ދުނިޔޭގައި މިހާތަނަށް ފެނުނު އެންމެ ބޮޑު ސްޓާ ސްފާޔާ ނުވަތަ ޔާގޫތު، އަވަށްޓެރި ސްރީލަންކާގެ ގެއެއްގެ ގޯތި ތެރެއިން ފެނިއްޖެއެވެ.
މި ޔާގޫތު ފެނިފައި ވަނީ ޖަވާހިރުގެ ވިޔަފާރި ކުރަމުން ދިޔަ މީހަކު ދިރިއުޅެމުން ދިޔަ ގޭގެ ގޯތި ތެރެ ކޮނުމުގެ މަސައްކަތް ކުރިއަށް ދަނިކޮށެވެ. މި ގެ ހުންނަނީ، ސްރީލަންކާގައި ޖަވާހިރުގެ މުއްސަނދިކަން އޭގެ އެންމެ އިންތިހާއަށް ލިބިފައިވާ ރަތުނަޕޫރާ ސަރަހައްދުގައެވެ. ސިންގަޅަ ބަހުން ރަތުނަޕޫރާގެ މާނައަކީވެސް ޖަވާހިރެވެ.
ތަޖުރިބާކާރުން ބުނާ ގޮތުގައި މަޑު ނޫކުލައަކަށް ދާ މި ޔާގޫތުގެ އަގު، ބައިނަލްއަގުވާމީ ބާޒާރުގައި 100 މިލިއަން ޑޮލަރަށް އަރާނެއެވެ. ބަރުދަނުގައި 510 ކިލޯގްރާމް ހުރި މި ޖަވާހިރުގައި 2.5 މިލިއަން ކެރެޓް ހުރި ކަމަށާ، މިޔާގޫތަށް ދީފައި ވާ ނަމަކީ "ސެރެންޑިޕިޓީ ސެފާޔާ" ކަމަށް މައުލޫމާތު ލިބެއެވެ.
ހަމައެކަނި ގަމަގެ ނަމުން މީޑިއާއަށް ނަން ހާމަކޮށްފައި ވާ ގޭގެ ވެރިފަރާތުން ބުނީ، ބަޔަކު މީހުން ލައްވާ ގޯތި ތެރެ ކޮނުމުގެ މަސައްކަތް ކުރިއަށް ގެންދަނިކޮށް، އާދަޔާ ހިލާފު ޖަވާހިރުތަކެއް ފެނިގެން އެމީހުން ރިޕޯޓް ކުރި ކަމަށާ، "ސެރެންޑިޕިޓީ ސެފާޔާ" ފެނުނީ އޭގެ ފަހުން ކަމަށެވެ.
ގަމަގެއަކީ ޖަވާހިރުގެ ވިޔަފާރީގައި އެ އާއިލައިން ހަރަކާތްތެރިވާ 3 ވަނަ ޖީލުގެ ދަރިއެކެވެ.
މައުލޫމާތު ލިބޭ ގޮތުގައި "ސެރެންޑިޕިޓީ ސެފާޔާ" ފެނިފައި ވަނީ މީގެ އަހަރެއްހާ ދުވަސް ކުރިންނެވެ. ފާއިތުވީ ދުވަސްތައް ހޭދަ ކުރީ އެ ޖަވާހިރުން ކިސަޑާއި އެނޫންވެސް ކިލަނބުތައް ފިލުވާ، ހަގީގީ ޖަވާހިރު ލިބިގަތުމަށެވެ. ސާފު ކުރުމުގެ ތެރޭގައި ބޮޑު ޖަވާހިރުން ވެއްޓިގެން ދިޔަ އެތިކޮޅުތަކަކީވެސް އަގުހުރި ޔާގޫތުތަކެއް ކަމަށް ހަބަރު ލިބެއެވެ.
ސްރީލަންކާއަކީ ޔާގޫތާއި އެނޫންވެސް އަގުބޮޑު ޖަވާހިރު އެކްސްޕޯޓް ކުރުމުގައި ނަން ހިނގާ ގައުމެކެވެ. އެކި ކަހަލަ ޖަވާހިރު އެކްސްޕޯޓް ކޮށްގެން، މިދިޔަ އަހަރުވެސް އެ ގައުމުން ވަނީ ބައި ބިލިއަނެއްހާ ޑޮލަރު ހޯދާފައެވެ.
ޖަވާހިރުގެ ތާރީހީ ވަނަވަރު ދިރާސާ ކުރާ ޑރ ގަމީނީ ޒޮއިސާ ބުނި ގޮތުގައި، "ސެރެންޑިޕިޓީ ސެފާޔާ" އުފެދިފައި ވަނީ މީގެ 400 މިލިއަނެއްހާ އަހަރު ކުރިން ކަމަށް ބެލެވެއެވެ.