ރައްޔިތުން މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މޭއި މަހުގެ 6 ވަނަ ދުވަހު ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން މާދަމާ ޕްރެސް ކޮންފަރެންސެއް ބާއްވަން ހަމަޖައްސައިފިއެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބާއްވާ މި ޕްރެސް ކޮންފަރެންސްގައި ނަޝީދަށް ހަމަލާ ދިން މީހުންނަށް ދައުވާ ކުރުމާމެދު ނިންމި ނިންމުން ތަފުސީލުކޮށް ހާމަކުރާނެއެވެ.
މޭ 6 ހަމަލާއާ ގުޅިގެން ޕްރެސް ކޮންފަރެންސް ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ މެންދުރުފަހު 02:00 ޖަހާއިރުއެވެ.
މޭ 6 ހަމަލާއާ ގުޅޭގޮތުން އެންމެ ފަހުން ފުލުހުންގެ ޕްރެސް ކޮންފަރެންސްއެއް ބާއްވާފައިވަނީ ޖުލައި 24، ވަނަ ދުވަހުގެ ރޭގައެވެ. އެ ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ވަނީ މި ހަލާ އަކީ ބަޔަކު ފަންޑުކޮށްގެން ދިން ހަމަލާއެއްކަމަށް ނުބެލެވޭކަމަށް ބުނެފައެވެ. އަދި ނަޝީދަށް ހަމަލާ ދިނުމަށް 3 ފަހަރު މަސައްކަތްކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ.
މީގެ އިތުރުން ނަޝީދު އަވަހާރަކޮށްލަން ހަމަލާދިން މީހުންނަކީ ދިވެހި ދައުލަތް ގަބޫލު ނުކުރާ ދައުލަތުން ދޭ މުސާރަ ހަރާމް ކަމަށް ގަބޫލުކުރާ ބައެއް ކަމަށާއި އެމީހުން ގަބޫލުކުރާ ގޮތުގައި ރައީސް ނަޝީދުގެ ލޭ ހުއްދަ ކަމަށް އެރޭގެ ޕްރެސްގައި ފުލުހުން ބުނެފައިވެއެވެ.
އެންމެފަހުން ބޭއްވި ޕްރެސްގައި ވާހަކަ ދައްކަވަމުން އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވިދާޅުވި ގޮތުގައި ނަޝީދަށް ހަމަލާދިން މީހުންނަކީ ވަޒީފާއެއް އަދާކުރާ މީހުންނެއް ނޫން ކަމަށެވެ. އަދި ދައުލަތުގެ ވަޒީފާތައް އަދާކުރާ މީހުންނަކީ ތާޣޫތުން ކަމުގައި ދެކޭ ބައެއް ކަމަށާ ދައުލަތުން މުސާރަ ނެގުމާ އާންމު ވިޔަފާރިތަކުން ވިޔަފާރި ކުރުމަކީ ވެސް ދީނާ ހިލާފު ކަމެއްގެ ގޮތުގައި އެމީހުން ދެކޭ ކަމަށް ރިޔާޒް ވިދާޅުވިއެވެ.
ރިޔާޒް އިތުރަށް ވިދާޅުވެފައި ވަނީ އެމީހުން ދައުލަތުގެ ފައިސާ ބޭނުން ކުރުމަކީ ހަރާމް ކަމެއްކަމުގައި ދުށް ނަމަވެސް އަމިއްލަ ކަންކަމުގައި ދައުލަތުގެ ފައިސާ ބޭނުންކުރާ ކަމަށެވެ. އެ ގޮތުން އިންކަމް ސަޕޯޓް އެލަވަންސް އާއި އެންސްޕާގެ އެހީތެރިކަން ހޯދާކަމަށް ރިޔާޒް ފާހަގަ ކުރެއްވިއެވެ.