ހުޅުމާލޭގެ ފޭސް 2 އާއި ބްރިޖަކީވެސް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ތަސައްވަރެއް ކަމުގައި ރައީސް މައުމޫންގެ ދަރިކަނބަލުން މިނިސްޓާ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.
ޔުމްނާ މިފަދައިން ވިދާޅުވީ އިދިކޮޅު ކޯލިޝަންގެ އެކްޓިން ލީޑަރު އަބްދުއްރަހީމް އަބްދުﷲ ޕީޕީއެމާ އަލަށް ގުޅުނު ބަޔަކު ފޯމް ހަވާލު ކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި އަބްދުއްރަހީމް، ރައީސް ޔާމީންގެ ވެރިކަމާ ދެކޮޅަށް ރައީސް މައުމޫން ނުކުންނެވި ސަބަބުތަކާ ގުޅޭ ގޮތުން ވާހަކަ ދެއްކުމުންނެވެ.
އަބްދުއްރަހީމް ވިދާޅުވީ ރައީސް މައުމޫނާއި ރައީސް ޔާމީންގެ ގުޅުން ގޯސްވެފައި ވަނިކޮށް އޮކްޓޫބަރު 7، 2016 ގައި ރައީސް ޔާމީންގެ އެދިވަޑައިގަތުމަކަށް ރައީސް މައުމޫނާއި ބައްދަލު ކުރެއްވި ކަމަށެވެ. މައުމޫންގެ ރަސްމީ އޮފީހުގައި އޮތް ބައްދަލު ކުރެއްވުމުގައި ރައީސް ޔާމީނާމެދު އޮތް ކަންބޮޑުވުންތައް މައުމޫން އޭނާއަށް ވިދާޅުވެ ދެއްވި ކަމަށެވެ.
އަބްދުއްރަހީމް ވިދާޅުވީ މާލެ-ހުޅުލެ ގުޅާލަން ބްރިޖް އަޅަނީ ކީއްކުރަންތޯ އާއި އެ މަސައްކަތަށް ވުރެ މާ މުހިންމު ކަންކަން އެބަހުރި ކަމަށް ރައީސް މައުމޫން އެ ދުވަހު ވިދާޅުވި ކަމަށެވެ. އަދި އެމަނިކުފާނުގެ ވެރިކަމުގައި މާލޭގައި އިސްލާމީ މަރުކަޒެއް ބިނާ ކޮށްފައި ވަނިކޮށް ހެންވޭރުގައި “ކިންގް ސަލްމާން މިސްކިތް” ނަމުގައި އެހެން އިސްލާމީ މަރުކަޒެއް ހެދުމުގެ ބޭނެއް ނެތް ކަމަށާއި ހުޅުމާލެ ހިއްކަވާފައި ވަނިކޮށް ފޭސް ދޭއެއްގެ ނަމުގައި “ޒުވާނުންގެ ޝަހަރެއް” ހިއްކުމުގެ ބޭނުމަކީ ކޮބައިތޯ ސުވާލު ކުރެއްވި ކަމަށެވެ.
އަދި އޭގެ ފަހަށް އެ ހުރިހާ ކަމަކީ ވެސް އެމަނިކުފާނުގެ “ލެގަސީ” ދުއްވާލެއްވުމަށް ރައީސް ޔާމީން ކުރައްވާ ކަމެއް ކަމަށް ވިދާޅުވެ އެމަނިކުފާނުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އެއީ ކަމަށް ވިދާޅުވި ކަމަށެވެ. އަބްދުއްރަހީމް ވިދާޅުވީ އެ ވާހަކަތައް ދޮގު ކުރައްވަން މައުމޫނަށް ކެރިވަޑައި ނުގަންނަވާނެ ކަމަށެވެ.
ޔުމްނާ ވިދާޅުވީ ފޭސް 2 ވެސް ބްރިޖްވެސް އެއީ ރައީސް މައުމޫނުގެ ތަސައްވުރެއް ކަމަށާއި ތާއީދު އަނބުރާ ގެންދެވީ ޕީޕީއެމް ގެ ސަރުކާރު ޕީޕީއެމް ގެ އުސޫލުތަކާއި ދުރަށް ގޮސް ކޮރަޕްޝަނާ އަނިޔާވެރިކަމުގެ ތެރެއަށް ދިޔުމުން ކަމަށެވެ.
އަދި އިތުރަށް ޔުމްނާ ވިދާޅުވީ އޭރު ކަން ހިނގާދިޔަ ގޮތް އަދި ހަނދާން ނެތޭހާ ދުވަހެއް ނުވާ ކަމަށެވެ.