ދިވެހިރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށް އިގުރާރުވުމަށް، އެމްޑީޕީގެ ގައުމީ މަޖިލީހަށް ގަރާރެއް ހުށަހަޅުއްވަން އެ ޕާޓީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ނިންމަވައިފިއެވެ.

މި ގަރާރު ހުށަހަޅުއްވަން ނިންމާފައި ވަނީ މިރޭ 9:00 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައެވެ. މި ގަރާރުގެ ކޮޕީއެއް މިހާރު ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ.

އެ ގަރާރުގައި ބުނާގޮތުން ގަރާރުގެ ބޭނުމަކީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ޓެރަރިސްޓުން ހައްޔަރު ކުރުމަށް ފުލުހުންނަށް ފުރުސަތު ދިނުމެވެ. ރައީސް ނަޝީދު ވަނީ މިއަދު ހަވީރުގެ ވަގުތެއްގައި މިގޮތަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަން ޖެހޭ ކަމަށް އެމްޑީޕީ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕްގައި ވިދާޅުވެފައެވެ. އެގޮތަށް ގޮވާލައްވާފައި ވަނީ ފުލުހުންނާއި ޕީޖީ އޮފީސް ގުޅިގެން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަކުރި މައުލޫމާތުގެ މައްޗަށް ބިނާކުރައްވާ ކަަމަށް ބެލެވެއެވެ. އެއީ އެކަމާ ގުޅިގެން ސަރުކާރުން ދެން އަމަލުކުރަން ޖެހޭ ގޮތާމެދު އެމްޑީޕީން ދެކޭ ގޮތް ހާމަކުރަން ފާސްކުރަން އުޅޭ ގަރާރެއް ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.

އެމަނިކުފާނު ވިދާޅުވެފައި ވަނީ ރާއްޖޭގައި ދީނީގޮތުން ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތް ކުރުމަށް ހޯމް މިނިސްޓްރީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ބެއްލެވުމުގެ ދަށަށް ގެންގޮސް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމަށް ގޮވާލައްވާ ކަމަށެވެ.

ނަޝީދު މިހެން ވިދާޅުވެފައި ވާއިރު ކުއްލި ހާލަތުގައި ވެސް މީހުން ހިފާ ހައްޔަރު ކުރެވޭނީ ވަކި ހާލަތެއްގައެވެ. އަދި މިހާރުވެސް ޓެރަރިޒަމްގެ ތުހުމަތު ކުރެވޭ ފަރާތްތަކަށް ގާނޫނު އަސާސީން ލިބިދޭ ބައެއް ހައްގުތައް ހަނިކުރުމަށް ފަހު ހައްޔަރު ކުރުމުގެ ބާރު ޓެރަރިޒަމް ހުއްޓުވުމުގެ ގާނޫނުގެ ދަށުން ފުލުހުންނަށް ލިބިދެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މީގެ ކުރިންވެސް ރައީސް ނަޝީދު ވަނީ ގިނަ ބަޔަކު ކުއްލިއަކަށް ހިފާ ހައްޔަރު ކުރަން ޖެހޭ ކަމަށް ވިދާޅުވެފައެވެ. އަދި އެކަން އެގޮތަށް ކުރުމުގައި ފަސް ނުޖެހުމަށް ރައީސް ނަޝީދު ވަނީ ރައީސް އިންރާހިމް މުހައްމަދު ސޯލިހަށް ގޮވަލައްވާފައެވެ.