ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ކޭސްތައް އަނެއްކާވެސް އިތުރު ވާން ފަށާފައި އޮތުމާއި، ބަލިން ދިފާއުވާ ވެކްސިން ޖެހުމަށް އަދިވެސް ބައެއް މީހުން އުޒުރުވެރި ވަމުން ދާއިރު، އަލަށް ވެކްސިން ޖަހާ ފަރާތްތަކަށް 100 ޑޮލަރުގެ މާލީ ބަދަލެއް ދިނުމަށް، އެމެރިކާގެ ރައީސް ޖޯ ބައިޑަން، އެ ގައުމުގެ ސްޓޭޓްތަކަށް ގޮވާލައްވައިފިއެވެ.

މީގެ އިތުރުން ބައިޑަން ވަނީ، އެމެރިކާގެ ފެޑެރަލް ސަރުކާރުގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުންވެސް ކޮވިޑް ވެކްސިން ފުރިހަމަ ކުރުމަށް ލާޒިމު ކުރާ އާ ގަވައިދެއްވެސް ތައާރަފު ކުރައްވާފައެވެ. އެމެރިކާގެ ފެޑެރަލް ސަރުކާރުގެ މުވައްޒަފުންގެ ވޯކްފޯސްއަކީ މުޅި އެ ގައުމުގައިވެސް އޮތް އެންމެ ބޮޑު ވޯކްފޯސްއެވެ. އެމެރިކާގެ ފެޑެރަލް ސަރުކާރުގެ އެކި މަގާމުތަކުގައި 2 މިލިއަނެއްހާ މީހުން ވަޒީފާ އަދާ ކުރެއެވެ.

ވެކްސިން ފުރިހަމަ ނުކުރާ ފަރާތްތަކުން ކޮވިޑަށް ޓެސްޓު ކުރުން މަޖުބޫރު ކުރާއިރު، މާސްކު އެޅުންވެސް އެ މީހުންނަށް މަޖުބޫރެވެ.

އަލަށް ކޮވިޑް ވެކްސިން ޖަހާ މީހުންނަށް މާލީ ހަދިޔާ ދިނުމަށް ބޭނުން ކުރާނީ 1.9 ޓްރިލިއަން ޑޮލަރުގެ އަގު ހުރި، އެމެރިކަން ރެސްކިއު ޕްލޭން ކަމަށް މައުލޫމާތު ލިބެއެވެ.

ބައިޑަން އިތުރަށް ވިދާޅުވީ، ވެކްސިން ޖަހަން ދާން، މުސާރައާއެކު ހުސްވަގުތު ދޫކުރާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެމެރިކާގެ ސަރުކާރުން ފުރިހަމަ ބަދަލު ދޭނެ ކަމަށެވެ.

އަލަށް ވެކްސިން ޖަހާ ފަރާތްތަކަށް 100 ޑޮލަރުގެ މާލީ ހަދިޔާއެއް ދިނުމަށް ނިންމުމަކީ، ކުރިން ވެކްސިން ޖެހި މީހުންނަށް އިންސާފަކަށް ނުވެދާނެ ކަމަށާ، ނަމެވެސް، ގިނަ އަދަދެއްގެ ބަޔަކު ވެކްސިން ޖެހުމުން، އެކަމުގެ ފައިދާ އެންމެނަށް ކުރާނެ ކަމަށް ބައިޑަން ވަނީ ފާހަގަ ކުރައްވާފައެވެ.

ހުސްވި މަހުގެ ދިރާސާއަކަށް ބަލާއިރު، ކޮވިޑްގައި މަރުވި މީހުންގެ 99 ޕަސެންޓަކީ، ވެކްސިން ނުޖަހާ ތިއްބާ ބަލިޖެހުނު މީހުންނެވެ. އެމެރިކާގެ ސެންޓާޒް ފޮ ޑިޒީޒް ކޮންޓްރޯލްގެ ރެކޯޑް ބަލާއިރު، އެމެރިކާގެ ބޮޑެތި މީހުންގެ އާބާދީގެ 70 ޕަސެންޓް މީހުން މިހާރު ވަނީ ކޮވިޑް ވެކްސިންގެ 1 ޑޯޒް ޖަހާފައެވެ.