅި ނަމަވެސް ހެކި ނެތުމުން މައްސަލަ ކުރިއަށް ނުގެންގޮސް ވަނީ ފައިލް ކޮށްފައެވެ.

މިއަދު ޖާބިރު ވަނީ އޭނާއަށް އެ ފައިސާ އަދިވެސް ނުލިބޭ ކަމަށް ވިދާޅުވެ ކިނިބިގަސްދޮށުގެ ކައިރިއަށް ވަޑައިގެންފައެވެ. އަދި އެގޭ ފާރު މަތިން ދޮރާށި މައްޗަށް ވާ ގޮތަށް ހެދިފައި އޮތް ވެޔޮގަނޑެއް ހަލާކު ކުރައްވަން އޭނާ ވަނީ މަސައްކަތް ކުރައްވާފައެވެ. ޖާބިރު ވިދާޅުވީ، އަދުލު އިންސާފު ނެތުމުން މިއަދު އޭނާ އަމިއްލަ އަށް އަދުލު އިންސާފު ހޯއްދެވުމަށް ވަޑައިގެން ކަމަށާއި އަދި ކިނބިގަސްދޮށުގެއާ ހަވާލުވެވަޑައިގެންފި ކަމަށެވެ.

އެ ގެކޮޅާ ހަވާލުވެވަޑައިގަތުމަށް ވަޑައިގެން ޖާބިރު އެ ސަރަހައްދުގައި އަޑުގަދަ ކުރެއްވުމަށް ފަހު ވަނީ އެ ސަރަހައްދުން ވަޑައިގެންފައެވެ.

ޖާބިރު ވިދާޅުވި ގޮތުގައި މައުމޫނަށް ދެއްވި ކަމަށް ބުނާ ފައިސާއާ ހަވާލުވެވަޑައިގަތީ މައުމޫންގެ ދަރިކަރުން ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ފާރިސް އެވެ. ނަމަވެސް ޖާބިރު އަތުން ފައިސާ ނެންގެވި ކަމަށް ކުރާ ތުހުމަތު މައުމޫން ދޮގުކުރައްވައެވެ.

މިއަދު ޖާބިރު މައުމޫންގެ ގެކޮޅާ ހަވާލުވެވަޑައިގަތުމަށް ވަޑައިގެންފައި ވާއިރު، އިއްޔެ އޭނާ ވަނީ ރައްޔިތުން މަޖިލީހުގެ ގޭޓް ކުރިމަތީ އޮށޯންނަވައިގެން އޮންނަވައި އެކަހެރި އިހުތިޖާޖެއް ކުރައްވާފައެވެ. އެ އިހުތިޖާޖުގައި ޖާބިރު ވަނީ ހަޑި ހުތުރު ބަސް ބޭނުންކުރައްވައި އެ ސަރަހައްދުގައި އަޑުގަދަ ކުރައްވާފައެވެ. ޖާބިރުގެ މިފަދަ އަމަަލުތައް ފެނި އާންމުން މިހާރު ދަނީ އޭނާއަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ.