އަންހެނުންނަށް ކުރާ ޖިންސީ ގޯނާއާއި ރޭޕްގެ މައްސަލާގައި އެކަށީގެންވާ ފިޔަވަޅުތަކެއް އަޅުއްވަމުން ނުދާ ކަމުގެ ބޮޑެތި ތުހުމަތުތަކެއް އަމާޒުވެފައި ވާ ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާން، ދިފާއަށް ކުޅުއްވައިފިއެވެ.

ރޭޕްގެ ޝިކާރައަކަށް ވުމުގައި، އެމީހާވެސް ޒިންމާއެއް އޮތް ކަމަށް ދޭހަ ވާ ފަދަ މޭރުމަކުން މީގެ ކުރިން ވާހަކަފުޅުދައްކަވާފައި ވާ އިމްރާޏް ވަނީ، ދުވަހަކުވެސް، ރޭޕްގެ ޝިކާރައަކަށްވީ މީހުން ކުށްވެރި ކުރައްވާފައި ނުވާނެ ކަމަށް ވިދާޅުވެފައެވެ.

މީގެ 2 ދުވަހެއް ކުރިން ޕީބީއެސްގެ ޖޫޑީ ވުޑްރަފަށް ދެއްވި ބަސްދީގަތުމެއްގައި އިމްރާން ވަނީ، ރޭޕްގެ ޒިންމާ އަކީ، އެ ޖަރީމާ ހިންގާ ފަރާތަކުން އުފުލަން ޖެހޭ ޒިންމާއެއް ކަމަށް ވިދާޅުވެފައެވެ. މި ބަސްދީގަތުމުގައި އިމްރާން ވަނީ، އަންހެން މީހާ ކޮންމެ އެއްޗެއް ލައިގެން ހުރި ކަމުގައި ވީ ނަމަވެސް، ރޭޕްގެ ޒިންމާ އުފުލަން ޖެހޭ މީހަކީ، އެ ޖަރީމާ ހިންގި މީހާ ކަމަށް ވިދާޅުވެފައެވެ.

ރޭޕްގެ ޝިކާރައަކަށް ވާ މީހާގެ ޒިންމާއެއް އޮތް ކަމަށް އިމްރާން ވިދާޅުވި ކަމަށް ބުނެ މީގެ ކުރިން އަޑު ފަތުރާފައި ވަނީ، އޭނާ ދެއްކެވި ވާހަކައެއްގެ މަފްހޫމް އޮޅުވާލައިގެން ކަމަށްވެސް އިމްރާން ވަނީ ވިދާޅުވެފައެވެ. އަދި އެފަދަ "މޮޔަ ކަމެއް" އޭނާ ނުކުރައްވާނެ ކަމަށްވެސް އިމްރާން ވަނީ ވިދާޅުވެފައެވެ.

މިދިޔަ އޭޕްރިލް މަހު ދެއްވި ބަސްދީގަތުމެއްގައި އިމްރާން ވަނީ، ރޭޕަށް ހިތްވަރު ދިނުމުން ދުރުވުމަށްޓަކާ، އަންހެނުން، ވީހާވެސް ބޮޑަކަށް ނިވާ ކުރަން ލަފާދެއްވާ ކަމަށް ވިދާޅުވެފައެވެ.

ޖިންސުގެ ތަފާތާ ގުޅިފައިވާ ސަލާމާތްތެރިކަމާ ބެހޭ ތަޖުރިބާކާރުން 2018 ވަނަ އަހަރު އެކުލަވާލި ރިޕޯޓަށް ބަލާއިރު، މުޅި ދުނިޔޭގެ ނިސްބަތުންވެސް، އަންހެނުންނަށް އެންމެ ނުރައްކާތެރި ގައުމުތަކުގެ ލިސްޓުގައި ޕާކިސްތާނު އޮތީ 6 ވަނާގައެވެ. ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ ކުރުންވެސް ޕާކިސްތާނުގައި ވަނީ ހައްދު ފަހަނަ އަޅާފައެވެ.