މުޅި ދުނިޔެ އިނދަޖައްސާލި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ޖައްސާ ވައިރަސް ލީކުވެފައި ވަނީ ޗައިނާގެ ރިސާޗް ފެސިލިޓީއަކުން ކަމަށް، ފުރިހަމަ ހެކިތަކަކުން ސާބިތު ވެފައި ވާ ކަމަށް، އެމެރިކާގެ ސިޔާސީ އިދިކޮޅު ފިކުރު ކަމުގައި ވާ ރިޕަބްލިކަންސް އިން އާންމު ކުރި ރިޕޯޓެއް ބުނެފިއެވެ.
ކޮވިޑް-19 ޖައްސާ ވައިރަހަކީ ޗައިނާގެ ލެބް ލީކެއް ކަމަށް ބުނެ ރިޕަބްލިކަންސްއިން ރިޕޯޓް އާންމު ކުރި ނަމަވެސް، އެމެރިކާގެ ޖާސޫސީ އިދާރާތަކުގެ ހޯދުން ތަކުން އަދި މި ނިންމުމާ ހިސާބަށް ވާސިލުވެވިފައެއް ނުވެއެވެ.
މީގެ އިތުރުން، ވޫހާން އިންސްޓިޓިއުޓް އޮފް ވައިރޮލޮޖީ (ޑަބްލިއުއައިވީ) ގެ ސައެންސްވެރިން މަސައްކަތް ކުރަމުން ދިޔައީ އިންސާނުންނަށް އިންފެކްޓް ކުރާނެ ކޮރޯނާވައިރަސްތަކެއް މޮޑިފައި ކުރަމުން ކަމަށާ، އެފަދަ ބައެއް ބަދަލުތައް ސިއްރު ކޮށްފައި އޮތުން އެކަށީގެން ވާ ކަމަށް ރިޕަބްލިކަންސްގެ ރިޕޯޓްގައި ބުނެފައި ވެއެވެ. އަދި މިކަން ކޮށްފައި ވަނީ ޗައިނާގެ އިތުރުން އެމެރިކާ ސަރުކާރާއި އެމެރިކާގެ ތަޖުރިބާކާރުންގެ އެހީއާވެސް އެކުގައި ކަމަށްވެސް ރިޕަބްލިކަންސްގެ ރިޕޯޓްގައި ތުހުމަތު ކޮށްފައި ވެއެވެ.
އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ހާރިޖީ ކަންކަމާ ބެހޭ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އެންމެ އިސް ރިޕަބްލިކަން މެންބަރު، މައިކް މެކޯލް ވަނީ، ދުނިޔޭގެ އެކި ކަންކޮޅުތަކުން 4.4 މިލިއަން މީހުން މަރާލި ކޮވިޑް-19ގެ އަސްލު ދެނެގަތުމަށް، ދެ ޕާޓީ ބައިވެރިވާ ތަހުގީގު ފެށުމަށްވެސް ގޮވާލައްވާފައެވެ.
ކޮވިޑް-19ގެ ކޭސްތައް އެންމެ ފުރަތަމަ ރިޕޯޓް ކުރަން ފެށީ، ވޫހާންގައި ގަވައިދާ ހިލާފަށް ސީފުޑްގެ އުފެއްދުންތައް ވިއްކަމުން ދިޔަ ބާޒާރު ސަރަހައްދަކުން ކަމަށް ވީ ނަމަވެސް، ވައިރަހުގެ މަސްދަރަކީ އެ ސަރަހައްދު ކަމަށް ކުރިން ބުނަމުން އައި ބުނުން މިހާރު މުޅިން ބާތިލު ވެފައި ވާ ކަމަށް ރިޕަބްލިކަންސްގެ ރިޕޯޓްގައި ވެއެވެ.
އަދަދާއި ކޮލިޓީގެ ގޮތުން ލިބިފައިވާ ފުރިހަމަ މައުލޫމާތަށް ބަލާއިރު، ޑަބްލިއުއައިވީއިން ކޮވިޑް ވައިރަސް ލީކުވެފައި ވަނީ، ސެޕްޓެމްބަރު 12، 2019 ކުރިން ކަމަށްވެސް ރިޕަބްލިކަންސްގެ ރިޕޯޓްގައި ބަޔާން ކޮށްފައި ވެއެވެ. ޑަބްލިއުއައިވީއަށް ތުހުމަތު އަމާޒު ކުރަމުން، ރިޕަބްލިކަންސްއިން ވަނީ، ޖުލައި 2019 ގައި، ނުރައްކާތެރި މާއްދާތައް ނައްތާލާ ސިސްޓަމް އޯވާހޯލް ކުރުމަށް 1.5 މިލިއަން ޑޮލަރުގެ ރިކުއެސްޓެއް އެ ލެބުން ހުށަހަޅާފައި ވާ ކަމަށް ބަޔާން ކޮށްފައެވެ. އޭރު އެ ލެބް އޮޕަރޭޓް ކުރަން ފެށިތާ 2 އަހަރު ދުވަސްވެސް ނުވާނެއެވެ.
އެމެރިކާގެ ރައީސް، ޖޯ ބައިޑަންވެސް ވަނީ ކޮވިޑްގެ އަސްލު ދެނެގަތުމަށް، އެމެރިކާގެ ޖާސޫސީ އިދާރާތަކުން ހިންގާ ތަހުގީގުގެ ދުވެލި ހަލުވި ކުރަން ގޮވާލައްވާފައެވެ. އަދި 90 ދުވަހުގެ ތެރޭގައި ރިޕޯޓް ހުށަހެޅުމަށް، މެއި މަހުގެ ތެރޭގައި ބައިޑަން ވަނީ އަމުރު ކުރައްވާފައެވެ.
ކޮވިޑް-19ގެ އަސްލާ ގުޅޭ ގޮތުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ހިންގި ތަހުގީގުތަކުންވެސް، ވައިރަހުގެ އަސްލާ މެދު ގޮތެއް ނިންމާފައެއް ނުވެއެވެ. އަދި ދިރާސާގެ ދެވަނަ މަރުހަލާ ކުރިއަށް ގެންދަން ޗައިނާއިން ހުރަސް އަޅާފައި ވާ ކަންވެސް ފާހަގަ ކުރަން ޖެހެއެވެ.
ކަން މިހެން އޮތް އިރު، ކޮވިޑް-19 ޖައްސާ، ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް ކޮރޯނާވައިރަސް 2 (ސާސްކޮވް-2) އަކީ ޗައިނާގެ ލެބަކުން ލީކުވީ ވައިރަހެއް ކަމަށް ބުނެ އެ ގައުމަށް އަމާޒު ކުރަމުން ދާ ތުހުމަތުތަކަށް، ޗައިނާއިން އިންކާރު ކުރެއެވެ. އަދި ބަލީގެ އަސްލު އޮތީ ޗައިނާގައި ނޫން ކަމުގައިވެސް ވެދާނެ ކަމަށް އެ ގައުމުން ވަނީ ބުނެފައެވެ.