ހުރިހާ ޒުވާނުން ވެކްސިން ޖަހަން ދާން މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) އިން ގޮވާލައިފިއެވެ.

އެމްޓީޑީން ނެރުނު ބަޔާނެއްގައި ބުނީ ދުނިޔޭގެ ގައުމުތަކުގައި ކޮވިޑް-19 އާ ދެކޮޅަށް ބޭނުން ކުރަމުންދާ އެންމެ ބޮޑު ހަތިޔާރަކީ ވެކްސިނޭޝަން ކަމަށެވެ. ގިނަ ގައުމުތަކުގެ މިއަދުގެވެސް ހާލަތަކީ އެގައުމުގެ ރައްޔިތުންނަށް ދޭނެ ވެކްސިން ވެސް ނުލިބި އެތައް ބަޔަކު ކޮވިޑް-19 ގެ ބަލީގެ ޝިކާރައަކަށްވެ ނިޔާވަމުން ކަމަށް އެޕާޓީން ވަނީ ފާހަގަކޮށްފައެވެ.

ދިވެހި ރާއްޖެއިން އެކަމުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދައިފައިވާ ކަން އެމްޓީޑީން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން ރައީސް ސޯލިހްގެ ލީޑާޝިޕްގެ ދަށުން ރާއްޖެއަށް ބޭނުންވާ ވަރަށް ވެކްސިން ހޯދިފައިވާކަން ފާހަގަކޮށް އެކަން ޕާޓީ އިން އުފަލާއި ޝުކުރުވެރިކަމާ އެކީ ފާހަގަ ކުރާ ކަމަށް އެމްޓީޑީން ބުނެއެވެ.

އެމްޓީޑީން ވަނީ ރައީސް ސޯލިހު އިންސާނިއްޔަތުކަން އިސްކުރައްވާ ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީން އިސްތިސްނާނުކޮށް ވެކްސިން އެމީހުނަށް ވެސް ހިލޭ ޖަހައިދީ، މިހާރު ރާއްޖޭގެ 61 ޕަސަންޓް އާބާދީ ދެޑޯޒް ޖަހާ ވެކްސިނޭޝަން ފުރިހަމަކޮށްފައިވާ ކަން ފާހަގަކޮށްފައެވެ.

ރައީސް ސޯލިހު އިންސާނިއްޔަތުކަން އިސްކުރައްވާ ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީން އިސްތިސްނާނުކޮށް ވެކްސިން އެމީހުނަށްވެސް ހިލޭ ޖަހައިދީ، މިހާރު ރާއްޖޭގެ %61 އާބާދީ ދެޑޯޒް ޖަހާ ވެކްސިނޭޝަން ފުރިހަމަކޮށްފިއެވެ. އަދި %70 މީހުން ފުރަތަމަ ޑޯޒް ޖަހައިފިއެވެ. މިއީ ދުނިޔާގެ ފެންވަރުން ބެލިނަމަވެސް ވަރަށް ބޮޑުކުރިއެރުމެކެވެ.
މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ)

މި އާލަމީ ވަބާގެ ތެރޭގައި ޑޮކްޓަރުންނާ ނަރުހުންނާ ، އެޗްޕީއޭ، މޯލްޑިވްސް ރެޑް ކްރެސެންޓް، ޑަބްލިއުއެޗްއޯ މާލްޑިވްސް އަދި ފްރަންޓް ލައިންގައި މަސައްކަތް ކުރާ ހުރިހާ ހިދުމަތްތެރިން ކުރައްވަމުންދާ ބުރަ މަސައްކަތް ހިތުގެ އަޑީން ގަބޫލްކޮށް ޝުކުރުވެރިކަމާއި އެކީ ސެލިއުޓްކުރާ ކަމަށް އެމްޓީޑީން ބުނެއެވެ. ނަމަވެސް އެޕާޓީގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އަދިވެސް ތަފާސް ހިސާބުތައް ދައްކާ ގޮތުން ކޮވިޑް-19 ވެކްސިން ނުޖަހާ ފަރާތްތަކުގެ ތެރޭގައި 18 އަހަރާއި 26 އަހަރުގެ ދެމެދު ޒުވާނުން ގިނަކަން ކަން ކަމަށް އެމްޓީޑީން ބުނެއެވެ.

ރައީސް ސޯލިހު ގޮވާލާފައިވާ ގޮވާލުމާ އެއްގޮތަށް ފަރުދީ އަދި އާއިލީ ޒިންމާއެއްކަން އެކަން ދެކިގެން ވެކްސިން ފުރިހަމަކުރުމަށް ހުރިހާ ޒުވާނުން އަތުކުރި އޮޅާލާ އިސްނަގައިގެން ވެކްސިން ޖަހަން ދިޔުމަށް އެމްޓީޑީން ވަނީ އެދިފައެވެ.

އެމްޓީޑީ އިން އެދެނީ ރައީސް ސޯލިހު ގޮވާލާފައިވާ ގޮވާލުމާ އެއްގޮތަށް ފަރުދީ އަދި އާއިލީ ޒިންމާއެއްކަން އެކަން ދެކިގެން ވެކްސިން ފުރިހަމަކުރުމަށް ހުރިހާ ޒުވާނުން އަތުކުރި އޮޅާލާ އިސްނަގައިގެން ވެކްސިން ޖަހަން ދިޔުމަށެވެ. އެކަމަށް ވުރެ ބޮޑު ގައުމީކަމެއް މިއަދަކުނެތެވެ. އެހެނީ ކޮވިޑުގެ ސަބަބުން އެތައް ބައެއްގެ ދިރިއުޅުން ހަލާކުވެ ގައުމައް ދަނީ އެތައް ބޮޑެތި ގެއްލުންތަކެއް ވަމުންނެވެ.
މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ)

އެމްޓީޑީން ބުނީ މިއަދު އެންމެ މުހިންމީ އެކަން ގައުމީ ކަމެއްގޮތުގައި ދެކި މިވަގުތައް ސިޔާސީ ހިޔާލު ތަފާތުތައް އެއްކިބާކޮށް، މުޅި ދިވެހިރާއްޖޭގައި ދިރިއުޅޭ އާބާދީ ވެކްސިންގެ 2 ޑޯޒް ޖަހާ ނިންމުން ކަމަށެވެ.

އަދި ކޮވިޑްއިން ވީހާވެސް އަވަހަކަށް އަރައިގަތުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއްކުރުމާ އެކީ މިކަމުން ސަލާމަތް ކޮށްދެއްވުމަށް އެދި މާތް ﷲ ކިބައަށް ދުއާކޮށް ވަކީލުކުރުމަށް އެމްޓީޑީން ވަނީ އެދިފައެވެ.