މިއަދު 105 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެ އެކްޓިވް ކޭސްގެ އަދަދު 2611 އަށް މަތިވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، ވޭތުވެ ދިޔަ 24 ގަޑިއިރުގެ ތެރޭގައި ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން 22 މީހަކާއި އަތޮޅުތެރޭގެ ރަށްރަށުން 68 މީހަކާއި މިވަގުތު ހިންގަމުން ދާ ރިސޯޓު ތަކުން 15 މީހެކެވެ. މިއާއެކު މިމަހު ޕޮޒިޓިވްވި ޖުމްލަ އަދަދު ވަނީ 3155 އަށް އަރާފައެވެ.

މިއަދު 105 މީހަކު ޕޮޒިޓިވް ވެފައިވާ އިރު އިއްޔެ ވަނީ 98 މީހަކު ޕޮޒިޓިވް ވެފައެވެ. އަދި މިއަދު 90 މީހަކު ބަލިން ރަނގަޅު ވެފައިވާ އިރު އިއްޔެ ބަލިން ރަނގަޅުވެފައި ވަނީ 147 މީހެކެވެ.

ޕޮޒިޓިވްވި މީހުންނާއެކު އެކްޓިވް ކޭސް މިވަނީ 14 ކޭސް މަތިވެފައި ކަމަށް އެޗްޕީއޭ އިން ބުނެއެވެ. އިއްޔެ އެކްޓިވް ކޭސްގެ އަދަދު އުޅުނީ 2597 ގައެވެ. މިހާތަނަށް ރާއްޖެއިން ކޮވިޑް ޖެހުނު ޖުމްލަ އަދަދަކީ 76953 އެވެ. މީހުންގެ ތެރެއިން 74110 މީހުން މިހާތަނަށް ރަނގަޅުވެފައި ވާއިރު މަރުވި މީހުންގެ އަދަދު މިވަނީ 220 އަށް އަރާފައެވެ.

މިއަދު ކޮވިޑް ޖެހިގެން ވަނީ ދުވާފަރު ސިއްހީ މަރުކަޒަށް ގެންދިޔަ އުމުރުން 66 އަހަރުގެ ދިވެހި ފިރިހެނެއް މަރުވެފައެވެ.

ރާއްޖެއިން މި ބަލި ފެންނަން ފެށިތާ މިއަދާ ހަމައަށް 506 ދުވަސް ވެފައި ވާއިރު، މި ދިޔަ އަހަރު ނިމުނު އިރު 13،757 ކޮވިޑް ޕޮޒިޓިވް ކޭސް ވަނީ ރިޕޯޓް ކޮށްފައެވެ. މިދިޔަ އަހަރުގެ ނިޔަލަށް 49 މީހަކު ވަނީ މަރުވެފައެވެ. މިއަހަރު މިހާތަނަށް 93196 މީހަކު ޕޮޒިޓިވް ވެފައި ވާއިރު މި ބަލީގައި މި އަހަރު ވަނީ 172 މީހަކު މަރުވެފައެވެ.

ވޭތުވެ ދިޔަ މަހުގެ ކޮވިޑް ކޭސްތައް މިވަނީ މި އަހަރުގެ މެއި މަހު ރިޕޯޓްކުރި ކޭސްތަކާ އަޅާބަލާ އިރު ވަރަށް ބޮޑުތަން ދަށަށް ގޮސްފައެވެ. މެއި މަހު ރިޕޯޓް ކުރި ކޭސްގެ އަދަދު 34،561 އަށް އަރާފައިވާ އިރު އެ މަހު މަރުވި މީހުންގެ އަދަދަކީ 88 އެވެ. އަދި ހުސްވި ޖޫން މަހު ވަނީ 9،402 މީހަކު ޕޮޒިޓިވްވެ 50 މީހަކު މަރުވެފައެވެ.