މުޅި ދުނިޔެ އިނދަޖައްސާލި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ އަސްލު ދެނެގަތުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އިން ކުރިއަށް ގެންދާ ތަހުގީގުގެ 2 ވަނަ މަރުހަލާއަށް، ޗައިނާއިން ހުރަސް އަޅައިފިއެވެ.
2019 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ފަހުކޮޅު ޗައިނާއިން އެންމެ ފުރަތަމަ ރިޕޯޓް ކުރަން ފެށި ކޮވިޑް-19 ޖައްސާ ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް ކޮރޯނާވައިރަސް 2 (ސާސްކޮވް-2)ގެ އަސްލު ދެނެގަތުމަށް ޑަބްލިއުއެޗްއޯއިން ހިންގާ މިނިވަން ތަހުގީގުގެ އިތުރު ބައިތައް ކުރިއަށް ގެންދިއުމަށް އެ ޖަމިއްޔާއިން ކަނޑައަޅާފައިވާ މާއްދާތަކަށް ޗައިނާއިން ވަނީ އިންކާރު ކޮށްފައެވެ.
ޑަބްލިއުއެޗްއޯގެ އިސްވެރިޔާ، ޑރ ޓެޑްރޯޒް އެޑަނޮމް ގެބްރިޔޭސޫސް ވަނީ، ކޮވިޑް-19ގެ ފުރަތަމަ ދުވަސްކޮޅުގެ ކަންކަން ދިޔަ ގޮތް ހިއްސާ ކުރުމުގައި ޗައިނާއިން މިހާރަށް ވުރެ ބޮޑަށް އެއްބާރުލުން ދިނުމަށްވެސް ގޮވާލައްވާފައެވެ. އެގޮތުން ލެބްތަކުގެ އޮޑިޓް ހެދުމަށް ފުރުސަތު ދިނުން ފަދަ ކަންކަން ކުރިއަށް ގެންދިއުމަށް ޖާގަ ތަނަވަސްކޮށްދިނުމަށް ޑރ ޓެޑްރޯޒް ވަނީ ޗައިނާއަށް ގޮވާލައްވާފައެވެ.
ކަން މިހެން އޮތް އިރު، ޗައިނާގެ ޑެޕިއުޓީ ހެލްތު މިނިސްޓަރު ޒަންގް ޔިކްޒިން ވިދާޅުވީ، މިއީ އާންމު ފިކުރިއްޔާތަށް ބޭއިހުތިރާމް ކުރާ އަދި ސައެންސާ ދެކޮޅަށް ގަދަކަން ދެއްކުން ފަދަ ކަމެއް ކަމަށެވެ. އަދި ޑަބްލިއުއެޗްއޯގެ ޕްލޭނަކީ ސިޔާސީ ކުލަ ޖެހިފައި ވާ ޕްލޭނެއް ކަމަށާ، އެ ގައުމަށް، އެ ޕްލޭން ބަލައިގަނެވެން ނެތް ކަމަށެވެ.
ކޮވިޑް-19ގެ އަސްލު ދެނެގަތުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، ޑަބްލިއުއެޗްއޯގެ މިނިވަން ތަހުގީގު ޓީމަށް، ޗައިނާގެ ވޫހާން ސިޓީގައި ހަރަކާތްތެރި ވެވުނީ މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި އެކަންޏެވެ.
ސާސްކޮވް-2 އަކީ ލެބަކުން ލީކުވި ވައިރަހެއް ކަމަށް މުޅިން ބުރަވެވެން ނެތް ކަމަށް އެ ދިރާސާގެ އިބްތިދާއީ ހޯދުންތަކުން ބުނާއިރު، އެ ނަޒަރިއްޔާ މުޅިން އުވާލާފައި ނުވާ ކަން ފާހަގަ ކުރަންޖެހެއެވެ.
މިއަދު ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޒަންގް ވިދާޅުވީ، ޗައިނާގެ ލެބޯޓްރީޓަކަކީ ޕްރޮޓޮކޯލްތައް މުގުރާލާ ލެބްތަކެއް ކަމަށް ޑަބްލިއުއެޗްއޯގެ ޕްރޮޕޯސަލުން ދޭހަ ކޮށްދޭ ކަމަށާ، އެކަމާ ހައިރާންވެވަޑައިގަންނަވާ ކަމަށެވެ.
ޑަބްލިއުއެޗްއޯގެ ހުށަހެޅުން ބަލައިގަނެވެން ނެތް ކަމަށާ، ވައިރަހުގެ އަސްލު ދެނެގަތުމާ ގުޅޭ ދިރާސާތައް ކުރިއަށް ގެންދަން ފެންނަ ގޮތުގެ ލަފާތަކެއް، ޗައިނާއިންވެސް ހިއްސާ ކޮށްފައި ވާނެ ކަމަށެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުން މިހާތަނަށް 4 މިލިއަނަށް ވުރެ ގިނަ މީހުން ޝިކާރަ ކޮށްފައި ވާ ކޮވިޑް-19ގެ ވައިރަހަކީ ވުހާންގެ ލެބަކުން ލީކުވި ވައިރަހެއް ކަމަށް ދުނިޔޭގެ ބޮޑެތި ބައެއް ގައުމުތަކުން ތުހުމަތު ކުރާއިރު، ޗައިނާއިން ދަނީ ތަކުރާރުކޮށް، އެކަމަށް އިންކާރު ކުރަމުންނެވެ.