ފުވައްމުލަކުގައި ހުންނަ ޏ. އަތޮޅު ހޮސްޕިޓަލްގެ އަންހެނުންގެ ހާއްސަ ޑޮކްޓަރު ވަގުތީ ގޮތުން މަގާމުގެ މަސްއޫލިއްޔަތު ތަކުން އެކަހެރި ކޮށްފިއެވެ.
ފުވައްމުލަކު ހޮސްޕިޓަލުގެ މެނޭޖަރު އަހްމަދު ސައީދު ބައެއް މީޑިޔާތަކަށް ވިދާޅުވީ އަންހެނުންގެ ޑޮކްޓަރަށް ވަގުތީގޮތުން ފިޔަވަޅު އަޅާފައިވާ ކަމަށެވެ. އަދި ރަސްމީކޮށް ފިޔަވަޅެއް އަޅަން އެނގޭނީ މައްސަލައާއި ގުޅޭ ލިޔެކިޔުންތައް ދިރާސާ ކުރުމަށް ފަހު ނިމޭ ގޮތަކުން ކަމަށް ވެސް އޭނާ ވަނީ ވިދާލުވެފައެވެ.
އެ ޑޮކްޓަރު ސަސްޕެންޑް ކޮށްފައި ވަނީ ޑޮކްޓަރުގެ ބެލުމުގެ ދަށުން ސިޒޭރިއަންއެއް ހެދުމަށް ފަހު ދެމަސް ފަހުން ޕޭޝަންޓުގެ ބަނޑުން ފޮތިގަނޑެއް ނަގަން ޖެހުނު މައްސަލައެއް ދާދިފަހުން ފެންމަތިވެފައި ވަނިކޮށެވެ.
ފުވައްމުލަކު ހޮސްޕިޓަލުގައި ބަލި މީހުން ބަލާ އަންހެނުންގެ ޑޮކްޓަރު، ފާއިތުވީ ދެމަސް ތެރޭގައި ކުރި ސިޒޭރިއަން އޮޕަރޭޝަން ތަކުގެ ތެރެއިން ތިން އޮޕަރޭޝަނެއްގައި މައްސަލަ ވަނީ ދިމާވެފައެވެ.
އަދި އެ ތިން ޕޭޝަންޓުންވެސް އިތުރު ފަރުވާއަށް މާލެ ފޮނުވަން ޖެހުނުކަމަށް ފުވައްމުލައް ސިޓީ ކައުންސިލުން ވަނީ މީގެ ކުރިން ބުނެފައެވެ.