ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރު ނިމި މެންބަރުން ޗުއްޓީގައި ތިއްބެވި މިވަގުތު ދައުރުން ބޭރުގައި މަޖިލީހުގެ ޖަލްސާއެއް ބާއްވަން ތާއިދު ކުރާ ކަމަށް އިދިކޮޅު ކޯލިޝަނުން ހާމަކޮށްފިއެވެ.

ޕީޕީއެމް އަދި ޕީއެންސީ ކޯލިޝަނުން މިހެން ބުނެފައި ވަނީ، ރައްޔިތުން މަޖިލީހުގެ އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅޭ ގޮތުން އެންމެ ފަހުން ފުލުހުން އާންމު ކުރި މައުލޫމާތުގައި ބޮޑެތި ކަންބޮޑުވުން ތަކެއް ހުރިކަން ފާހަގަ ކުރައްވައި ދައުރުން ބޭރުން ޖަލްސާއެއް ބާއްވަން އެމަނިކުފާނު އެދިވަޑައިގެންފައި ވަނިކޮށެވެ.

މިކަމާ ގުޅިގެން ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ، ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ފުލުހުން އެންމެ ފަހުން އާންމު ކުރި މައުލޫމާތުގައި ބޮޑެތި ކަންބޮޑުވުން ތަކެއް ހުރި ކަމަށެވެ. ފުލުހުން އެ ދެއްކީ ޖާނުން ފިދާވެގެން ހަމަލާ ދޭ ފަދަ ވާހަކަތަކެއް ކަމަށާއި ނަަމަވެސް އެފަދަ ހާލަތެއްގައި އަމަލުކުރާނެ ގޮތެއް ފުލުހުން ނުބުނާ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. އަދި މި ކަމަކީ ގައުމީ ސަލާމަތަށް ހުރި ވަރަށް ބޮޑު ނުރައްކަލެއް ކަމަށާއި މިފަދަ މައްސަލަތަކުގައި އެއްބާރުލުން ދޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މަޖިލީހުގައި ދައުރުން ބޭރުން ޖަލްސާއެއް ބާއްވަން ރައީސް ނަޝީދު ގޮވާލައްވާފައި ވާ އިރު އެމަނިކުފާނު ވަނީ ހޯމް މިނިސްޓްރީ ސީދާ ރައީސް ސޯލިހްގެ ބެއްލެވުމުގެ ދަށަށް ގެންދެވުމަށް ވެސް ގޮވާލައްވާފައެވެ. އަދި ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށް އެމްޑީޕީ ގައުމީ މަޖިލީހަށް ނަޝީދު ގަރާރެއް ހުށަހަޅުއްވައި އެ ގަރާރު ވަނީ 39 މެންބަރުންގެ އިއްތިފާގުން ފާސްކޮށްފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރު ޖަލްސާއެއް ބާއްވާނަމަ މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން މަޖިލީހުގެ ތިން ބައިކުޅަ އެއްބައި މެންބަރުންގެ ސޮއި އާއެކު ސަބަބު ބަޔާންކޮށް ހުށަހަޅަން ޖެހެއެވެ. އަދި އެ ހުށަހަޅާތާ 14 ދުވަސް ތެރޭ ޖަލްސާ ބާއްވަން ޖެހޭނެއެވެ.