މުނިފޫހިފިލުވުމުގެ ތެރެއިން ކަމުގައި ވީ ނަމަވެސް މިފަހަކަށް އައިސް ދިވެހިންގެ ގިނަ ބައެއްގެ ސަމާލުކަން ދަމައިގަނެފައިވާ އެއް މަންޒިލަކީ ތުރުކިވިލާތޭ ދެންނެވުމަކުން ދޮގަކަށް ނުވާނެއެވެ. މީގެ އިތުރުން، މި ދުވަސްވަރަކީ، ތުރުކިވިލާތުން ބައިނަލްއަގުވާމީ ސުރުހީތަކުންވެސް ފުދޭ ވަރަކަށް ޖާގަ ހޯދަމުން އަންނަ ދުވަސްވަރެއް ކަން ފާހަގަ ކުރަންޖެހެއެވެ. މިއީވެސް އެފަދަ ވާހަކައެކެވެ.
އާންމުންގެ އަޑު އެންމެ ގަދައަށް އިއްވަމުން އަންނަ ސޯޝަލް މީޑިއާގައި އެންމެ ބާރަށް މިހާރު ދެކެވެމުން އަންނަ އެއް ވާހަކައަކީ، އާދަޔާ ހިލާފު ފެހި ކުލައަކުން ތުރުކީވިލާތުގެ އުޑުމަތިން ވިދުމެއް ފެނުނު ވާހަކައެވެ. ސޯޝަލް މީޑިއާގައި އެކި ގޮތަށް އެކި މީހުން ވާހަކަ ދައްކަމުން އަންނައިރު، ހަލީލް އިބްރާހީމް ޖަހާން ނަމަކަށް ކިއާ މީހަކު ޓްވިޓާ މެދުވެރިކޮށް، މި މަންޒަރުތައް އާންމުންނާ ހިސާބަށް ގެނެސްދީފައި ވެއެވެ.
ވީޑިއޯއިން ފެންނަނީ އުޑުމަތިން ވެއްޓެމުން އަންނަ އަލިފާން ބޯޅައެއް، ކުޑަ ވަގުތު ކޮޅަކަށް ވިލާތަކުގެ ފަހަތަށް ވަދެ ނިވާ ވާ މަންޒަރެވެ. އަދި އިރު ކޮޅެއްގެ ތެރޭގައި މުޅި އުޑަށް ފެހި ކުލައެއްގެ ވިދުމެއް ގެނެސް ދިނުމަށްފަހު، އެ އަލިފާން ބޯޅަ ކޮންމެވެސް ތަނަކަށް ވެއްޓޭ މަންޒަރުވެސް ފެނެއެވެ. އަދި ބާރުގަދަ ގޮވުމެއްގެ އަޑުވެސް އިވެއެވެ.
އޭލިއަނުންނާއި ޔޫއެފްއޯގެ ވާހަކައާ ގުޅުވައިގެން ތޯތޯ ވާހަކަތައް ފެންމަތިވެފައި ވާ އިރު، އެއިޖިއަން ޔުނިވާސިޓީ އޮބްޒަވޭޓަރީގެ އެސޯސިއޭޓް ޑައިރެކްޓާ ޑރ ހަސަން އަލީ ދާލް ވަނީ، މި ހުރިހާ ކަމެއް ދޮގު ކުރައްވާފައެވެ. އޭނާ ވިދާޅުވާ ގޮތުގައި ފެހި ކުލައެއްގެ ޒާތަށް ފެނުނު އަލިފާން ބޯޅައަކީ، ގިނިހިލައެކެވެ. ގިނިހިލައަކީ ދުނިޔޭގެ ވައިގެ ފަށަލައިގެ ތެރެއަށް ވަންނައިރު އާދަޔާ ހިލާފު ކުލަތަކުން ފަޒާއަށް ބެބުޅުން ގެނެވާ އެއްޗެކެވެ.
ތުރުކީވިލާތުގެ އުޑުމަތިން ފެނުނު ގިނަހިލައަކީ ނާސާއިން ލަފާކޮށްފައި ވާ ޕާސީޑްސް މީޓިއޯ ޝަވާ ނުވަތަ ގިނިހިލައިގެ ވާރޭގެ ބައެއް ކަމަށް ބުނެވެއެވެ. ގަބޫލު ކުރެވޭ ގޮތުގައި، މީޓިއޯ ޝަވާ އެންމެ ފުރިހަމަ ވާނީ އޯގަސްޓް 11 ވަނަ ދުވަހުއެވެ.