ފޮރިން މިނިސްޓަރު އަދި އދގެ އާއްމު މަޖިލީހުގެ 76 ވަނަ ސެޝަންގެ އިންތިހާބީ ރައީސް އަބްދުﷲ ޝާހިދު، އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މިއަދު ނިއުދިއްލީގައި އޮތް މި ބައްދަލު ކުރެއްވުމުގައި މިނިސްޓަރި ޝާހިދު ވަނީ ރައީސުލްޖުމްހޫރިއްޔާ އާއި ދިވެހި ސަރުކާރާއި އަދި ރައްޔިތުންގެ ނަމުގައި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ އަށާއި، ސަރުކާރާއި އިންޑިއާގެ ރައްޔިތުންނަށް ހެޔޮ އެދުންތައް އަރިސް ކުރައްވާފައެވެ.
އިންޑިއާ އިން ދިވެހިރާއްޖެ އަށް، ހާއްސަކޮށް ކޮވިޑް-19 އާ ގުޅިގެން ފޯރުކޮށްދެމުން ދާ އެހީތެރިކަމަށް ޝާހިދު ވަނީ އިންޑިއާ ސަރުކާރާށް ޝުކުރު އަދާ ކުރައްވާފައެވެ. އަދި ދިވެހިރާއްޖެ އިން އދގެ އާއްމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރިޔާސަތަށް އިންތިހާބު ވުމަށް ކުރި ކެމްޕޭންގައި އިންޑިއާ އިން ތާއީދުކޮށް ދިނީތީ އިންޑިއާ ސަރުކާރަށް ޝުކުރު އަދާ ކުރައްވައި، އެމަނިކުފާނުގެ "އުއްމީދުގެ ރިޔާސަތު" ގައި 76 ވަނަ ސެޝަންގައި ކުރައްވަން އިސްކަން ދެއްވާ މަސައްކަތްތަކާ ބެހޭ މައުލޫމާތު ބޮޑުވަޒީރު މޯދީއާ ހިއްސާ ކުރެއްވިއެވެ.
މި ބައްދަލުވުމުގައި އެމަނިކުފާނުގެ އަރިހުގައި، ދިވެހިރާއްޖެ އިން އިންޑިއާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޑރ. ހުސެން ނިޔާޒް އާއި އޮފީސް އޮފް ދަ ޕްރެޒިޑެންޓް އޮފް ޖެނެރަލް އެސެމްބްލީގެ ޝެފް ޑި ކެބިނެޓް ޑެޒިގްނޭޓް އެމްބެސެޑަރު ނަގަރާޖް ނައިޑޫ ބައިވެރިވެވަޑައިގަތެވެ.
މިނިސްޓަރު ޝާހިދު މި މަހުގެ 22 އިން 24 އަށް އިންޑިއާއަށް ކުރައްވާ ރަސްމީ ދަތުރަކީ އެގައުމުގެ ސަރުކާރުގެ ދައުވަތަކަށް ކުރައްވާ ދަތުރެކެވެ. މިއީ އދގެ އާއްމު މަޖިލީހުގެ އިންތިހާބީ ރައީސްގެ ހައިސިއްޔަތުން ޝާހިދު ކުރެއްވި ފުރަތަމަ ދަތުރެވެ.