މާލޭ ހުކުރު މިސްކިތައް އަރައި ބިދޭސީ އަންހެނަކު އަޅުކަމެއް ކޮށްފިއެވެ.

މި މަންޒަރު ފެންނަ ވީޑިއޯއެއް މީސް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. ވީޑިއޯ އިން ފެންނަނީ އަންހެން މީހާ "މެޑިޓޭޝާން" ގައި އިންނަ މަންޒަރެވެ. އެއީ ޔޯގާ ކަސްރަތު ކުރާ މީހުން ވެސް އިށީނދެގެން ތިބޭ ގޮތެކެވެ. ވީޑިއޯ އާންމު ކުރި ބައެއް ފޭސްބުކް ޕޭޖްތަކުގައި ވެސް ބުނެފައި ވަނީ އަންހެން މީހާ އިނީ ޔޯގާ ކަސްރަތު ކުރަން ކަމަށެވެ. ނަމަވެސް ވީޑިއޯ އިން ފެންނަ އަންހެން މީހާ އިނީ ޔޯގާ ކަސްރަތަށް ވުރެ ބޮޑަށް އަޅުކަމެއްގައި ކަމަށް ފާހަގަ ކުރެވެއެވެ.

މާލޭ ހުކުރު މިސްކިތުގައި ނަމާދު ކުރުމުގެ ހުއްދަ އޮންނަނީ ވެސް ހަމައެކަނި ފިރިހެނުންނަށެވެ.

ހުކުރު މިސްކިތަށް އަރާ އިން އަންހެން މީހާއާ ބެހޭ ގޮތުން ފުލުހުންވެސް އަދި ކަމާބެހޭ އެއްވެސް އިދާރާއަކުން އަދި އެއްޗެއް ނުބުނެއެވެ. މި މަައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ހދ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ ވަނީ ކަންބޮޑުވުން ފާޅު ކުރައްވައި، "ރައްޔިތުން ނިކުމެ ތަޅާމާރައިގެން ވެސް މިކަން މިހާރުން މިހާރަށްވެސް ހުއްޓުވަން ޖެހޭ. ނޫނީ މާދުރުނޫން މުސްތަގުބަލެއްގައި މިސްކިތުގެ ބަދަލުގައި ފައްޅިތައް ފެންނަން ފަށާނެ" ކަމަށް ވިދާޅުވެ ޕޮލިހާއި އިސްލާމިކް މިނިސްޓްރީއާއި ހޯމް މިނިސްޓްރީގެ ސަލާކުކަމަށް އެމައްސަލަ ފާހަގަ ކުރައްވާފައެވެ.

ފަހަކަށް އައިސް މިސްކިތަށް އިހްތިރާމް ކުޑަވާ އެތައް ކަމެއް މިސްކިތްތަކުގެ ތެރޭގައި ހިނގަމުން އާދެއެވެ. އެގޮތުން މަސްތުގެ ހާލުގައި ތިބޭ ދިވެހި ފިރިހެނުން މިސްކިތްތަކުގައި މަސްތުވާތަކެތި ބޭނުންކޮށް އެތަކެތި ފޮރުވަން ހަތީމުގެ ތެރެއަށް ލުމާއި، މިސްކިތްތެރޭގައި ނިދާ ހެދުން އެތައްް ފަހަރަކު ވަނީ ފާހަގަ ވެ ފިޔަވަޅު އަޅާފައެވެ.