އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހަންމާ) ޕީޕީއެމް އަށް ސޮއި ކުރައްވައިފިއެވެ.
މުހަންމާ ޕީޕީއެމްއަށް ސޮއިކުރެއްވީ މިރޭ ޕީޕީއެމްގެ އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
މިރޭގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން މުހަންމާ ވަނީ ރައީސް ޔާމީނާ ދެކޮޅަށް މަސައްކަތް ކުރެވުނީތީ ހިތާމަކުރައްވާ ކަމަށާ އެކަމަށް މާފަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ.
މުހައްމާ ރައްޔިތުން މަޖިލީހުގެ މެންބަރު ކަމަށް 2014 ވަނަ އަހަރު ހޮވުނީ ޖުމްހޫރީ ޕާޓީގެ ޓިކެޓްގައެވެ. ނަމަވެސް މެންބަރު ކަމަށް ހޮވިވަޑައިގެންނެވިތާ ކުޑަ ދުވަސްކޮޅެއް ފަހުން މުހައްމާ ޖުމްހޫރީ ޕާޓީ ދޫކުރައްވާ ޕީޕީއެމް އަށް ސޮއި ކުރެއްވިއެވެ.
މުހައްމާ ޕީޕީއެމް އިން ވަކިވެވަޑައިގަތީ ރައްޔިތުން މަޖިލީހުގެ ރައީސް ކަމުން އަބްދުﷲ މަސީހް ދުރުކުރުމަށް ކުރި މަސައްކަތުގެ ތެރެއިންނެވެ. އެމައްސަލައިގައި މުހައްމާގެ ގޮނޑި ގެއްލުނު ކަމަށް ވެސް ނިންމިއެވެ. ނަމަވެސް ދޮޅު އަހަރު ފަހުން އަނެއްކާވެސް މެންބަރުކަން އިއާދަ ކުރި 12 މެންބަރުންގެ ތެރޭގައި މުހައްމާ ހިމެނުނެވެ.
މުހައްމާ އާ އެކު ޕީޕީއެމް އިން ވަކިވި 12 މެންބަރުންގެ ތެރޭގައި ހިމެނުނު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) ވެސް ވަނީ ދާދިފަހުން ޕީޕީއެމް އަށް ސޮއި ކުރައްވާފައެވެ. އަދި އޭގެ ކުރިން އެމެންބަރުންގެ ތެރޭގައި ހިމެނުނު ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުއްލަތީފް މުހައްމަދު ވެސް ވަނީ ޕީޕީއެމް އާ ގުޅިވަޑައިގެންފައެވެ.
މީގެ އިތުރުން މިމަހުގެ 19 ވަނަ ދުވަހު ވަނީ ކުރީގެ ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް އާއި ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީގެ ކުރީގެ މެންބަރު އަހްމަދު އަބްދުލްކަރީމް (ރުކުމާ) ވެސް ޕީޕީއެމް އަށް ސޮއި ކުރައްވާފައެވެ.