މި ހިނގާ އޮގަސްޓް 29 ވަނަ ދުވަހު ސައުދީ އަރަބިއްޔާގެ ދިރާސީ އަހަރުގެ ކިޔެވުން ފަށާއިރު، ސްކޫލަށް ހާޒިރުވެގެން ތައުލީމު ހާސިލު ކުރުމުގެ ފުރުސަތު ދެވޭނީ، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް ޖަހާ ވެކްސިން ފުރިހަމަ ކޮށްފައި ވާ ދަރިވަރުންނަށް އެކަނި ކަމަށް، ސައުދީގެ ތައުލީމާ ބެހޭ ވުޒާރާއިން އިއުލާން ކޮށްފިއެވެ.
ސައުދީގައި ސްކޫލަށް ހާޒިރު ކޮށްގެން ކިޔަވާ ދޭން ނިންމާފައި މެދު މަދަރުސީ އަދި ހައި ސްކޫލް ދަރިވަރުންނަށް ކަމަށް ވާއިރު، އެލެމެންޓްރީ އަދި ޕްރީ ސްކޫލް ދަރިވަރުން ސްކޫލަށް ހާޒިރު ކުރުން މަޑުޖައްސާލާފައި ވަނީ، ސައުދީގެ އާބާދީގެ 70 ޕަސެންޓަށް ކޮވިޑްގެ ވެކްސިން 2 ޑޯޒް ޖެހުމަށްފަހު، ހާޑް އިމިއުނިޓީގެ ދަރަޖަ ލިބެން ދެން ކަމަށް ހަބަރު ލިބެއެވެ.
ސައުދީގައި މިހާތަނަށް 27.2 މިލިއަން ޑޯޒްގެ ކޮވިޑް ވެކްސިން ޖަހާފައި ވާއިރު، 8.25 މިލިއަން މީހުން ވަނީ 2 ޑޯޒް ފުރިހަމަ ކޮށްފައެވެ. މިއީ 34.8 މިލިއަން މީހުންގެ އާބާދީއެއް އޮތް ސައުދީގެ 23 ޕަސެންޓް މީހުންނެވެ.
ސައުދީގެ ތައުލީމާ ބެހޭ ވުޒާރާއިން ވަނީ، ސްކޫލް ހުޅުވުމުގެ ކުރިން ވެކްސިން ފުރިހަމަ ކުރުމުގެ ފުރުސަތު، ސްކޫލް މުވައްޒަފުންނާއި ދަރިވަރުންނަށް ހުޅުވާލާފައެވެ.
ސައުދީގައި ވިޔަފާރި އުސޫލުން ހިންގާ ތަންތަނަށް ވަދެ ނިކުމެ އުޅުމުގެ ހުއްދަވެސް އޮންނަނީ ކޮވިޑުން ދިފާއުވާން، އެންމެ މަދުވެގެން 1 ޑޯޒް ޖަހާފައި ވާ މީހުންނަށް ކަމަށް ވާއިރު، ކާމިޔާބު ކަމާއެކު އެކަންވެސް ތަންފީޒު ކުރަމުން އަންނަ ކަމަށް ހަބަރު ލިބެއެވެ.
ސައުދީއިން ވަނީ މާބަނޑު މީހުންނަށްވެސް ކޮވިޑް ވެކްސިން ފުރިހަމަ ކުރެވޭނެ އިންތިޒާމް ހަމަޖައްސާފައެވެ. އަދި ސައުދީގެ ސިއްހަތާ ބެހޭ ވުޒާރާގެ ތަރުޖަމާނު، ޑރ މުހައްމަދު އަލް-ޢަބްދު އަލް-އަލީ ވަނީ، މާބަނޑު މީހުން ކޮވިޑް ވެކްސިން ފުރިހަމަ ކުރުމަށް ހިތްވަރު ދެއްވާ، ވާހަކަދައްކަވާފައެވެ.
ސައުދީއަކީ ކޮވިޑް-19 ކޮންޓްރޯލް ކުރުމުގައި ކާމިޔާބީތަކެއް ހޯދާފައި ވާ ގައުމެކެވެ. އެ ގައުމު މިހާރު ވަނީ، ކަނޑައަޅާފައި ވާ ވަކި ގައުމުތަކަކުން ދަތުރު ކުރާ ބިދޭސީ ފަތުރުވެރިންނަށް، ބޯޑަރުތައްވެސް ހުޅުވާލާފައެވެ.