ރާއްޖޭގެ މިނިވަންކަން ގެއްލި އަޅުވެތިކަމުގެ މަޅީގައި ޖެހޭ ކޮންމެ ފަހަރަކު އެކަމަށް މަގުފަހިކޮށްދީފައި ވަނީ އެއްބައިވަންތަކަން ގެއްލި ބައިބައިވުން ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ފާހަގަކުރަމުންދާ 56 ވަނަ މިނިވަންދުވަހުގެ މުނާސަބަތުގައި ރައީސް ދެއްވި ހިތޯބުގައި ވިދާޅުވީ ބޭރުގެ ގައުމުތަކާއެކު އޮންނަ ގުޅުންތައް ހަރުދަނާ ގޮތެއްގައި ކުރިޔަށް ގެންދިއުމަކީ ރާއްޖޭގެ މިނިވަންކަން ދެމެހެއްޓުމަށްޓަކައި ވަރަށް މުހިންމު ކަމެއް ކަމަށެވެ.

އަދި ކޮންމެ ފަހަރަކުވެސް ރާއްޖޭގެ މިނިވަންކަން ގެއްލި އަޅުވެތިކަމަށް މަގުފަހިކޮށް ދެނީ ރާއްޖޭގެ ރައްޔިތުންގެ މެދުގައި އެއްބައިވަންތަކަން ގެއްލި ބައިބައިވުން ކަމަށް ވެސް ރައީސް ވިދާޅުވެފައިވެއެވެ.

އދ. ގެ އާންމު މަޖިލީހުގެ ރިޔާސަތަށް ރާއްޖެ އިންތިހާބުވެ ދުނިޔޭގެ ފެންވަރުގައި ބަސްކިޔޭވަރުގެ ގައުމަކަށް ރާއްޖެ ވެގެން މި ދިޔައީ ރާއްޖޭގެ މިނިވަންކަން ފުރިހަމައަށޤ ހިމާޔަތް ކުރެވޭ ގޮތައް އަދި ދުނިޔޭގެ އެހެން ގައުމުތަކުގެ މިނިވަންކަމަށް ވެސް ހުރުމަތްތެރިކޮށް ހިތާ ސިޔާސަތެއްގެ ދަށުން ބައިނަލްއަގުވާމީ ގުޅުންތައް ދަމަހައްޓަމުން އަންނާތީވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު

ރައީސް އިތުރަށް ވިދާޅުވީ ރާއްޖޭގެ މުޖުތަމައުގެ ބައިބައިވުން އުފައްދާ ކަންކަން ދެމިއޮތްހާ ދުވަހަކު ގައުމުގެ ސުލްހަ މަސަލަސްކަމާ ހަމަޖެހުން އޮންނާނީ ބޮޑު ނުރައްކަލެއްގެ ތެރޭގައި ކަމަށެވެ. އަދި އިސްލާމްދީނުގެ ނަމުގައި ހައްދުފަހަނައެޅުމާ އިސްލާމް ދީނަށް ފުރައްސާރަ ކުރުމަކީ މުޖުތަމައު ބައިބައިކޮށް ފަސާދަ ކުރުމަށް މަގުފަހި ކުރުވާ ނުރައްކާތެރި އަމަލުތަކެއް ކަމަށް ވެސް ރައީސް ފާހަގަކުރައްވާފައި ވެއެވެ.

ރައީސް ވަނީ މިފަދަ ކަންކަން ހުއްޓުވުމަކީ ކޮންމެ ފަރުދަކުވެސް މަސައްކަތް ކުރަންޖެހޭ ވަރު ކަމެއް ކަމަށް ވިދާޅުވެފައެވެ. އަދި މިފަދަ މައްސަލަ ތަކަކީ ދިވެހި މުޖުތަމައުގައި އެއްގޮތަކަށް ވެސް އޮވެގެން ނުވާނެ ކަމެއް ކަމުގައި ރައީސް ފާހަގަކުރައްވާފައިވެއެވެ.

ރައީސް ވިދާޅުވީ މިފަދަ މައްސަލަތައް ހައްލުކުރުމުގައި އެމަނިކުފާނުގެ ވިސްނުންފުޅަކީ ހަމައެކަނި ގާނޫނީ ގޮތުން ފިޔަވަޅުތަކެއް އެޅުން ނޫންކަމަށެވެ. އަދި މި މައްސަލަތަކުގެ ދާއިމީ ހައްލަކީ އިސްލާމީ ރިވެތި ސައްހަ އަގީދާގެ މަތީގައި ޅަދަރިން ތަރުބިއްޔަތުކޮށް ބޮޑެތިކުރުން ކަމަށެވެ. މީގެ އިތުރުން ކުޑަކުދިން ޅަފަތުން ފެށިގެން ދީނުގެ ސައްހަ އަގީދާގެ މަތީގައި އެ ކުދިންގެ ދިރިއުޅުން ބިނާކުރުން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.