ރާއްޖޭގައި ފަތުރުވެރިކަން ކުރާ ރަށްރަށުގެ ތެރެއިން ވެކްސިން ޑޯޒް ހަމަ ނުކޮށް ފަތުރުވެރިންނަށް ނުދެވޭނެ 8 ރަށެއް އަދިވެސް އެބަ އޮތްކަން އެޗްޕީއޭއިން އާންމުކުރާ މައުލޫމާތުން އެނގިއްޖެއެވެ.

އެޗްޕީއޭއިން މިއަދު އާންމުކުރި ތަފާސްހިސާބުގައި ވާގޮތުން އިއްޔެއާ ހަމައަށް ޑޯޒް ހަމަ ނުކޮށް ފަތުރުވެރިންނަށް ނުދެވޭ 8 ރަށަކީ އެ ރަށްރަށުގައި ދިރިއުޅޭ އާބާދީގެ ތެރެއިން ވެސް ވެކްސިންގެ ޑޯޒް ފުރިހަ ކުރަންޖެހޭ އަދަދަށް ޑޯޒް ހަމަކޮށްފައި ނުވާތީ ނުދެވޭނެ 8 ރަށެކެވެ.

އެޗްޕީއޭގެ ގަވާއިދު ބުނާ ގޮތުން ފަތުރުވެރިން ގެންދަންޏާ އެ ރަށެއްގެ އާބާދީގެ 60 ޕަސަންޓު މީހުން ތިބެން ޖެހެނީ ވެކްސިން ފުރިހަމަ ކޮށްފައެވެ.

އެގޮތުން ފަތުރުވެރިންގެ ތެރެއިން ވެކްސިން ޑޯޒް ފުރިހަމަ ނުކުރާ ފަތުރުވެރިންނަށް މިއަދާ ހަމައަށް ޒިޔާރަތް ނުކުރެވޭނެ ރަށްރަށަކީ އއ. ފެރިދޫ، އއ. ބޮޑުފޮޅުދޫ، އދ. އޮމަދޫ، އދ. މަހިބަދޫ، އދ. ދަނގެތި، އދ. ފެންފުށި، އދ. ދިއްދޫ އަދި އދ. މާމިގިއްޔެވެ.

ރަށްރަށް ފަތުރުވެރިން ގެންދިއުމުގެ ހުއްދަ ދިނުމުގައި އެޗްޕީއޭއިން ކަނޑައަޅާފައިވާ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ ރަށުގެ އާބާދީގެ 60 ޕަސަންޓު މީހުން ވެކްސިން ޑޯޒްތައް ފުރިހަމަކުރުމެވެ. މީގެ އިތުރުން 65 އަހަރުން މަތީގެ އާބާދީގެ 90 ޕަސަންޓު އަދި ގެސްޓްހައުސްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ 95 ޕަސަންޓު މީހުން ވެސް ތިބެން ޖެހެނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްގެންނެވެ.

ވެކްސިން ޑޯޒް ހަމަނުކުރާ ޓޫރިސްޓުންނަށް ދެވޭނެ ރަށްތަކަކީ އާބާދީގެ 60 ޕަސަންޓް މީހުން ވެކްސިން ފުރިހަމަ ކޮށްފައިވާ ރަށްރަށެވެ. އެ ރަށްރަށަށް 95 ގަޑިއިރު ހަމަނުވާ ޕީސީއާރު ނެގެޓިވް ނަތީޖާ އަކާ އެކު ފަތުރުވެރިންނަށް ދެވޭނެއެވެ.

އެއީ ކ. މާފުށި، އއ. މަތިވެރި، އއ. ތޮއްޑޫ، އއ. ރަސްދޫ، އއ. މާޅޮސް، އއ. ހިމަންދޫ، އއ. އުކުޅަސް، އދ. ހަންޏާމީދޫ އަދި އދ. ދިގުރަށެވެ.