ހުރިހާ ބާރަކާއެކީ 3 އަހަރުވީމާވެސް ކުރީ ސަރުކާރަށް ތުހުމަތު ކުރުމުން ރައްޔިތުންނަށް އެކަން ވާނީ ޖޯކަކަށް ކަމަށް ވިދާޅުވެ، ޕީޕީއެމްގެ ނާއިބް ރައީސް، ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ލީޑަރު، މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމަށް ރައްދު ދެއްވައިފިއެވެ.

މާލޭގެ ގޭބިސީތަކަށް މިފަހަރު ކަރަންޓު ބިލު ބޮޑުވި މައްސަލައިގައި އާންމުން ކަންބޮޑުވުން ފާޅުކުރުމުން، މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވެސް އެކަމާ ވަނީ ކަންބޮޑުވުން ފާޅުކުރައްވާ ފައެވެ. މޭޔަރު ކަންބޮޑުވުން ފާޅުކުރެއްވުމުން އެމްޑީޕީގެ ޕީޖީ ލީޑަރު އަލީ އާޒިމް، ރައްދުގައި ވިދާޅުވީ ކަރަންޓު ބިލު ބޮޑުވީ ކުރީ ސަރުކާރުން އަމަލު ކުރި ގޮތުގެ ސަބަބުން ކަމަށެވެ.

އާޒިމްގެ ވާހަކަތަކަށް ރައްދު ދެއްވަމުން، ޝިޔާމް ވިދާޅުވީ "ބައްލަވާ އަދިވެސް ތިޔަ ހާސަރުން ނެއްޓޭކަށް ނުވޭތޯ؟" އެވެ.

ޝިޔާމް އިތުރަށް ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ދައުރު ނިމުމުގެ ކުރިން ރައްޔިތަކަށް ހިދުމަތެއް ކޮށްދިނުމަކީ މާ އައުލާކަން ބޮޑު ކަމެއް ކަމަށެވެ.

އާޒިމް ވިދާޅުވީ، މިއަދު ސަރުކާރަށް އިގްތިސާދީ ގޮތުން މިދިމާވާ ދަތިތަކަކީ، ނިމިދިޔަ ސަރުކާރުން ހާއްސަކޮށް މުއިއްޒުވެސް ހިމެނިވަޑައިގަންނަވާ ކެބިނެޓަކުން އަމަލުކުރެއްވި ގޮތަކުން ޖެހެމުންދާ ދަތިތަކެއް ކަމަށެވެ. ނަމަވެސް ސަރުކާރުން ދަނީ މިކަންކަން ހައްލުކޮށް ރައްޔިތުންނަށް އަދަށް ވުރެ ފަހި މާދަމައެއް ހޯދުމަށް މަސައްކަތް ކުރަމުން ކަމުގައި އާޒިމް ވިދާޅުވިއެވެ.

ތިޖޫރިހުރިތާ އޮތީ ހުސްވަޅުގަނޑެއް. އެވަޅުގަނޑު ތެރޭހުރި ކަރުދާހުގަ ހުރީ އަހަރަކު 1 ބިލިއަން ރުފިޔާ ބޭރުގެ އެކިއެކި ފަރާތްތަކަށްދޭން. ބޮޑު ބަލިމަޑު ކަމެއްގައިވެސް ރައްޔިތުންނަށް އެކިއެކި ކަންކަން ކޮށްދެމުން މިކުރާކަމަކީ ނުއަގުގަޔާ ނުކަސިޔާރުކޮށް ނަގާފައި ހުރި ދަރަނި އަދާކުރަނީ.
އެމްޑީޕީގެ ޕީޖީ ލީޑަރު އަލީ އާޒިމް

ނިމިދިޔަ ޖޫންމަހުގެ ކަރަންޓް ބިލް ބޮޑުކަމަށް ފެންނަނީ ކޮވިޑާ ގުޅިގެން ދިން ސަބްސިޑީ ޖުލައި މަހު ކަރަންޓު ބިލަށް އިއާދަކުރުމުން ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.