ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މިދިޔަ މޭ 6 ވަނަ ދަވަހުގެ ރޭ ދިން ޓެރަރިސްޓު ހަމަލާއާއި ގުޅިގެން ހައްޔަރުކޮށްފައި ވާ ލ. ގަން ދުންފިނިއުފާ އަހްމަދު ފާތިހަށް މިވަގުތަށް ދައުވާ ނުކުރުމަށް ނިންމައިފިއެވެ.

މިއަދު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަދައްކަވަމުން ޕްރޮސެކިއުޓާ ޖެނަރަލް ހުސެއިން ޝަމީމް ވިދާޅުވީ ތަހުގީގުގައި މިހާތަނަށް އެނގިފައިވާ ކަންތައްތަކަށް ބަލާއިރު މިވަގުތަށް ފާތިހުގެ މައްޗަަށް ދައުވާނުކުރަން ނިންމާފައިވާކަމަށެވެ. ނަމަވެސް އެކަމުގެ މާބޮޑު ތަފްސީލަކަށް ޝަމީމް ވަޑައިގަންނަވާފައެއް ނުވެއެވެ. އަދި މިއީ މިހާރުވެސް ތަހުގީގު ކުރިއަށްދާ މައްސަލައެއްކަން ވެސް ޝަމީމް ފާހަގަކުރެއްވިއެވެ.

ޕީޖީ ވިދާޅުވީ، މިމައްސަލައިގެ ތަހްގީގުގައި ފާތިހާ އިތުރު ސުވާލުތައް ކުރާނެ ކަމަށާ މިވަގުތަށް ޕީޖީ އޮފީހަށް ލިބިފައިވާ ހެއްކަށް ބަލާ އޭނާއާ ދެކޮޅަށް ދައުވާ ނުކުރަން އެއޮފީހުން ނިންމީ ކަމަށެވެ.

ދާދިފަހުން ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ފާތިހު ވަނީ މި ހަމަލާ ދިނުމުގައި ބޭނުންކުރި ސައިކަލު ނީލޯފަރު ހިނގުމުގެ ކަންމަތީގައި ބެހެއްޓިއިރު ފާރަވެރިއެއްގެ ގޮތުގައި ހަރަކާތްތެރިވެފައެވެ. އަދި ހަމަލާ ދިނުމަށްފަހު މީހުން ތަންތަނަށް ގެންގޮސްދިނުމުގައިވެސް ވަނީ ހަރަކާތްތެރިވެފައެވެ. ފުލުހުން ބުނިގޮތުގައި އޭނާ ވަނީ މީގެކުރިން ފުލުހުންގެ އިންޓެލިޖެންސްގައިވެސް ވަޒީފާ އަދާކޮށްފައެވެ. ނަމަވެސް މިއަހަރުގެ ތެރޭގައި އޭނާ އަމިއްލައަށް އެދިގެން ވަޒީފާއިން ވަކިވިކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.

މެއި6 ގެ ހަމަލާއާއި ގުޅިގެން ހަތަރު މީހެއްގެ މައްޗަށް ދައުލަތުގެ ފަރާތުން ވަނީ ކްރިމިނަލް ކޯޓުގައި ދައުވާ އުފުލާފައެވެ. އެއީ އަދުހަމް އަހުމަދު ރަޝީދު، ތަހުމީން އަހުމަދު، މުޖާޒު އަހުމަދު އަދި އަލީ ހައިޝަމެވެ. މީގެ އިތުރުންވެސް އެހެން މީހުންގެ މައްޗަށް ދައުވާކުރުމަށް ފުލުހުން ޕީޖީއަށް ވަރަށް އަވަހަށް ފޮނުވާނެކަމަށް ޕީޖީ ޝަމީމް ވަނީ ވިދާޅުވެފައެވެ.