ދިވެހީންނާއި ވޯކްޕާމިޓް ހޯލްޑަރުންނަށް ޕީސީއާރް ނެގެޓިވް ނަތީޖާއާއެކު ރާއްޖެ އާދެވޭ އުސޫލަށް އިސްލާހެއް ގެނެސްފިއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިއްޔެ ނެރުނު އިއުލާނުގައި ބުނެފައި ވަނީ މި މަހުގެ 26 ވަނަ ދުވަހުން ފެށިގެން ރާއްޖެ އަންނަ ދިވެހީންނަށާއި ވޯކްޕާމިޓް ހޯލްޑަރުންނަށް، 72 ގަޑި އިރު ނުވާ ޕީސީއާރް ނެގެޓިވް ނަތީޖާ އަކާ އެކު ރާއްޖެ އާދެވޭނެއެވެ. އަދި ޕޮޒިޓިވްވެ ބަލިން ރަނގަޅުވެފައި ވާ ފަރާތްތަކުގެ ތެރެއިން 60 ދުވަސް ނުވާ މީހުންނަށާއި ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށް 14 ދުވަސްވެފައިވާ ފަރާތްތައް ކަރަންޓީންވާން ނުޖެހޭނެ ކަމަށް އެ އިއުލާނުގައި އެޗްޕީއޭ އިން ބުނެފައި ވެއެވެ.
މި އުސޫލަށް އިސްލާހެއް ގެނެސް މިއަދު އެޗްޕީއޭ އިން ކުރި އިއުލާނުގައި ބުނެފައި ވަނީ މިގޮތަށް އަމަލު ކުރަން ފަށާނީ މާދަމާއިން ފެށިގެން ކަމަށެވެ.
ޕޮޒިޓިވްވެފަިއވާ ފާރާތްތަކުގެ 60 ދުވަސް ގުނަން ފަށާނީ ޕޮޒިޓިވްވި ސާމްޕަލް ނެގި ތާރީހުން ފެށިގެންނެވެ.
ހަމައެއާއެކު ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައިވާ ފަރާތްތަކާއި ކޮވިޑްޖެހި، ބަލިން ރަނގަޅުވެފައިވާ ފަރާތްތަކާ އެކު ދަތުރު ކުރާ ވެކްސިން ނުޖެހޭ އުމުރުގެ ކުޑަކުދިން ރާއްޖެ އެތެރެވާތާ 5-7 ދުވަހުގެ ތެރޭގައި ޕީސީއާރު ޓެސްޓް ހަދަން ޖެހޭނެ ކަމަށް އެ އުސޫލުގައި އެޗްޕީއޭއިން ބުނެފައި ވެއެވެ. އަދި ރާއްޖެ އަންނަ މީހުންގެ ތެރެއިން ވެކްސިން ފުރިހަމަ ނުކުރާ މީހުންނާއި ކޮވިޑްޖެހި 60 ދުވަސް ނުވާ މީހުން ރާއްޖެ އައުމަށް ފަހު 14 ދުވަސް ކަރަންޓީން މުއްދަތެއް ފުރިހަމަ ކުރަން ޖެހޭ ގޮތަށް އެ އުސޫލުގައި ބަޔާން ކޮށްފައި ވެއެވެ.
މީގެ އިތުރުން ރާއްޖޭން ބޭރުން ރާއްޖެއަށް ދަތުރު ކުރާ ފަރާތްތަށް ދަތުރު ކުރާ ގައުމުގެ ހާލަތަށް ބަލައި އެޗްޕީއޭގެ މި އުސޫލަށް ބަދަލު ގެންނާނެ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.