ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

އިމްރާން ކޮވިޑަށް ޕޮޒިޓިވްވީ ބަލީގެ އަލާމާތްތައް ފެނިގެން މިމަހުގެ 28 ވަނަ ދުވަހު ޓެސްޓް ކުރުމުންނެވެ. އިމްރާން ކޮވިޑަށް ޕޮޒިޓިވްވި އިރު އޭނާ ވަނީ ވެކްސިންގެ ދެޑޯޒް ފުރިހަމަ ކުރައްވާފައެވެ. އިމްރާން ކޮވިޑަށް ޕޮޒިޓިވްވި ނަމަވެސް ހާލުކޮޅު ރަނގަޅު ކަމަށް މައުލޫމާތު ލިބެއެވެ. އޭނާ މިވަގުތު ހުންނެވީ ގޭގައެވެ.

އިމްރާން ކޮވިޑަށް ޕޮޒިޓިވް ވެގެން އެކަހެރިވެ ވަޑައިގެންނެވި އިރު މިދުވަސްވަރަކީ އަނެއްކާވެސް އެމްޑީޕީގެ ބައެއް މެންބަރުންގެ ފަރާތުން އޭނާ އަށް ފާޑުކިޔުން އަމާޒުވެފައިވާ ދުވަސްވަރެކެވެ. ސަބަބަކީ މެއި މަހުގެ 06 ވަނަ ދުވަހު ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލަން ދިން ހަމަލާ އާއި އަދި ހަރުކަށި ފިކުރު ނައްތާލަން އެކަށީގެންވާ ވަރަށް މަސައްކަތް ނުކުރުމުގެ ތުހުމަތު ބޮލުގައި އަޅަން ޖެހުމެވެ.

އިމްރާން ކޮވިޑަށް ޕޮޒިޓިވްވުމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެބިނެޓުން ކޮވިޑަށް ޕޮޒިޓިވްވި ބޭފުޅުންގެ އަދަދު ވަނީ ތިނަކަށް އަރާފައެވެ. މީގެ ކުރިން ނައިބު ރައިސް ފައިސަލް ނަސީމާއި އިކޮނަމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވެސް ކޮވިޑަށް ޕޮޒިޓިވް ވިއެވެ.

އިމްރާން ޕޮޒިޓިވް ކަން އެނގުނު އިރު މިދިޔަ ޖުލައި 26 ވަނަ ދުވަހު އޮތް، ރައީސް ވެސް ބައިވެރިވެވަޑައިގެންނެވި ބޮޑު ރަސްމިއްޔާތުގައި އިމްރާންވެސް ބައިވެރިވެވަޑައިގަތެވެ.

މާލެ އިން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މިހާރު ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ. މާލެ އިން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު 30 އަށްވުރެ ދަށުގައި ހުންނަތާ މިހާރު 8 ދުވަސް ވެއްޖެއެވެ. ކޮވިޑް ޖެހިގެން މާލޭ ސަރަހައްދުގައި މިހާރު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ގެންދަނީ ވެސް ދެމީހުންނަށެވެ. ނަމަވެސް އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އަދިވެސް ހުރީ ވަރަށް މަތީގައެވެ.