މި ދުނިޔެއަކީ ވަރަށްވެސް އާދަޔާ ހިލާފު ކަމެކެވެ. ބަސް ހުއްޓުވާ، އަނެކާ ހައިރާން ކުރުވަނިވި އެތައް ކަމަކާ ކޮންމެ ދުވަހަކުމެހެން ކުރިމަތިލާން ޖެހޭ ތަނެކެވެ. ބައެއް ކަހަލަ ހަގީގަތަކީ، ހިޔާލީ ވާހަކަތަކަށް ވުރެވެސް ބުއްދި ގަބޫލު ކުރަން ދަތި ކަމަކަށް ވެދެއެވެ. މިއީވެސް އެފަދަ ވާހަކައެކެވެ. މަރުވި ކަމަށް 3 ޑޮކްޓަރުން ނިންމާފައި އޮތް މީހަކު، އޮޓޮޕްސީއަށް ވަގުތު ކުޑަތަންވެފައި ވަނިކޮށް "ހޭލި" ގޮތުގެ ވާހަކައެވެ.

މިކަމެއް ހިނގީ ސްޕެއިންގައެވެ. ދުވަހަކީ ޖެނުއަރީ 7، 2018 އެވެ. ގޮންޒާލޯ މޮންޓޯޔާ ޖިމެނޭޒް، ހުކުމް ތަންފީޒު ކުރަމުން ދިޔަ ޖަލު ގޮޅީގައި ހަރަކާތް ހުއްޓިފައި އޮއްވާ ފެނުނެވެ. އޭނާއަށް ފަރުވާ ދިނުމަށް ދިޔައީ އެ ދުވަހު ޖަލު ޑިއުޓީގައި ތިބި 2 ޑޮކްޓަރުންނެވެ. އެ 2 މީހުންވެސް ނިންމީ ޖިމެނޭޒްގެ ފުރާނަ ނެތް ކަމަށެވެ.

މަރު ސާބިތުކޮށް ކަށަވަރު ކުރުމަށްޓަކާ، ފޮރެންސިކް ޑޮކްޓަރެއްގެ ބަސްވެސް ހޯދިއެވެ. ޖިމެނޭޒްގެ ފުރާނަ ނެތް ކަމަށް 3 ވަނަ ޑޮކްޓަރަކުވެސް ކަނޑައެޅިއެވެ.

މިހާ ހިސާބުން، މަރުގެ ކޭހެއްގައި އަމަލު ކުރާ އުސޫލުން އަމަލު ކުރަން ފެށިއެވެ. ޖިމެނޭޒްގެ ހަށިގަނޑު ބޮޑީ ބޭގަކަށް ލިޔެއެވެ. އަދި މޯޗަރީގެ ފިނިކުރާ ކޮޓަރީގައި އެ ބޭއްވިއެވެ. އޮޓޮޕްސީ ހެދުމަށްޓަކާ، ޖިމެނޭޒްގެ ހަށިގަނޑުގެ އެތަން މިތަނުގައި ފާހަގަތައް ޖެހިއެވެ.

ކަމެއް ގޯސްވެގެން އުޅޭ ކަން ޑޮކްޓަރުންނަށް ރެއަކާލީ މޯޗަރީގައި ތިއްބައެވެ. އެމީހުންނަށް އިވެން ފެށީ، މީހެއްގެ ގުގުރީގެ އަޑެވެ. އެ އަޑު އަންނަމުން ދިޔައީ އެއްކަލަ ބޮޑީ ބޭގް ތެރެއިންނެވެ!

ޖިމެނޭޒް މަރެއް ނުވެއެވެ. އޭނާ ދެން ގެންދެވުނީ ހޮސްޕިޓަލަށެވެ. އޭނާގެ ހާލު ސްޓޭބަލް ކަމުގައި ކަނޑައެޅިއެވެ.

ހޮސްޕިޓަލުގެ ކަމާ ބެހޭ ފަރާތްތަކުން ބުނި ގޮތުގައި، ޖިމެނޭޒްގެ ކޭހަކީ ކެޓަލެޕްސީގެ ކޭހެއް ކަމަށް ވެދާނެއެވެ. އެއީ ފިޓްޖެހުން ފަދަ ކަމެއް ވެ، ހޭ ހުސްވެ ހިއްސު ކެނޑުން މެދުވެރި ކުރުވާ ފަދަ ހާލަތެކެވެ.

އެ ވަގުތު ޖިމެނޭޒްއަށް ނުހޭލެވުނުނަމަ، ދެން ކަން ވެގެން ދާނެ ގޮތް ހިޔާލަށް ގެންނަންވެސް ދައްޗެވެ!