ނަފްރަތާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ގޮވާލައި އދ ގެ ބައްދަލުވުމެއް ބޭއްވުމަށް ފޮރިން މިނިސްޓަރު އަދި އދގެ އާއްމު މަޖިލީހުގެ 76 ވަނަ ސެޝަންގެ އިންތިހާބީ ރައީސް އަބްދުﷲ ޝާހިދާ ހަވާލުކޮށްފައިވާ ކަމަށް ކުރީގެ ފޮރިން މިނިސްޓަރު އަދި އދ ގެ ސްޕެޝަލް ރެޕަޓުއާ އޮން ފްރީޑަމް އޮފް ރިލިޖަން އޯ ބިލީފް، ޑރ. އަހްމަދު ޝަހީދު ވިދާޅުވެއްޖެއެވެ.

މިކަމާ ގުޅޭ ގޮތުން ޝާހިދު އެއްޗެއް ވިދާޅު ނުވި ނަމަވެސް، ޑރ. ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ނަފްރަތުގެ ބިލު ފާސް ވިޔަ ނުދިނުމަށް ރާއްޖޭގައި އުޅެނިކޮށް ނަފްރަތާ ދެކޮޅަށް ދުނިޔޭގެ ފެންވަރުގައި ފިޔަވަޅު އެޅުމަށް އދ އިން ގޮވާލައި އެކަމާ ބެހޭ ހާއްސަ އެއްވުމެއް އަންނަ އަހަރު ބޭއްވުމަށް އަބްދުﷲ ޝާހިދާއި ހަވާލު ކޮށްފައިވާ ކަމަށެވެ.

ނަފްރަތާ ދެކޮޅަށް ފިޔަވަޅު އަޅަން ދުނިޔޭގެ ފެންވަރުގައި ގޮވާލާ ބޮޑު މަހާސިންތާއަކަށް އދ ތައްޔާރުވާން ނިންމާފައި ވާއިރު، ސަރުކާރުން ބ. ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ލައްވާ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ނަފްރަތުގެ ބިލާ ހެދި ރާއްޖޭގައި ވަނީ ސިޔާސީ ބައިބައިވުން އުފެދިފައެވެ. އެ ބިލަކީ މިހާރު އޮތް ގޮތުން، ސެކިއުލަރިޒަމް ނުވަތަ އިސްލާމްދީނާ ހިލާފު ކަންތައްތައް ފާޅުގައި ކޮށް އާންމުންގެ ތެރޭގައި އުޅުނަސް އެމީހަކާ ދިމާއަށް އެވެސް އެއްޗެއް ބުނެފިނަމަ ކުށްވެރިވާ ގޮތަށް އޮތް ބިލެކެވެ.

ނަފްރަތުގެ ބިލުގައި އޮތީ ގާނޫނުލްއުގޫބާތުގެ 124 ވަނަ މާއްދާގެ ދަށުން ނަފްރަތުގެ އަމަލެއް ހިންގުން ކުށަކަށް ހަދާ ގޮތަށެވެ. އެގޮތުން އާންމު ތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ ނުވަތަ ދެކޮޅު މީހެއް ކަމަށް ތުހުމަތު ކުރުމާއި އިސްލާމީ އަގީދާއާ ގުޅުވައި މުޖުތަމައުގައި މީހަކާ މެދު ނަފްރަތު އުފެއްދުމާއި އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަ ކުރުން ނުވަތަ ސިފަ ކުރުމުގައި ބައިވެރިވުން ނުވަތަ އާންމު ތަނެއްގައި މުސްލިމަކަށް ކާފަރެއް ކަމަށް ތުހުމަތު ކުރުން ކުށަކަށް ހެދުން ހިމެނެއެވެ. ބިލުގައި ބުނެފައި ވަނީ އެއީ ޖުނަހުގެ އެއް ވަނަ ދަރައިގެ ކުށެއް ކަމަށެވެ.

އެހެންކަމުން އެފަދަ ކުށެއް ކޮށްފި ނަމަ އެއް އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ. އެންމެ ދަށް ވެގެން އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.

އެ ބިލާ ދެކޮޅަށް 101 އިލްމުވެރިއަކާއި 106 މަދަނީ ޖަމްއިއްޔާއަކާއި 123 ކައުންސިލެއްގެ އިތުރުން ސިޔާސީ 5 ޕާޓީއަކާއި ވެރިކަން ކުރާ އެމްޑީޕީއަށް ނިސްބަތްވާ މަޖިލީހުގެ ބައެއް މެންބަރުންނާއި އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީއަށް ނިސްބަތްވާ މަޖިލީސް މެންބަރުން ވަނީ ދެކޮޅު ހަދާފައެވެ.

އެބިލަށް އިސްލާމިކް މިނިސްޓްރީން ވަނީ 3 އިސްލާހެއް ހުށަހަޅާފައެވެ. އެއީ އިސްލާމް ދީނުގެ ނަމުގައި މީހުންގެ އަބުރާއި މުދަލާއި ފުރާނަޔަށް ގެއްލުން ލިބުމަށް މަގުފަހިވާ ފަދަ ކުށްތައް މަނާ ކުރުމާއި، އިސްލާމް ދީނުގެ ދައުވަތު ފެތުރުމާއި ހެޔޮކަންކަމަށް ގޮވާލުމާއި ނުބައި ކަންކަން ނަހީ ކުރުމުގެ މަތިވެރި ވާޖިބަށް ހުރަސް އެޅޭ ފަދަ މާއްދާތައް އިސްލާހު ކުރުމާއި، އިސްލާމްދީނާ ދެކޮޅަށް ހިންގޭ ނަފުރަތުގެ އަމަލުތައް އެބިލުގައި ހިމެނުމުގެ މައްޗަށް ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.

އެބިލާ ގުޅޭ ގޮތުން ސިޔާސީ ބޭފުޅުންނާއި ދީނީ އިލްމުވެރިން ކަންބޮޑުވުންތައް ހިއްސާކޮށްފައި ވާ އިރު އެމްޑީޕީިގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވާފައި ވަނީ އެބިލު އޮތްގޮތަށް ފާސް ކުރުމަށާއި، އެކަމުގައި ސަރުކަރުން އެއްބާރުލުން ނުދޭނަމަ ސަރުކާރަށް ތާއީދު ކުރެއްވުންވެސް ހުއްޓަވާލައްވާނެ ކަމަށް ވިދާޅުވެ އިންޒާރު ކުރައްވާފައެވެ.