"މިނިވަންކަމުގެ ދިފާއުގައި ދިވެހީން" ގެ ނަމުގައި ޕީޕީއެމް އިން ފެށި ގައުމީ ކެމްޕޭނާ ގުޅުމަށް ބައެއް ސިޔާސީ ޕާޓީތަކަށް ޕީޕީއެމްއިން ރަސްމީކޮށް ދައުވަތު ދީފިއެވެ.

ޕީޕީއެމް އިން ބުނީ ކެމްޕޭނާ ގުޅުމަށް ރަސްމީކޮށް ދައުވަތު ފޮނުވާފައި ވަނީ އެމްއާރްއެމް، ޖުމްހޫރީ ޕާޓީ، އަދާލަތު ޕާޓީ، އެމްޑީއޭ އަދި އެ ޕާޓީތަކުގެ ލީޑަރުންނަށް ކަމަށެވެ. މި ދައުވަތު އެމްޑީޕީ އަދި އެހެން ޕާޓީތަކަށް ނުފޮނުވި ސަބަބު ޕީޕީއެމް އިން އަދި ހާމަކޮށްފައެއް ނުވެއެވެ.

މި ކެމްޕޭން ފަށާފައި ވަނީ މިދިޔަ ޖުލައި މަހު 30 ވަނަ ދުވަހުގެ ރެއެވެ.

އެ ކެމްޕޭނަކީ ރައީސް ޔާމީންގެ އިސްނެންގެވުމާއެކު، މިނިވަންކަން ދިފާއު ކުރުމަށް ރައީސް ޔާމީންގެ ލަފާފުޅާއެކު ފެށި ކެމްޕޭނެއް ކަމަށް އެޕާޓީން ބުނެއެވެ.

އެ ޕާޓީން ފެށި މި ކެމްޕޭނުގައި ބައިވެރިވުމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްއާރްއެމް އާއި ޖުމްހޫރީ ޕާޓީ އަދި އަދާލަތު ޕާޓީގެ ލީޑަރުންނަށް ކެމްޕޭން ފެށި ރޭ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ދައުވަތު ދިނެވެ. އޭގެ އިތުރުން ޑީއެންއޭ ގެ ބާނީ، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި އަލަށް އުފައްދަން މަސައްކަތްކުރާ މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ފައުންޑަރު ދަނގެތި ދާއިރާގެ މުހައްމަދު ނާޒިމް އަށްވެސް އެރޭ ދައުވަތު ދެއްވިއެވެ.

ޕީޕީއެމްގެ އެ ކެމްޕޭން ހަރަކާތް ބާރަށް ކުރިއަށް ގެންދަން ނިންމާފައި ވާއިރު، އަބްދުއްރަހީމް ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، ކުރީގެ ރައީސް މުހައްމަދު ނަޝީދުވެސް ޕީޕީއެމްގެ އެ ކެމްޕޭނުގައި ބައިވެރިވެވަޑައިގަތުމަށް ދައުއުވަތު އަރުވާފައެވެ.

ޕީޕީއެމްއިން މިކެމްޕޭން ހަރަކާތެއް ލޯންޗް ކުރި އިރު، ދާދިފަހުން ވަނީ ޕާޓީ ބަދަލު ކުރައްވާ ބައެއް ސިޔާސީ މެންބަރުން އަލުން ޕީޕީއެމްއާ ގުޅިވަޑައިގެންފައެވެ. އެގޮތުން، މި ސަރުކާރުގެ ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލާއި، ކުރީގެ ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހިމް އާއި، އިހަވަންދޫ ދާއިރާގެ ކުރީގެ މަޖިލީސް މެންބަރު މުހައްމަދު އަބްދުﷲ (މުހައްމާ) ފަދަ ބޭފުޅުން ހިމެނެއެވެ.