ރާއްޖޭގެ މިސްކިތްތަކުގައި ކުޑަކުދިން ލައްވާ އިމާމްވެ ނަމާދު ކުރުވާ މައްސަލަ ފެންމަތިވުމުމާ ގުޅިގެން އެކުދިން ލައްވާ އިމާމްވެ ނަމާދު ނުކުރުވުމަށް އިސްލާމިކް މިނިސްޓްރީ އިން މިސްކިތްތަކަށް އަންގައިފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވީ މިސްކިތްތަކުގައި އިމާމުވެ ކުޑަކުދިންނަށް ނަމާދު ކުރެވޭޏީ އެކުދިންނަށް ވަޒީފާ ހަމަޖެހުމުން ކަމަށެވެ. އަދި މިސްކިތްތައް އިމާމުންނާ ހަވާލު ކުރާއިރު ވެސް އެ މިސްކިތެއްގައި އިމާމުވެ ނަމާދުކުރުމާ ބަންގި ގޮވަން ޖެހޭނީ އެ މިސްކިތަކާ ހަވާލުވާ އިމާމު މީހާ ކަމަށް އަންގާފައިވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިގޮތަށް އަމަލު ކުރަން ނިންމާފައި ވަނީ އިމާމުކޯހުގައި ކިޔަވާ ދަރިވަރުންތަކެއް ލައްވައި މިސްކިތެއްގައި އިމާމުވެ ނަމާދު ކުރުވާ މައްސަލައެއް ފެންމަތިވުމާ ގުޅިގެންނެވެ.

މި މައްސަލައާ ގުޅިގެން މިނިސްޓަރު ވިދާޅުވީ، ނަމާދަކީ ވަރަށް މާތް އަޅުކަމެއް ކަމަށާ، މިފަދަ މާތް އަޅުކަމެއް އިމާމުވެ ކުރަންވާނީ އެ ކަންކަން އެނގޭ މީހުން ކަމަށެވެ. އަދި ކުޑަކުދިން އިމާމުވެ ނަމާދު ކުރާއިރު ކުށެއް ކިޔުނު ނަމަވެސް އެ ކުށެއް ރަނގަޅު ކުރަން ނޭނގިދާނެ ކަމަށް ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން އިމާމް ކޯސް ހަދާ ލައިސަންސް ލިބިފައިވާ ކުދިންނަށް ވެސް މިސްކިތްތަކުގައި އިމާމުވެ ނަމާދު ކުރެވޭނީ އެކުދިންނަށް ވަޒީފާ ލިބުމުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާލުވީ އިމާމަކު ޗުއްޓީއަށް ނުވަތަ އެހެން ކަމެއް ދިމާވެގެން ވިޔަސް ނަމާދު ގަޑިއަށް މިސްކިތަށް ނުދެވޭނަމަ އޮންނަ ޕޫލްގެ ދަށުން މިސްކިތަށް އިމާމަކު ހަމަޖައްސާއިރު މިފަދަ ކުދިންނަށް ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

އަދި ކުޑަކުދިން އިމާމުވެ މިސްކިތްތަކުގައި ނަމާދު ނުކުރެވޭނެ ކަމަށް އަންގައި ސާކިއުލާއެއް ކޮންމެ ރަށަކަށް އީދު ބަންދަށް ފަހު ފޮނުވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.