6 މެއިގައި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ހައްޔަރު ކުރި އިތުރު މީހަކަށް ދައުވާ ކުރަން ލިބިވަޑައިގެންފި ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވީ އިތުރު މީހެއްގެ މައްސަލަ ފުލުހުންގެ މުއައްސަސާއިން ޕީޖީ އޮފީހަށް ފޮނުވާފައި ވާ ކަމަށާއި އެ މައްސަލަ މިހާރު ބަލައިގެންފައިވާ ކަމަށެވެ.

އޭނާއާ މެދު ދައުވާ ކުރުމުގެ ކުރިން ކުރަން ޖެހޭ ދިރާސާތައް ނިންމައި އަންނަ ހަފުތާގެ ތެރޭގައި ދައުވާ ކުރުމާ މެދު ގޮތެއް ނިންމޭނެ ކަމަށް ޕީޖީ ޝަމީމް ވިދާޅުވިއެވެ.

ޕަބްލިކް ޕްރޮސެކިއުޓާރ އަޙްމަދު ޝަފީޢު ބައެއް މީޑިއާތަކަށް ވިދާޅުވެފައިވަނީ ފުލުހުން ދަޢުވާކުރަން ފޮނުވީ މި މައްސަލައިގައި 05 ވަނައަށް ހައްޔަރުކުރި ނ.މަނަދޫ ނޫރީގޭ ޢަލީ ހައިޝަމްގެ މައްޗަށެވެ.

"އަޅުގަނޑުމެން [ޕީޖީން] މިހާރު އިންތިޒާރު ކުރަމުން މި ދަނީ ފުލުހުންގެ ބައެއް ފޮރެންސިކް ރިޕޯޓްތަކަށް، ތަހުގީގު ދަނީ ބާރަށް ކުރިއަށް"
ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް

މި މަހުގެ 21 ވަނަ ދުވަހު ވަނީ މި މައްސަލައިގައި ހައްޔަރުކުރި 4 މީހަކަށް ދައުވާ ކުރަން ޕީޖީއަށް ފޮނުވާފައެވެ. އެއީ ބޮން ގޮއްވާލަން ރިމޯޓަށް ފިއްތިކަމަށް ތުހުމަތުވާ އަދުހަމް އަހުމަދު ރަޝީދު (26) ހިޔާ، ވ. ތިނަދޫ، މުޖާޒު އަހުމަދު (21) މއ. ފޭރުގެ، ތަހުމީން އަހުމަދު (32) ގއ. ކޮނޑޭ، ފޮޅޭމާ، އަހްމަދު ފާތިހު (23) ލ. ގަން، ދުންފިނިއުފާއެވެ.

ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލަން މިދިޔަ މެއި މަހު 6 ވަނަ ދުވަހު ދިން ހަމަލާ އާ ގުޅިގެން ހައްޔަރު ކޮށްފައިވާ ބައެއް މީހުން ދައުލަތާ އެކު އިއުތިރާފުގެ އެއްބަސްވުން ހަދަން ހުށަހަޅާފައިވާ ކަމަށް މި މަހުގެ 24 ވަން ދުވަހުގެ ރޭ ބޭއްވި ފްރެސް ބްރީފިންގައި ޕްރޮސެކިއުޓާ ޖެނެރަލް ހުސެން ޝަމީމް ވަނީ ވިދާޅުވެއްޖެއެވެ.

މި ހަމަލާއާއި ގުޅިގެން މިހާތަނަށް ވަނީ 10 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި ހަމަލާދިނުމުގައި އިސްކޮށް އުޅުނު އަދި ރޭވުމުގައި އިސްކޮށް އުޅުނު މީހުންނާއި، އަމަލީ ގޮތުން ބައިވެރިވި މީހުން ހިމެނެއެވެ.