ކުރީގެ ރައީސް އަބުދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ، ރިޝްވަތު ގަބޫލު ކުރުމުގެ މައްސަލަ ސާބިތު ކުރުމަށް ހެކީންގެ ގޮތުގައި ކުރީގެ ނާއިބު ރައީސް އަދި ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބާއި، އެމްއެމްޕީއާރްސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތާއި، ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެންބަރު އަދި ސަން ގްރޫޕުގެ ވެރިޔާ އަހުމަދު ސިޔާމް މުހައްމަދު ދައުލަތުން ހުށަހަޅައިފިއެވެ.

އަދީބާއި ޒިޔަތު އަދި ސިޔާމު ހިމެނޭ ގޮތަށް ރައީސް ޔާމީނާ ދެކޮޅަށް 86 ހެއްކެއް ދައުލަތުން ވަނީ ހުށަހަޅާފަވެއެވެ.

ޔާމީންގެ މައްޗަށް ދައުވާ އުފުލީ، ރިސޯޓެއްގެ ގޮތުގައި ރ. ފުއްގިރި ތަރައްގީ ކުރަން ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގައި މަގާމުގެ ނުފޫޒު ބޭނުން ކުރައްވައި 1.1 މިލިއަން ޑޮލަރު ހޯއްދަވައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށް އެ ފައިސާ ލޯންޑާކުރައްފައި ވާ ކަމަށް ތުހުމަތު ކުރާ މައްސަލައިގައެވެ.

މިއީ ޔާމީން ވެރިކަމުގައި ހިންގި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާ ގުޅުވައިގެން ދައުވާ އުފުލާފައިވާ ދެވަނަ މައްސަލައެވެ. މީގެ ކުރިން ގއ. ވޮޑަމުލާ ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ 1 މިލިއަން ޑޮލަރު ޔާމީންގެ އެކައުންޓަށް ޖަމާ ކުރި ކަމުގެ ތުހުމަތުގައި އުފުލި ދައުވާ ސާބިތުކޮށް އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމެއް އެމަނިކުފާނު ގެންދަވަނީ ތަންފީޒު ކުރައްވަމުންނެވެ. އެ ހުކުމް ތަންފީޒު ކުރެއްވުމަސް ޔާމީން މިހާނު ހުންނެވީ އަމިއްލަ ގެކޮޅުގައެވެ.

މީގެ ކުރިން ޔާމީންގެ މައްޗަށް އުފުލި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީއަތުގައި ވެސް އެމަނިކުފާނާ ދެކޮޅަށް ހުށަހެޅި ހެކިންގެ ތެރޭގައި އަދީބާއި ޒިޔަތުގެ ނަން ހުށަހަޅައި، އެ ދެ ބޭފުޅުންގެ ހެކި ބަސް ނެގިއެވެ. އެ މައްސަލައިގައި އަދީބާއި ޒިޔަތުގެ ހެކިބަސް ނެގި އިރު އެ ދެބޭފުޅުންނަކީ އެ މައްސަލައިގައި ދައުވާ އުފުލާފައި ތިބި ދެ ބޭފުޅުންނެވެ. އެހެންކަމުން އެ ދެބޭފުޅުން ހެކިބަސް ބައި ނުގަނެވޭނެ ކަމަށް ޔާމީނުގެ ވަކީލުން ތަކުރާރުކޮށް ބުނަމުން ދިޔަ ނަމަވެސް، އެ ދެބޭފުޅުންގެ ހެކިބަސް ކޯޓުން ވަނީ ނަގާފައެވެ.

ޔާމީންގެ މައްޗަށް މިޙާރު އުފުލާފައި އޮތް ދެ ދައުވާއަށް ވެސް އިންކާރު ކުރާއިރު، ޔާމީން ރ. ފުއްގިރި މައްސަލައިގައި ރިޝްވަތުގެ ގޮތުގައި ނެންގެވި ކަމަށް ދައުލަތުން ބުނަ 1،118،000 ޑޮލަރާއި އެމަނިކުފާނުގެ އާމްދަނީއާ ނުބައްދަލު ފައިސާ މުދާ ދައުލަތަށް ނެގުމުގެ އަމުރެއް ނެރެދިނުމަށް ވެސް ދައުލަތުގެ ފަރާތުން ޝަރީއަތުގައި އެދިފައި ވެއެވެ. މި ކަމާ މެދު ޝަރީއަތުން އަދި ވަކި ގޮތެއް ނުނިންމައެވެ.