އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް ސަރަހައްދުން އާންމުންނަށް ދޫކޮށްފައި ހުރި 40 ގޯތި ނަގައި ބަދަލު ދޭން އައްޑޫ ސިޓީ ކައުންސިލުން ނިންމި މައްސަލަ ސ.ހިތަދޫ މެޖިސްޓްރޭޓު ކޯޓަށް ހުށަހަޅައިފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލު ކައިރިން ކުރިން ދޫކޮށްފައިވާ 40 ގޯތި އަތުލަން ނިންމީ މުޅި އައްޑޫ ސިޓީގެ މަސްލަހަތަށް ކަމަށް ބުނެ މިދިޔަ މަހުއެވެ.

މި ނިންމުމާ އެކު ކައުންސިލްގެ ހުއްދަ ނެތި މި ގޯތިތަކުގައި އިތުރު އެއްވެސް މަސައްކަތެއް ނުކުރަން ވަނީ އަންގައިފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން މި މައްސަލަ ހުށަހަޅާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު، ގޯތިތަކުގެ ބައެއް ވެރިންނެވެ.

ގޯތިތައް ނަގަން ކައުންސިލުން ނިންމާފައި ވަނީ ގާނޫނީ އިޖުރާއަތުތަކާ ހިލާފަށް ކަމަށް ބުނެ، ގޯތިތައް ނަގަން ކައުންސިލުން ނިންމި ނިންމުން ބާތިލުކޮށްދޭން ކޯޓަށް ހުށަހެޅި މައްސަލަތަކުގައި އެދިފައިވެއެވެ.

މިމައްސަލަ ކޯޓަށް ހުށަހެޅީ އޭނގެން ބައެއް ގޯތީގެ ވެރިންނެވެ.

މި މައްސަލަ މިހާރު އެލްޖީއޭ އަށާއި ރައްޔިތުންގެ މަޖިލީހަށް ވެސް ހުށަހަޅާފައިވާ ކަމަށް މައުލޫމާތުތައް ލިބިފައިވެއެވެ.

ކައުންސިލުން އެ ގޯތިތައް ނަގަން ނިންމި އިރު، ބައެއް ތަންތަނުގައި ވަނީ އިމާރާތް ވެސް ކުރަން ފަށައިފައެވެ. އިމާރާތްކޮށްފައިވާ މީހުންނާ ވެސް މަޝްވަރާކުރާނެ ކަމަށް ކައުންސިލުން ބުނެފައިވެއެވެ.

ނެގި ގޯތިތަކުގެ ބަދަލުގައި ގޯތިތައް ދޫކުރާނީ އައްޑޫގެ ހޮސްޕިޓަލު އަޅަން ކުރިން ނިންމި ބިމުން ކަމަށް ކައުންސިލުން ބުނެފައިވެއެވެ.

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލު ކައިރިން ކުރިން ދޫކޮށްފައިވާ ގޯތިތައް ނަގަން ސިޓީ ކައުންސިލުން ނިންމީ އައްޑޫ ހޮސްޕިޓަލް ހިމެނޭ ސަރަހައްދުގައި އެ ސިޓީގެ އިގްތިސާދާ ގުޅުން ހުރި ކަންކަން މުސްތަގުބަލުގައި ފުޅާ ދާއިރާއެއްގައި ހިނގާނެތީ އެއީ މުޅި ސިޓީގެ މަސްލަހަތާ ގުޅޭ ކަމަކަށް ވާތީ ކަމަށް ބުނެއެވެ.