މާލޭގެ 3 ސަރަހައްދަކަށް ވެލިއެޅުމުގެ މަސައްކަތް ފަށައިފިއެވެ.

މާލޭ ސިޓީ ކައުންސިލްއިން ބުނީ ވެލިއެޅުމުގެ މަސައްކަތް ފަށައިފާ ވަނީ މާލޭގެ ހެނދިގޮނޑުދޮށާއި، ރަސްފަންނާއި އުސްފަނގަނޑަށް ކަމަށެވެ.

ހެދިގޮނޑުދޮށާއި ރަސްފަންނަށް ވެލިއަޅަނީ މި ދުވަސްކޮޅު އެ ދެތަން ވަރަށް ބޮޑަށް ގިރާފައި ވާތީ އާއިއެކު މޫސުމީ ބަދަލެއްގެ ގޮތުން މިތަންތަން ގިރަމުން ދިއުމަކީ ކޮންމެ އަހަރަކުވެސް ވަކި ދުވަސްވަރެއްގައި ދިމާވަމުން އަންނަކަމެއް ކަމަށް އެ ކައުންސިލް އިން ވަނީ ފާހަގަކޮށްފައެވެ. އަދި މި ދުވަސްކޮޅު ވަރަށް ބޮޑަށް ގިރާފައިވާކަން ވެސް ވަނީ ފާހަގަކޮށްފައެވެ.

އުސް ފަންގަނޑަކީ މާލޭ ސިޓީގެ ރައްޔިތުން ކަސްރަތުގެ ބޭނުންތަކަށާއި، ގުޑިއެރުވުން ފަދަ ކުޅިވަރުތަކުގައި މިހާރު ބޭނުންކުރަމުން އަންނަތަނެކެވެ.

ސިޓީ ކައުންސިލް އިން ބުނީ މިތަން މިވަގުތު އޮތީ ވަރަށް ބޮޑަށް އަޑިގުޑަންވެފައި ކަމަށާއި އެހެންކަމުން މިވަގުތު ވެލިއަޅަނީ މިތަނުގެ އަޑިގުޑަން ފިލުވައި ލެވެލްކުރުމަށްޓަކައި ކަމަށެވެ.

މި ތިން ސަރަހައްދަށް ގާތްގަނޑަކަށް 400 ޓަނުގެ ވެލި އަޅަން ޖެހޭ ކަމަށް ލަފާ ކުރެވޭއިރު އެ މަސައްކަތަށް ހަތަރު ވަރަކަށް ދުވަސް ހޭދަވާނެ ކަމަށް ސިޓީ ކައުންސިލް އިން ވަނީ ބުނެފައެވެ.