ރާއްޖޭގައި ދީނީގޮތުން ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތް ކުރުމަށް ހޯމް މިނިސްޓްރީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ބެއްލެވުމުގެ ދަށަށް ގެންގޮސް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ގޮވާލައްވައިފި އެވެ.

ރައީސް މިހެން ގޮވާލައްވާފައި ވަނީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގައެވެ. ނަޝީދު ވިދާޅުވީ، ރާއްޖޭގައި މިހާރު ހަރުކަށި ފިކުރަށް ބޯލަނބައި، އެފަދަ މީހުންނަށް ބާރުލިބޭ ގޮތަށް ވާހަކަ ދައްކާ މީހުން ވަރަށް ގިނަވެއްޖެ ކަމަށެވެ. ހޯމް މިނިސްޓްރީ ހިންގުން ރައީސުލްޖުމްހޫރިއްޔާގެ ދަށަށް ގެންދަވާ ކުއްލި ނުރައްކާ އިއުލާނު ކުރެއްވުމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. އެހެން ހަދައިފި ނަމަ ދުވަސްކޮޅަކުން ޓޫރިޒަމަށް އަސަރުކޮށްފާނެ ކަމަށާއި ނަމަވެސް ފަހުން މާ ރަނގަޅު ވާނެ ކަމަށް ރައީސް ނަޝީދު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖުގައި ވިދާލުވެފައި ވެއެވެ.

އެ މަނިކުފާނު ވިދާލުވިގޮތުގައި، އެމްޑީޕީގެ ވަޓްސްއެޕް ގުރޫޕްގެ މެސެޖުތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބެއްލެވުން ވަރަށް ބޭނުންތެރި އެވެ. އެހެންވެ، އަލިފުށީ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަދި ރައީސްގެ ޅިޔަނު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) އެ މެސެޖުތައް ރައީސަށް ދެއްކެވުމަށް ނަޝީދު އެދިވަޑައިގަތެވެ.

ރައީސް ސޯލިހުގެ ބެއްލެވުމުގެ ދަށަށް ހޯމް މިނިސްޓްރީ ގެންދަން ނަޝީދު ގޮވައިލެއްވި އިރު، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲއާ މެދު ނަޝީދުގެ އެންމެ އަރިސް ބޭފުޅުންގެ މެދުގައި ވަނީ ވަރަށް ބޮޑަށް ނުރުހުން އުފެދިފައެވެ. އޭގެ ތެރެއިން ބައެއް ބޭފުޅުން ގަބޫލުކުރައްވާ ގޮތުގައި ހޯމް މިނިސްޓްރީ އާއި މި ސަރުކާރުގެ ތެރޭގައި ވެސް ދީނީ ގޮތުން ހަރުކަށި ފިކުރުގެ ބަޔަކު އެބަ ތިއްބެވެ. އެކަމަކު، އިމްރާން މީގެ ކުރިން ވަނީ ރާއްޖޭގައި އަޑީދައުލަތެއް ނެތްކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ.

ނަޝީދު، މި މަހުގެ 17 ވަނަ ދުވަހު ނެރުއްވި ބަޔާނުގައި ވެސް ވަނީ އިމްރާން ނިސްބަތްވާ އަދާލަތު ޕާޓީ އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެ މަނިކުފާނު ވިދާޅުވެފައި ވަނީ ކޯލިޝަންގެ އެހީތެރިކަމާ އެކު، މި ސަރުކާރަށް ވެރިކަން ލިބުނަސް ރައީސްގެ ކޮންމެ ނިންމެވުމެއް ބިނާވެފައި ވަނީ އެ ކޯލިޝަންގައި ކުޑަ ހިއްސާއެއް އޮންނަ އަދާލަތު ޕާޓީގެ ބަހަށް ކަމަށެވެ. އެއީ ސަރުކާރު ކޯލިޝަންގެ އެއްބަސްވުމާ ހިލާފު ކަމެއް ކަމަށް ނަޝީދު ވިދާޅުވެފައި ވެއެވެ.

އެ ކަމަށް ރައްދު ދީ، އަދާލަތުން ބުނީ ނަޝީދުގެ ބަޔާނުގެ ބޭނުމަކީ އަމިއްލަ ފައިދާ ހޯދުން ކަމަށެވެ. ޑިމޮކްރެޓިކްކޮށް އިންތިހާބު ކޮށްފައިވާ ސައްހަ ރައީސެއްގެ ބާރުކަނޑުވައިލަން ކުރާ މަސައްކަތް ބައިނަލްއަގްވާމީ މުޖުތަމައުގެ ސަމާލުކަމަށް ގެންނަ ކަމަށް އަދާލަތު ޕާޓީން ބުނެފައި ވެއެވެ.

ރައީސް ނަޝިދަށް އަމާޒުކޮށްގެން މިދިޔަ މެއި 6 ވަނަ ދުވަހު ދިން ހަމަލާއާ ގުޅިގެން ފުލުހުން ހިންގާ ތަހުގީގުގައި މިހާތަނަށް 840 އަށް ވުރެ ގިނަ ތަންތަން ބަލައި، 200 އަށް ވުރެ ގިނަ މީހުންނާ ބައްދަލު ކޮށްފައިވެއެވެ. އަދި މި މައްސަލައިގައި 10 މީހަކު ހައްޔަރު ކޮށްފައިވާ އިރު އޭގެ ތެރެއިން މިހާރު ވެސް ފުލުހުންގެ ބަންދުގައި 6 މީހަކު އެބަ ތިއްބެއެވެ. އަދި އޭގެތެރެއިން 4 މީހެއްގެ މައްސަލަ ޝަރީއަތަށް ވަނީ ފޮނުވާފައެވެ.