އުރީދޫ އިން އަލަށް ތައާރަފް ކުރި ޕްލޭންތަކުގެ ތެރެއިން ކަސްޓަމަރުންގެ ތެރޭގައި އެންމެ މަގުބޫލުވެގެން ދިޔައީ ޑޭޓާރޯލްއޯވާ ސާވިސް ކަމަށް އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު (ސީސީއޯ) ހުސައިން ނިޔާޒް ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި އުރީދޫ ތައާރަފް ކުރިތާ މިއަދަށް 16 އަހަރު ފުރުން ފާހަގަ ކުރަމުން ދާއިރު، އުރީދޫއިން ރާއްޖެއަށް ވަރަށް ބައިވަރު އާ ހިދުމަތްތަކެއް ފޯރުކޮށްދެވިފައި ވާކަމަށް ނިޔާޒް ވިދާޅުވެއެވެ. އެގޮތުން އަލަށް ދެވުނު ހިދުމަތްތަކުގެ ތެރެއިން ކަސްޓަމަރުންގެ ތެރޭގައި އެންމެ މަގުބޫލީ އުރީދޫ ޑޭޓާރޯލްއޯވާގެ ހިދުމަތް ކަމަށް ނިޔާޒް ފާހަގަ ކުރެއްވިއެވެ.

ޑޭޓާރޯލްއޯވާ ގެ ހިދުމަތަކީ އުރީދޫއިން މިއަހަރުގެ ތެރޭގައި އަލަށް ތައާރަފް ކުރި ހިދުމަތެކެވެ. މި ހިދުމަތުގެ ދަށުން އެއް މަހު ބޭނުންކޮށް ބާކީވެފައި ހުންނަ ޑޭޓާ އަނެއް މަހަށް ލިބެއެވެ. މި ހިދުމަތް މިހާރު އުރީދޫގެ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށްވެސް ބޭނުން ކުރެވޭނެކަމަށް ސީސީއޯ ނިޔާޒް ވަނީ ވިދާޅުވެފައެވެ.

ރާއްޖެގައި އުރީދޫގެ ހިދުމަތް ދޭން ފަށައިފައި ވަނީ 2005 ވަނަ އަހަރުއެވެ. 2005 ވަނަ އަހަރުން ފެށިގެން އުރީދޫއިން ވަނީ ރާއްޖޭގައި އާ ހިދމަތްތައް ވެސް ތައާރަފްކޮށް ދޭން ފަށާފައެވެ. މިގޮތުން 3ޖީ އިން ފެށިގެން 5ޖީ އާއި ހަމައަށް އުރިދޫއިން ވަނީ އިންޓަނެޓްގެ ހިދުމަތްވެސް ފުޅާކޮށްފައެވެ.

އުރީދޫގެ ސީސީއޯ ނިޔާޒް އިތުރަށް ވިދާޅުވީ ސަރުކާރުން ތައާރަފް ކުރި ނެޓްހެޔޮގެ ދަށުން އުރީދޫގެ ޕެކޭޖްތަކަށް ވެސް ވަރަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ. މިގޮތުން އުރީދޫގެ ޑޭޓާ ޕެކޭޖްތަކުގެ އަގު ވަރަށް ބޮޑުތަން ހެޔޮވެގެން ގޮސްފައިވާކަމަށް ނިޔާޒް ވިދާޅުވިއެވެ.

އަދި ޕެކޭޖްތަކަށް ޑޭޓާ އިތުރުކޮށް ޑޭޓާގެ އަގު ކުރިޔަށް ވުރެއް ހެޔޮކޮށްފައި ވާނެ ކަމަށާ މިގޮތަށް ބަދަލުގެނެސްފައި މިވަނީ ދުނިޔެއަށް ކުރިމަތިވެފައި ވާ ޕެންޑަމިކްގެ ސަބަބުން އިންޓަނެޓްގެ ބޭނުން ހިފާ މިންވަރު އިތުރުވެގެން ދިއުމާއެކު ކަމަށް ވެސް ނިޔާޒް ވިދާޅުވިއެވެ.

އުރީދޫން ގެންދަނީ ސުކޫލު ކުދިންނަށާ އެ ކުންފުނީގެ އެޗްއީއޯސީ ސްޓާފުންނަށް ވެސް ހިލޭ ޑޭޓާ ފޯރުކޮށްދެމުންނެވެ. މީގެ އިތުރުން ކަރަންޓީނުގައި ތިބި ސްޓާފުންނަށް ވެސް ހިލޭ ޑޭޓާ ފޯރުކޮށްދީފައި ވާކަމަށް ނިޔާޒް ވިދާޅުވިއެވެ.

އުރީދޫއިން ވަނީ ރާއްޖެއަށް ކުރިމަތިވި ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި ވެސް އެ ކުންފުނިން ދެމުން ގެންދިޔަ ހިދުމަތްތައް ބޭނުން ކުރުމުގައި ކަސްޓަމަރުންނަށް ލުއިފަސޭހަ ގޮތްތައް ފޯރުކޮށްދީފައެވެ.