މޭ 6 ގެ ހަމަލާއަކީ އިސްލާމްދީނާ ގުޅޭ ކަމެއް ނޫން ކަމަށާ މިއީ ނުރައްކާތެރި ޖަރީމާއެއް ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސެން ޝަމީމް (ޕީޖީ) ވިދާޅުވެއްޖެއެވެ.
މޭ ހަ ހަމަލާ އާ ގުޅިގެން މިއަދު ބޭއްވި ޕްރެސްގައި ވާހަކަދައްކަވަމުން ޕީޖީ ޝަމީމް ވިދާޅުވީ އިސްލާމްދީނަކީ ހަރުކަށި ދީނެއް ނޫން ކަމަށާ މި މައްސަލައިގައި ހައްޔަރުކޮށްފައި ތިބި ފަރާތްތަކުން ދައްކަނީ ވެސް ދީނާ ގުޅޭ ވާހަކައެއް ނޫން ކަމަށެވެ. އަދި މިއީ ދީނާ ގުޅިގެން ކުރާ ކަމެއް ނޫން ކަމަށް ވެސް ޝަމީމް ފާހަގަކުރައްވާފައިވެއެވެ.
ޝަމީމް ވިދާޅުވީ މީހަކު މެރުމަށް އަދި ކަނޑައެޅިގެން އެމީހަކީ މުސްލިމެއްކަން އެނގޭ މީހެއް މަރާލުމަށް އިސްލާމް ދީނުގައި ނުބުނާނެ ކަމަށާ މި އަމަލަކީ ޖިނާއީ އަމަލެއް ކަމަށެވެ. އަދި މި އުޅޭނީ ހަނގުރާމައެއްގައި ނޫން ކަމަށާ ގަޖުވަތެއްގައި ވެސް ނޫން ކަމަށް ޝަމީމް ފާހަގަކުރެއްވިއެވެ.
ޝަމީމް ވިދާޅުވީ، މިހާރު ހައްޔަރުކޮށްފައި ތިބި މީހުންނަކީ ދީނީ ގޮތުން ހަރުކަށި ފިކުރުގެ މީހުން ކަމަށާ އެކަމަކު އެއީ އިސްލާމް ދީނާ ގުޅޭ ފިކުރެއް ނޫން ކަމަށެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުން ނިންމާލައްވަމުން ޕީޖީ ވަނީ މިކަމުގެ އެންމެ ފުރިހަމަ ތެދު މައުލޫމާތު އާންމުންނާ ހިއްސާ ކުރުމަށް ނޫސްވެރިންނަށް އިލްތިމާސްކުރައްވާފައެވެ. އަދި މިއީ އިސްލާމް ދީނާ ގުޅޭ ކަމެއް ނޫން ކަމަށާ މިއީ ބޮޑު ޖަރީމާއެއް ކަމަށް ވެސް ޕީޖީ ވިދާޅުވިއެވެ.
ރައީސް ނަޝީދަށް އަމާޒުކޮށް ދިން މި ހަމަލާ ގުޅެނީ ހަރުކަށި ފިކުރާ ކަމަށް މީގެ ކުރީގެ ޕްރެސްތަކުގައި ފުލުހުން ވަނީ ހާމަކޮށްފައެވެ. މިގޮތުން ރައީސް ނަޝީދު އަވަހާރަކޮށްލަން ހަމަލާދިން މީހުންނަކީ ދިވެހި ދައުލަތް ގަބޫލު ނުކުރާ ދައުލަތުން ދޭ މުސާރަ ހަރާމް ކަމަށް ގަބޫލުކުރާ ބައެއް ކަމަށާއި އެމީހުން ގަބޫލުކުރާ ގޮތުގައި ރައީސް ނަޝީދުގެ ލޭ ހުއްދަ ކަމަށް އެރޭގެ ޕްރެސްގައި ފުލުހުން ބުނެފައިވެއެވެ.
ޖުލައި 24، ވަނަ ދުވަހު ބޭއްވި ޕްރެސްގައި ވާހަކަ ދައްކަވަމުން އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވިދާޅުވި ގޮތުގައި ނަޝީދަށް ހަމަލާދިން މީހުންނަކީ ވަޒީފާއެއް އަދާކުރާ މީހުންނެއް ނޫން ކަމަށެވެ. އަދި ދައުލަތުގެ ވަޒީފާތައް އަދާކުރާ މީހުންނަކީ ތާޣޫތުން ކަމުގައި ދެކޭ ބައެއް ކަމަށާ ދައުލަތުން މުސާރަ ނެގުމާ އާންމު ވިޔަފާރިތަކުން ވިޔަފާރި ކުރުމަކީ ވެސް ދީނާ ހިލާފު ކަމެއްގެ ގޮތުގައި އެމީހުން ދެކޭ ކަމަށް ރިޔާޒް ވިދާޅުވިއެވެ.
ރިޔާޒް އިތުރަށް ވިދާޅުވެފައި ވަނީ އެމީހުން ދައުލަތުގެ ފައިސާ ބޭނުން ކުރުމަކީ ހަރާމް ކަމެއްކަމުގައި ދުށް ނަމަވެސް އަމިއްލަ ކަންކަމުގައި ދައުލަތުގެ ފައިސާ ބޭނުންކުރާ ކަމަށެވެ. އެ ގޮތުން އިންކަމް ސަޕޯޓް އެލަވަންސް އާއި އެންސްޕާގެ އެހީތެރިކަން ހޯދާކަމަށް ރިޔާޒް ފާހަގަ ކުރެއްވިއެވެ.
ދަ ޕްރެސް އަށް، ދިވެހި ފޮންޓުން އަކުރުތައް ފުށުނާރާގޮތަށް؛ ބައެއްފަހަރު ދޭހަނުވެ މާނަގެއްލޭގޮތަށް ވެސް ހުރޭ. ރަނގަޅުކޮށްލާ. ލެޓިންދޫކޮށް ދިވެއްސަށް ބަދަލުކޮށް ނޫނީ ފައްޓާއިރު . . .