ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް މޭ 6، 2021 ވަނަ ދުވަހުގެ ރޭ ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ފުލުހުން މިރޭ ޕްރެސް ކޮންފަރެންސް އެއް ބާއްވަން ނިންމައިފިއެވެ.

ޕްރެސް ކޮންފަރެންސް ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ 2100 ގައި އިސްކަންދަރުކޮށީގައެވެ.

މި ޕްރެސް ކޮންފަރެންސްގައި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދާއި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒުގެ އިތުރުން ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ނަޝީދަށް ދިން ހަމަލާއާ ގުޅިގެން 8 މީހަކު މިހާތަނަށް ހައްޔަރު ކޮށްފައި ވާއިރު އޭގެތެރެއިން 4 މީހަކަށް ދައުވާ ކުރުމަށް ޕީޖީ އަށް ވަނީ ފޮނުވާފައެވެ. އެ 4 މީހުންގެ ވަނަވަރެއް އާންމު ކޮށްފައެއް ނުވެއެވެ. އަދި ހައްޔަރު ކޮށްފައި ވާ 8 މީހުންގެ ތެރެއިން ވެސް ވަނަވަރު ހާމަކޮށްފައި ވަނީ 5 މީހެއްގެއެވެ.

އެއީ މއ. ފޭރުގެ، މުޖާޒު އަހުމަދު، 21، ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހުމަދު، 32، ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދު، 26، ލ. ގަން، ދުންފިނިއުފާ، އަހްމަދު ފާތިހު، 23 އަދި ނ. މަނަދޫ، ނޫރީގޭ، އަލީ ހައިޝަމް، 27 އެވެ.

ނަޝީދަށް ދިން ހަމަލާއާ ގުޅިގެން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ 241 ކޮމިޓީ އިން ވަނީ ރިޕޯޓެއް ނެރެފައެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން އެކަންތައްތައް ހިނގައިދިޔަ ގޮތް ބަލަން މަޖިލީހުގެ 241 ކޮމެޓީން ކުރިއަށް ގެންދިޔަ ތަހުގީގުގައި ސިފައިންނާއި ފުލުހުންގެ އިސްވެރިންނާއި ވަކި ވަކި ސިފައިންނާއި ފުލުހުންގެ އިތުރުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ހިމެނޭ ގޮތަށް 49 ބޭފުޅުން ހާޒިރުކޮށް ސުވާލުކޮށްފައި ވެއެވެ. އަދި 80 އަށް ވުރެ ގިނަ ލިޔުންތަކާއެކު 5550 އަށް ވުރެ ގިނަ ސަފްހާތައް ދިރާސާކޮށްފައި ވެއެވެ.

271 ސަފްހާގެ އެ ރިޕޯޓްގައި ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން އެމްއެންޑީއެފާއި އިންޓެލިޖެންސްގެ މަސައްކަތްތައް ހަރުދަނާކުރަން ހިމެނޭގޮތަށް 45 ކަމެއް ކުރުމަށް ލަފާދީފައި ވެއެވެ. އެގޮތުން ރައީސް ނަޝީދުގެ ހަށިފާރަވެރިން އަބަދުވެސް ހަތިޔާރާއެކު ފޯރިމަރަން އެމްއެންޑީއެފްއަށް އަންގަން ވެސް ލަފާދީފައި ވެއެވެ.