ރިސޯޓް މުވައްޒަފުންގެ 80 ޕަސެންޓް މުވައްޒަފުން ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަ ކޮށްފިއެވެ.
ޓޫރިޒަމް މިނސިްޓްރީން ނެރުނު ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިހާތަނަށް އެ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ ބޮޑު ބައެއް ވަނީ ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައެވެ. އެ ގޮތުން ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ވަނީ 97 ޕަސެންޓް މުވައްޒަފުން ޖަހާފައި ކަމަށާއި 80 ޕަސެންޓް މުވައްޒަފުން ވަނީ ދެ ޑޯޒް ޖަހާފައި ކަމަށް އެ ތަފާސް ހިސާބުތަކުން ދައްކައެވެ.
ރައީސް އޮފީހުން ބުނީ، ކޮވިޑް19 ފެތުރެމުންދާ މި ދަނޑިވަޅުގައި އާންމު ހާލަތަށް ރުޖޫއަވުމަށް ކުރާ މަސައްކަތުން މިއީ ހާސިލް ކުރެވުނު ބޮޑު ލަނޑުދަނޑިއެއް ކަމަށެވެ. ގިނަ އަދަދެއްގެ ރިސޯޓް މުވައްޒަފުން ކޮވިޑް ވެކްސިން ޖެހުމުމުގެ ސަބަބުން މިވަގުތު ރިސޯޓުތަކުން ޕޮޒިޓިވްވާ އަދަދު މަދުކަމަށް ރައީސް އޮފީހުން ފާހަގަކުރެއެވެ.
ހަމައެއާއެކު މިދިޔަ މަހު ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދާ މި މަހު ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދާ އަޅާ ބަލާއިރު މި މަހު ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު ވަނީ މައްޗަށް ގޮސްފައި ކަމަށް ރައީސް އޮފީހުން ބުނެއެވެ. މީގެ އިތުރުން ގިނަ އެއާލައިންތައް އަނެއްކާ ވެސް ރާއްޖެއަށް ދަތުރުތައް ފެށުމާއި މި އަހަރުގެ 'ވޯލްޑް ޓްރެވަލް އެވޯޑް' ގެ 10 އެވޯޑަކަށް ރާއްޖެ ނޮމިނޭޓް ވެފައިވާ ކަމަކީ ވެސް ފާހަގަ ކުރެވޭ ކަމެއް ކަމަށް ރައީސް އޮފީހުން ބުނެއެވެ.
މި އަހަރުގެ އިއްޔެގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދަކީ 575،931 އެވެ. މިދިޔަ މަހު ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދަކީ 56،166 އެވެ. އަދި މި މަހު މިހާތަނަށް ރާއްޖެއަށް ވަނީ 65،382 ފަތުރުވެރިން ޒިޔާރަތް ކޮށްފައެވެ.
މި އަހަރުގެ އިއްޔެގެ ނިޔަލަށް ރާއްޖެއަށް އައި ފަތުރުވެރިންގެ ތެރެއިން އެންމެ ގިނަ ފަތުރުވެރިން އައި ގައުމުތަކުގެ ލިސްޓުން އެންމެ ކުރިން ޖާގަ ހޯދާފައި ވަނީ ރަޝިއާއެވެ. މި ލިސްޓުގެ ދެވަނައިގައި އިންޑިއާ، އަދި ތިންވަނައިގައި އޮތީ ޖަރުމަނެވެ.