އެމްޑީޕީގެ މީދޫ ދާއިރާގެ މަޖިލިސް މެންބަރު ރޮޒައިނާ އާދަމް އާ ޒުވާބު ކުރެއްވުމުގެ ބޭނުމެއް ނެތް ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އަރިހު ވިދާޅުވުމުން އެކަމަށް ރޮޒައިނާ ހޫނު ރައްދެއް ދެއްވައިފިއެވެ.
އެމްޑީޕީ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕުގައި ރައީސް ނަޝީދު ކުރެއްވި މެސެޖުތަކެއްގެ ސްކްރީން ޝޮޓްތަކެއް ވަނީ ސޯޝަލް މީޑިއާގައި ދައުރުވެފައެވެ. ރައީސް ނަޝީދު ކުރެއްވި މެސެޖެއްގައި ވިދާޅުވެފައި ވަނީ އެމަނިކުފާނުގެ ތިމާގެ ކޮއްކޯފުޅު އަދި ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އަރިހުގައި ރޮޒައިނާ ފަދަ "އިޑިއަޓް" އަކާ ޒުވާބު ކުރުމުގެ ބޭނުމެއް ނެތް ކަމަށް ވިދާޅުވެފައެވެ. އަދި ނަޝީދު ވިދާޅުވީ އެމަނިކުފާނަކީ މާލޭގައި ކޮންމެ ކޮންމެ މީހަކާ ޒުވާބުކޮށް އުޅުއްވާ ބޭފުޅެއް ނޫން ކަމަށެވެ.
ލީކްވެގެން އުޅޭ ސްކްރީން ޝޮޓްތަކާ ގުޅިގެން 'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ރޮޒައިނާ ވިދާޅުވީ، ރައީސް ނަޝީދު، އެ މޭރުމުން ވާހަކަފުޅު ދައްކަވާފައި ވަނީ ހަރުކަށި ފިކުރަށް މި ސަރުކާރުން ތާއީދު ނުކުރާ ކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވެ ރޮޒައިނާ ކުރެއްވި ޓްވީޓްތަކަކާ ގުޅިގެން ކަމަށެވެ. އެގޮތުން އެމްޑީޕީ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕުގައި މީހުންގެ ނަން ބޭނުންކޮށްގެން ބުލީ ކުރުމަކީ އާންމު ކަމެއް ކަމަށާއި އެފަދަ ކަންކަމަށް އާދަވެއްޖެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އޭނާގެ ނަން ބޭނުން ކޮށްގެން ބުލީ ކުރި ކަމުގައި ވިޔަސް ދައްކަވަން ޖެހޭ ވާހަކައެއް ނުދައްކަވާ ނުހުންނަވާނެ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.
މީގެ އިތުރުން ޕާޓީއެއްގެ ރައީސެއްގެ މަގާމުގައި ހުންނަވާ ބޭފުޅަކު ޕާޓީގެ މެންބަރަކާ ދިމާއަށް "އިޑިއަޓް" ފަދަ ބަސް ބޭނުން ކުރެއްވުމަކީ އެ ފެންވަރުގެ މަގާމެއްގައި ހުންނަވާ ބޭފުޅަކު ކުރައްވަން ކަމުދާ ވަރުގެ ކަމެއް ނޫން ކަމަށް ވެސް ރޮޒައިނާ ވިދާޅުވިއެވެ.
ވަޓްސްއެޕް ގްރޫޕްގައި ދެކެވުނީ ކޮން ވާހަކަތެއް؟
ވަޓްސްއެޕް ގްރޫޕްގައި ދެކެވުނު ވާހަކަތައް ވެސް ރޮޒައިނާ ވަނީ 'ދަ ޕްރެސް' އާ ހިއްސާ ކުރައްވާފައެވެ. އެގޮތުން އެ މެސެޖުތައް ފެށުނު ހިސާބު ހިއްސާ ކުރައްވަމުން ރޮޒައިނާ ވިދާޅުވީ، ނަޝީދު މެސެޖެއް ކުރައްވާ، ރޮޒައިނާ އެމަނިކުފާނާ އަޅައިގަނެގެން އުޅުއްވަނީ ކީއްވެ ތޯ އެއްސެވި ކަމަށެވެ. އަދި އެމަނިކުފާނުގެ ނަން ބޭނުން ކުރައްވައިގެން އިރުއިރުކޮޅާ ޓްވީޓް ކުރައްވަނީ ކީއްވެތޯ ވެސް އެއްސެވި ކަމަށެވެ. އެ މެސެޖުތަކަށް ރައްދު ދެއްވަމުން ރޮޒައިނާ ވަނީ ނަޝީދާ އަޅައިގަނެގެން ނޫޅުއްވާ ކަމަށާއި ނަޝީދު ދައްކަވާ ހުރިހާ ވާހަކަތަކެއް ގަބޫލު ނުކުރެއްވޭ ކަމަށް ވިދާޅުވެ ފައެވެ.
އެގޮތުން މި ސަރުކާރުން ހަރުކަށި ފިކުރަށް ތާއީދު ކުރާ ކަމަށް ދެކެވޭ ވާހަކަތަކާއި ރައީސް ނަޝީދަށް އަމާޒުކޮށްގެން ދިން ހަމަލާ މި ސަރުކާރުން ނުބަލާ ދޫކޮށްލާނެ ކަމަށް ދެކެވޭ ވާހަކަތަކަކީ ގަބޫލު ކުރައްވާ ވާހަކަތަކެއް ނޫން ކަމަށް ވިދާޅުވެ ރޮޒައިނާ މެސެޖު ކުރެެއްވި ކަމަށް އޭނާ ވިދާޅުވިއެވެ.
އެމެރިކާ ފަދަ ޓެކްނޮލޮޖީ ވަރުގަދަ ގައުމުތަކުގައި ވެސް ސަރުކާރަށް ނޭނގި ޓެރަރިސްޓް ހަމަލާތައް ހިންގާ އިރު، ރާއްޖޭގައި ދޭ އެފަދަ ހަމަލާތަކުގައި ޑީލް ކުރެވޭނީ ވަރަށް ރަނގަޅު ސްޓްރެޓެޖީއަކާ އެކުގައި ކަމަށް ރޮޒައިނާ ވިދާޅުވިއެވެ. އަދި ރައީސް ނަޝީދު މިހާރު ގެންގުޅުއްވާ ސްޓްރެޓެޖީ ރަނގަޅު ނޫން ކަމަށް ރޮޒައިނާ ކުރެެއްވި މެސެޖުތަކުގައި ވަނީ ވިދާޅުވެފައެވެ. އެގޮތުން ހަރުކަށި ފިކުރާ ޖަދަލުކޮށްގެން ޑީލް ކުރެވޭނެ ކަމަކަށް ގަބޫލު ނުކުރައްވާ ކަމަށާއި އެ ފިކުރު ފުޅާ ކުރެވުނީ (ފުޅާވާން ޖާގަ ލިބުނީ) ރައީސް ނަޝީދުގެ ވެރިކަމުގައި ދޫދިނުމިގެ ސަބަބުން ކަމަށް ޖެނެރަލް އިބްރާހިމް ދީދީ ވިދާޅުވުމުން އެކަމާ ރޮޒައިނާވެސް އެއްބަސްވެވަޑައިގަތީ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.
ރައީސް ނަޝީދު ދައްކަވާ ހުރިހާ ވާހަކަތަކަކަށް އެއްބަސްވެވަޑައިގެން ހުންނެވުމަކީ ކުރެއްވޭނެ ކަމެއް ނޫން ކަމަށާއި އެކަން އެހެން ވާތީ މައާފަށް އެދިވަޑައިގަންނަވާ ކަމަށް ރޮޒައިނާގެ މެސެޖުގައި ވިދާޅުވިއެވެ. ރައީސް ނަޝީދު ދައްކަވާ ހުރިހާ ވާހަކައަކަށް ތާއީދު ކުރެއްވުމުގެ ބަދަލުގައި އަސްލު އެމީހަކު ދެކޭ ގޮތް ކޮންމެ މީހަކުވެސް ބުނަން ޖެހޭ ކަމަށް ރޮޒައިނާ ވިދާޅުވެފައި ވެއެވެ.
މި މެސެޖުތަކަށް ފަހު ވަޓްސްއެޕް ގްރޫޕުގައި އީވާ އަބްދުﷲ ވަނީ ރޮޒައިނާއަށް ރައްދު ދެއްވައި މެސެޖުތަކެއް ކުރައްވާފައެވެ. "ރޮޒައިނާ ފަދަ އިޑިއަޓް" އަކާ ޒުވާބު ކުރުމުގެ ބޭނުމެއް ނެތް ކަމަށް ނަޝީދު ވިދާޅުވަނީ އީވާ ރައްދު ދެއްވަން ފެއްޓެވުމުންނެވެ.
ރޮޒައިނާ ވަނީ މީގެ ކުރިން ވެސް ހަރުކަށި ފިކުރާ ދެކޮޅަށް ވާހަކަ ދައްކަވާ ޓްވީޓް ކުރައްވާފައެވެ. އަދި ހަރުކަށި ފިކުރު ރާއްޖޭގައި އޮތް ނަމަވެސް އެކަމަށް ސަރުކާރުން ތާއީދު ނުކުރާ ކަމަށް ރޮޒައިނާ ވަނީ ތަކުރާރު ކޮށް ވިދާޅުވެފައެވެ. މީގެ އިތުރުން ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން މައުލޫމާތު ހިއްސާ ކުރުމަށް ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށް ފަހު ވެސް ރޮޒައިނާ ވަނީ ފުލުުހުން ކުރަމުން ގެންދާ މަސައްކަތަށް ތައުރީފް ކުރައްވާފައެވެ.
ބުލީ ކުރުން އާންމު ކަމަކަށް ވެއްޖެ ކަމަށް ރޮޒައިނާ މިއަދު ވިދާޅުވެފައިވާ އިރު މީގެ ކުރިން ވެސް ވަޓްސްއެޕް ގްރޫޕްގައި އޭނާގެ ނަން ބޭނުންކޮށްގެން ދޮގު މައުލޫމާތުތަކެއް ފަތުރާ ބުލީ ކުރި ކަަމަށް ރޮޒައިނާ ވަނީ ވިދާޅުވެފައެވެ. އެ މައްސަަލަ ފެންމަތިވެފައި ވަނީ މިދިޔަ މާޗް މަހުގެ ކުރީ ކޮޅެވެ. އެއީ އޭރު އިކޮނަމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް އާ ދެކޮޅަށް ރައީސް ނަޝީދު ވާހަކަފުޅު ދައްކަވަމުން ގެންދެވި ދުވަސްވަރެވެ. އެފަހަރު ދެކެވުނު ވާހަކަތައް ރޮޒައިނާއަށް އަމާޒުވެގެން ގޮސްފައިވާ އިރު ރޮޒައިނާ ވަނީ ކްލިނިކެއް ހުޅުވަން ނޫޅުއްވާ ކަމަށާއި ބިޑަށް ކުރިމަތިލެއްވީ ރަނގަޅަށް ކަމަށާއި އެކަމުގައި ފައްޔާޒުގެ އެހީވެސް ނުހޯއްދަވާ ކަމަށް އޭރު ވިދާޅުވެފައެވެ.
ނަފުރަތު ޕާޓީގެ ބޮޑު އިސްތިއުމާރީ ބޮންދު 30 އަރުގެ ތެރޭގައި އިސްތިޢުމާރީ ބާރުތަކުން އުފެއްދި އިސްތިޢުމާރީ ބޮންދު އުޅެނީ މަވެގެން !
ނަސީދުގެ ހުންނަ އަބޫތް ގޮތް ދޫކުރާނީ ކޮންދުވަހަކުންބާ...؟ ތަޅާނެ ކުދިންކޮޅެއް ލިބުނީމަ ބިރުން ދުވަނީ ކީއްވެތަ... އެދުވަހު ތަޅާނެ ކުދިން ހޯދައިގެން ތަޅަންއުޅުނު ގޮތައް ހަމަ މިހާރުވެސް އުޅެންވީނުން ބަޔަކު ހައްޔަރު ނުކުރެވިގެން ހޭބަލި ނުވެ... ބޭނުންވާ މީހުން ހައްޔަރު ނުކުރެވޭތި ގައުމައް އަންނަން ވެސް ނުކެރިފަ އެހުންނަނީ