ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ކޮންޓްރޯލް ކުރުމަށް އެޅި ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން ފަތުރުވެރިންނަށް ބޯޑަރު ބަންދުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސް، ކޮވިޑުން ދިފާއުވާން ޖަހާ ވެކްސިންގެ ޑޯޒްތައް ފުރިހަމަ ކޮށްފައިވާ ބިދޭސީ ފަތުރުވެރިންނަށް ގައުމު ހުޅުވާލަން، ސައުދީ އަރަބިއްޔާއިން ނިންމައިފިއެވެ.

17 މަސް ދުވަހުގެ މެދުކެނޑުމަކަށް ފަހު، ބިދޭސީ ފަތުރުވެރިންނަށް ސައުދީގެ ބޯޑަރުތައް ހުޅުވާލަނީ އޯގަސްޓް 1 ވަނަ ދުވަހުން ފަށައިގެންނެވެ. މި ލުއިގެ ދަށުން، ފަތުރުވެރި ވިސާގައި ސައުދީއަށް އެތެރެވެވޭނީ ވެކްސިން ޑޯޒްތައް ފުރިހަމަ ކޮށްފައި ވާ ބިދޭސީ ފަތުރުވެރިންނަށް ވާ އިރު، ސައުދީއިން ބަލައިގެންފައި ވަނީ، ފައިޒާ، އަސްޓްރާޒެނީކާ، މޮޑާނާ އަދި ޖޯންސަން އެންޑް ޖޯންސަންގެ ކޮވިޑް ވެކްސިން ކަން ފާހަގަ ކުރަންޖެހެއެވެ.

މި ވެކްސިންތައް ފުރިހަމަ ކޮށްފައި ވާ ފަރާތްތަކުން ސައުދީއަށް އެތެރެވެ، ކަރަންޓީނު ވާން ނުޖެހޭނެ ކަމަށާ، ނަމަވެސް އެ ލުއި ލިބޭނީ، 72 ގަޑިއިރު ނުވާ، ޕީސީއާރް ކޮވިޑް-19 ނެގެޓިވް ޓެސްޓު ނަތީޖާ އޮވެމެ، ސިއްހަތާ ބެހޭ އިދާރާތަކުގައި މައުލޫމާތު ދަފުތަރުކޮށްފައި ވާ މީހުންނަށް އެކަނި ކަމަށްވެސް ސައުދީއިން ބުނެއެވެ.

ތެލުގެ ވިޔަފާރިއަށް މުޅިންހެން ބަރޯސާވެފައި އޮތް ސައުދީގެ އިގުތިސޯދު، ފަތުތުވެރި ކަމަށް ހުޅުވުމާލުމަށް އެ ގައުމުން ވަނީ ސުމަކުން ފަށައިގެން މަސައްކަތް ކޮށްފައެވެ. ބައިނަލްއަގުވާމީ މުޖުތަމައުގައި ސައުދީގެ ތަސްވީރު ބަދަލު ކުރުމަށް އެގައުމުގެ ނުފޫޒުގަދަ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ފެއްޓެވި އިސްލާހީ ކެމްޕޭންގެ ތެރެއިން، ސައުދީއިން ފަތުރުވެރި ވިސާ ދޫކުރަން ފެށީ 2019 ވަނަ އަހަރުއެވެ.

ސެޕްޓެމްބަރު 2019 އިން މާޗް 2020 އާ ދެމެދު، ސައުދީއިން ވަނީ 400000 ފަތުރުވެރި ވިސާ ދޫކޮށްފައެވެ.