ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލަން މިދިޔަ މެއި މަހު 6 ވަނަ ދުވަހުގެ ރޭ ދިން ހަމަލާއާ ގުޅިގެން އެމަނިކުފާނުގެ ބަޔާނެއް އަދި ނުލިބޭ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސެން ޝަމީމް ވިދާޅުވެއްޖެއެވެ.

ޝަމީމް މިފައިން ވިދާޅުވީ ނަޝީދަށް ހަމަލާ ދިން މީހުންނަށް ދައުވާ ކުރުމާމެދު ނިންމި ނިންމުގެ ތަފުސީލު ހާމަކުރެއްވުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައެވެ.

މިދިޔަ މެއި މަހުގެ 6 ވަނަ ދުވަހު ނަޝީދު އަވަހާރަ ކޮށްލަން ދިން ޓެރަރިސްޓް ހަމަލާގެ އެންމެ ފަހުގެ މައުލޫމާތާއި ކުރިން އާންމު ނުކުރާ ބައެއް ކަންކަން ހާމަކުރަން ބޭއްވި ޕްރެސް ބްރީފިން ގައި ފުލުހުންވެސް ވަނީ ރައީސް ނަޝީދުގެ ބަހެއް ލިބިފައި ނުވާ ކަމަށް ވިދާޅުވެފައެވެ.

މިކަމާ ގުޅިގެން އެމަނިކުފާނު ވިދާޅުވީ ބަޔާނަކަށްވެސް ބަހަކަށްވެސް ދައްކަން އޮތީ ޖާނާއި ހިތާއި މޭ ކަމަށެވެ.

މި މައްސަލައާއި ގުޅިގެން 10 މީހަކު ހައްޔަރު ކޮށްފައި ވާއިރު 4 މީހަަކަށް ވަނީ ދައުވާ ކުރަން ފޮނުވާފައެވެ. އެއީ އަދުހަމް އަހުމަދު ރަޝީދު، މުޖާޒް އަހުމަދު، ތަހުމީން އަހުމަދު އަދި އަލީ ހައިޝަމްއެވެ. މި 4 މީހުންގެ ތެރެއިން އަދުހަމްގެ މައްޗަށް 4 ދައުވާއެއް ކުރަން ނިންމާފައި ވާއިރު މުޖާޒްގެ މައްޗަށް 2 ދައުވާއެއް، އަދި ތަހުމީންގެ މައްޗަށް 4 ދައުވާއެއް ކުރަން ނިންމާފައި ވާއިރު ހައިޝަމްގެ މައްޗަށް 3 ދައުވާ ކުރަން ވަނީ ނިންމާފައެވެ.

އަދުހަމްގެ މައްޗަށް ކުރަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމާއި، ޓެރަރިޒަމްގެ އަމަލެއް ކުރަން ރޭވުމާއި، ޓެރަރިސްޓް ޖަމާއަތަކަށް ތާއީދު ކުރުމުގެ އިތުރުން ތޫނުއެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުން ކޮށްގެން ގަސްތުގައި މީހަކު މަރާލަން ހުރުމުގެ ދައުވާއެވެ.

މުޖާޒް ގެ މައްޗަށް ކުރަނީ ޓެރަރިޒަމް އަމަލެއް ކުރުމަށް ރޭވުމާއި ކުށެއް ކޮށްފައިވާ މީހަކު ފިލުމަށް އެހީތެރިވުމުގެ ދައުވާއެވެ.

ތަހުމީނުގެ މައްޗަށް ކުރަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމުގައި ބައިވެރިވިކަމުގެ ދައުވާއާއި ޓެރަރިޒަމް އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާގެ އިތުރުން ގޮވާތަކެތި އެހެން ތަނަކަށް ގެންދިއުމަށް އެހީތެރިވެދިނުމުގެ ދައުވާއެވެ.

ހައިޝަމްގެ މައްޗަށް ކުރަނީ ޓެރަރިޒަމް އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާއާއި ގޮވާތަކެތި އެހެން ތަނަކަށް ގެންދިއުމަށް އެހީތެރިވެދިނުމުގެ ދައުވާއާއި ޓެރަރިޒަމް އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ.